ދުނިޔެ

އިޒުރޭލުން ބޭރޫތަށް ހަމަލާދޭން އުޅޭކަން ކުރިން އެގިފައެއް ނެތް: ޕެންޓަގަން

ލުބްނާންގެ ވެރިރަށް ބޭރޫތަށް ހަމަލާދޭން އުޅޭކަން އިޒުރޭލުން ކުރިއާލައި އެމެރިކާއަށް އަންގާފައި ނުވާ ކަމަށް ޕެންޓަގަން އިން ބުނެފި އެވެ.

ޕެންޓަގަންގެ ތަރުޖަމާން ސަބްރީނާ ސިންގް ވިދާޅުވި ގޮތުން ބޭރޫތަށް ހަމަލާދިނުމުގައި އެމެރިކާ އެއްވެސް ވަރަކަށް ބައިވެރި ނުވެ އެވެ. އަދި އެއީ އެމެރިކާއިން އެއްވެސް ވަރަކަށް އިރުޝާދު ދީފައި އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އިޒުރޭލުގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ދެކުނު ލުބްނާންގައި ހިޒްބުﷲ ހަނގުރާމަވެރިން ފިލާ ތިބި މަންޒިލަކަށް ބާރުގަދަ ހަމަލާތަކެއް ވަނީ ދީފަ އެވެ. މި ހަމަލާތަކަކީ ކުރިއާލައި އެއްވެސް ވަރަކަށް ވާހަކަދައްކާފައިވާ ހަމަލާތަކެއް ނޫން ކަމަށް ބަޔާނުގައި އޮތީ ބުނެފަ އެވެ.

އިޒުރޭލުގެ ހަމަލާތަކުގައި ހިޒްބުﷲގެ ހެޑްކުއާޓަރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަަނީ ދީފަަ އެވެ. އަދި އެޖަމާއަތުގެ ވެރިންގެ ތެރެއިން ބަޔަކު މަރުވެފައިވާ ކަމަށްވެސް އޮތީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުން މިހާރު ބޭނުންކުރަނީ މުޅިން އަލަށް އުފައްދާފައި ހުރި ބޮންތަކެކެވެ. މި ބޮންތަކުން ލިބޭ ގެއްލުން، އެވަރުގެ ބޮމަކުން މީގެ ކުރިން ލިބިފައި ހުރި ގެއްލުންތަކަށް ވުރެ ބޮޑެވެ.

ސަބްރީނާ ސިންގް ވިދާޅުވި ގޮގުގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން، އިޒުރޭލުގެ ދިފާއީ ވަޒިރު ޔޮއާވް ގަލަންޓްއަށް ފޯނުކުރައްވައި ވަނީ ހަމަލާތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވާފަ އެވެ.

އިޒުރޭލުގެ ހަމަލާތަކުގައި ބޭރޫތަަށް ލިބިފައިވަނީ ކިހާ ގެއްލުމެއްކަން އެމެރިކާއަށް އަދި އަންދާޒާ ނުކުރެވޭ ކަމަށްވެސް ސަބްރީނާ ވިދާޅުވި އެވެ.

އިޒުރޭލުން ބޭރޫތަށް ހަމަލާދިނީ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ މަރާލަންތޯ ނޫސްވެރިޔަކު ކުރި ސުވާލަށް އޭނާ ވިދާޅުވީ ޕެންޓަގަނުން ދޭ ޖަވާބެއް ސައްހަވާން ޖެހޭނެ ކަމަށެވެ. އެއީ ހަސަން ނަސްރުﷲ މަރާލަން ދިން ހަމަލާއެއްކަން -- އަދި އެ ހަމަލާގައި މަރުވި މީހުންގެ މައުލޫމާތު ޕެންޓަގަނަށް އަދި ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުން ބޭރޫތަށް ދިން ހަމަލާތަކަށްފަހު ހަސަން ނަސްރުﷲގެ ހަބަރެއް އަދި ނުވެ އެވެ. އެ ޖަމާއަތުގެ ވެރިންނަށްވެސް އޭނާއާ ގުޅޭ ގޮތް އަދި ނުވާ ކަމަށް ބުނާ ހަބަރުތަކެއްވެސް އެބަ އުޅެ އެވެ.

އިޒުރޭލުގެ އަސްކަރިއްޔާގައި ހުރި ނަމަ ހުރި ބާރަކުން ލުބްނާނަށް ހަމަލާދިނުމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަަސްކަރިއްޔާއަށް އަމުރުކުރައްވާފަ އެވެ.