މާލޭ ސިޓީ

ފެން ބޮޑުވާ މައްސަލަ ހައްލުކުރަން ވަގުތީ ނިޒާމު ގާއިމުކޮށްފި

މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް ދެ ސަރަހައްދެއްގައި ވަގުތީ ނިޒާމު ގާއިމުކޮށްފި އެވެ.

ފެން ބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ވަގުތީ ނިޒާމު ގާއިމުކުރީ ވެސްޓް ޕާކް ސަރަަހައްދުގެ އިތުރުން މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގަ އެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ އިތުރު ސަރަހައްދުތަކެއްގައިވެސް ފެން ހިންދާ ވަގުތީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

އެ ގޮތުން މިހާރު އައިޖީއެމްއެޗް ކައިރީގައިވެސް ފެން ހިންދާ ވަގުތީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ މަސައްކަތް ނިމުމުން އާޓިފިޝަލް ބީޗް ސަރަހައްދުގައި އެފަދަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މާލޭގެ މަގުތައް ހަދާފައި ހުރިގޮތުން ވާރޭވެހޭ ދުވަސްވަރު ފަސޭހައިން ފެންބޮޑުވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މިއާއެކު ބައެއް ގެތަކަށް ފެނުގެ އަސަރުކޮށް ގެތަކަށް ގެއްލުންވެއެވެ. އަދި އެ ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިއްކަން ފޯރުކޮށްދިނުމާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތައް ކުރިމަތިވެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ނިމެންދެން، ފެން ބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުގެ މަސައްކަތް ފެށީ މި އަހަރުގެ މޭ މަހު އެވެ.