އެމްއެމްއޭ

ޓޫރިޒަމް ދާއިރާއިން ލިބޭ ބޭރު ފައިސާ ބޭންކްތަކަށް ޖަމާކުރަން ލާޒިމުކޮށްފި

ފަތުރުވެރިކަމުގެ ދާއިރާ އިން ބޭރު ފައިސާގެ ގޮތުގައި ލިބޭ ފައިސާ ބޭންކްތަކަށް ޖަމާކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލާޒިމުކޮށްފި އެވެ.

އެމްއެމްއޭ އިން ގެޒެޓްކޮށްފައިވާ ގަވައިދުގައިވާ ގޮތުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް އަލުން މީރާގައި ރަޖިސްޓަރީވުމަށްފަހު އެމްއެމްއޭގައި ރަޖިސްޓްރީވާން 30 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އަދި ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތުގެ ތަފްސީލު ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ އެމްއެމްއޭ އަށް ހުށަހެޅުމަށާއި ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އަދަދު އެ މަހަށްފަހު 87 ދުވަސް ކުރިން ބޭންކެއްގައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކުރަން ޖެހެ އެވެ. އަދި އެގޮތަށް އަމަލުކުރުމަށްފަހު އެކަން އެމްއެމްއޭއަށް އަންގަންވެސް ޖެހެ އެވެ.

މިގަވައިދުގައިވާ ގޮތުން ޓޫރިޒަމް ދާއިރާގެ 12 ދާއިރާއެއް ފިޔަވާ އެހެން ދާއިރާތަކުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ރުފިޔާ އިން ކުރުމަށްވެސް ލާޒިމުކޮށްފައިވެ އެވެ.

އިސްތިސްނާ ކުރި ކަންކަން

  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ޑިވިޑެންޑް ދިނުމައި ހިއްސާދާރުންނާ ދެމެދު ހިންގާ މުއާމަލާތްތައް
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުންނަމަ މުސާރަ އާއި އިނާޔަތް ބޭރު ފައިސާއިން ދިނުން
  • ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ސަރުކާރަށް ނުވަތަ ދައުލަތަށް ދެއްކުމަށް ހޭދަކުރާ ފައިސާ
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ގަންނަ މުދަލެއް ނުވަތަ ހިދުމަތަކަށް
  • ޓޫރިޒަމް ދާއިރާއަށް ވިއްކާ އިންޝުއަރެންސް ޕޮލިސީތަކާ ގުޅޭ މުއާމަލާތްތައް
  • ޑިއުޓީ ފްރީ ފިހާރަތަކުން ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ ހިއްސާ ގަނެވިއްކުން
  • ރެމިޓެންސް ހިދުމަތްދޭ ފަރާތްތަކާ އެކު ހިންގާ މުއާމަލާތްތައް
  • ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު
  • އެކްސްޕޯޓް ކުރެވޭ މުދަލާއި ހިދުމަތުގެ އަގު
  • ބޭރުގެ މުއާމަލާތްތައް

އެމްއެމްއޭ އިން މިއަދު ގެޒެޓް ކުރި ގަވައިދުގައި ވަނީ އެ ގަވައިދާ ހިލާފަށް އަމަލުކޮށްފިނަމަ ޖޫރިމަނާ ކުރެވޭނެ ގޮތްތަކެއް ވެސް ކަނޑައަޅާފަ އެވެ. އެގޮތުން ގަވައިދާ ހިލާފަށް އަމަލުކޮށްފިނަމަ އެ ފަރާތެއް 10،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.