ހަބަރު

އިންސާނީ ވަގުފާރި ހުއްޓުވުމުގެ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

އިންސާނީ ވަގުފާރި ހުއްޓުވުމާގުޅޭ ދާއިރާއިން މީހުން ބިނާ ކުރުމަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފި އެވެ.

ހިއުމަން ޓްރެފިކިންއަށް ހޭލުންތެރިކޮށް އެ ދާއިރާއިން މީހުން ބިނާކުރުމަށް، ދެ ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުންނާއި، އެ މިނިސްޓްރީގެ ބެލުމުގެދަށުން އަތޮޅުތަކު ތެރޭގައި ގާއިމް ކޮށްފައިވާ ބިޒްނަސް ސެންޓަރުގެ މުވައްޒަފުންނާއި ލޭބާ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްތްކުރައްވާ ޖަމްއިއްޔާތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މި ތަމްރީން ޕްރޮގްރާމްގައި، މީހުން ޓްރެފިކް ކުރުމާއި ސްމަގަލް ކުރުމަކީ ކޮބައި ކަމާއި ޓްރެފިކް ކުރުން ހުއްޓުވުމަށް ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނީ އޮނިގަޑު އެކުލަވާލެވިފައިވާ ގޮތާއި ބެހޭ ގޮތުން މައުލޫމާތު ދެއްވި ކަމަށާއި ވަގުފާރީގެ ޝިކާރަޔަކަށް ވާ ފަރާތްތައް ދެނެގަންނާނެ ގޮތްތަކާއި، އެފަދަ ފަރާތްތަކަށް އެހީތެރިކަން ދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި، ޓްރެފިކްކުރުން ހުއްޓުވުމާއި ގުޅޭ މައުލޫމާތު ދެއްވި ކަމަށެވެ. މީގެ އިތުރުން އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަަރަކާތްތެރިވާ އެކި މުއައްސަސާތަކުގެ ދައުރާއި މަސްއޫލިއްޔަތުތަކަށް އަލިއަޅުވާލައިފަވާ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެއެވެ.

އެމިނިސްޓްރީ އިން ބުނި ގޮތުގައި ހިއުމަން ޓްރެފިކިންއާ ގުޅޭ ތަމްރީންތައް ދެއްވާފައިވަނީ، އެ ދާއިރާގައި މަސައްކަތްކުރައްވާ ގާނޫނީ ވަކީލުންނާއި، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަންއާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަމާބެހޭ ފަންނީ ބޭފުޅުންނެވެ.