ބަނގުރާ

ކާރެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި

ކާރެއްގެ ތެރެއިން ފެނުނު ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، އިރާސްމެކުގެ، އަލީ އާލިމާއި ގއ. ކޮލަމާފުށި، ނިވައިދަށުގެ، އަލީ ރަފާހް ރިޔާޒެވެ.

އާލިމާއި ރަފާހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މައްސަލައިގައި ދެ މީހުން ތިބި ކާރު ތެރެ ބަލާ ފާސްކުރިއިރު ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއި ދަޅުތަކެއް ފެނިފައިވެ އެވެ.

ދެ މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް ދެ މީހުންނެވެ.

މިފަހުން ވެސް ވަނީ ކާރެއްގެ ތެރެއިން 106 ބަނގުރާ ފުޅިއާއެކު ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. އޭނާ ވަނީ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފަ އެވެ.