މޯލްޑިވްސް ޕޮލިސް ސާވިސް

ކުށްކުރުން މަދުވެއްޖެ: ޕޮލިސް

ކުށްކުރުން އޮގަސްޓް މަހާއި އަޅާބަލާއިރު ސެޕްޓެމްބަރު މަހު މަދުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބު ހިއްސާކުރައްވަމުން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ވައްކަމާއި ފޭރުން އަދި ޖުމްލަކޮށް ހުރިހާ ބާވަތެއްގެ ކުށް އޮގަސްޓް މަހާއި އަޅާބަލާއިރު ސެޕްޓެމްބަރު މަހު މަދުވެފައިވާ ކަމަށެވެ.

މިއީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ތަންފީޒުކުރަން ފެށި ކަންކަމުގެ ހެޔޮ ނަތީޖާ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

ފުލުހުން ހާމަކުރި ތަފާހިސާބުތައް ދައްކާ ގޮތުން ޓްްރެފިކް އެކްސިޑެންޓްތަކާއި މަސްތުވާތަކެތީގެ މައްސަލަތައްވެސް ވަނީ މަދުވެފަ އެވެ.

ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ މައްސަލަތައްވެސް މަދުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބު

  • ވައްކަން - އޮގަސްޓް: 327 މައްސަލަ | ސެޕްޓެމްބަރު: 230 މައްސަލަ
  • ޓްރެފިކް އެކްސިޑެންޓް - އޮގަސްޓް: 204 މައްސަލަ | ސެޕްޓެމްބަރު: 143 މައްސަލަ
  • ފޭރުން - އޮގަސްޓް: 46 މައްސަލަ | ސެޕްޓެމްބަރު: 32 މައްސަލަ
  • މަސްތުވާތަކެތި - އޮގަސްޓް: 134 މައްސަލަ | ސެޕްޓެމްބަރު: 111 މައްސަލަ
  • ގެވެށި އަނިޔާ - އޮގަސްޓް: 31 މައްސަލަ | ސެޕްޓެމްބަރު: 11 މައްސަލަ
  • ޖިންސީ ގޯނާ - 43 އޮގަސްޓް: މައްސަލަ | ސެޕްޓެމްބަރު: 12 މައްސަލަ
  • މާރާމާރީ - އޮގަސްޓް: 55 މައްސަލަ | ސެޕްޓެމްބަރު: 48 މައްސަލަ

މީގެ އިތުރުން ގެއްލުން ދިނުމުގެ މައްސަލަތަކާއި ކައުންޓާފީޓް އާއި ފޯޖަރީގެ މައްސަލަތައްވެސް މަދުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ގެއްލުން ދިނުމުގެ 50 މައްސަލަ މި އަހަރުގެ އޮގަސްޓް މަހު ރިޕޯޓްކުރިއިރު ސެޕްޓެމްބަރު މަހު ރިޕޯޓްކޮށްފައިވަނީ 40 މައްސަލަ އެވެ.

ކައުންޓާފީޓް އާއި ފޯޖަރީގެ 16 މައްސަލަ އޮގަސްޓް މަހު ރިޕޯޓްކުރިއިރު އެ އަދަދު ސެޕްޓެމްބަރު މަހު ހުރީ 12 ގަ އެވެ.