ފައްޔާޒް އިސްމާއީލް

ޑޮލަރުން ނަގާނެ އަދަދެއް ކަނޑައެޅުން ގޯސް، އާމްދަނީގެ ޕަސަންޓެއް ނެގިދާނެ: ފައްޔާޒު

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކު ޑޮލަރުން ފައިސާ ދައްކާނެ އަދަދެއް ކަނޑައެޅުމުގެ ބަދަލުގައި ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ލިބޭ ވަކި ޕަސަންޓެއް ނެގިދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ އިއްޔެ މޯލްޑިވްސް މަނިޓަރު އޮތޯރިޓީ (އެމްއެމްއޭ) އިން ގެޒެޓުކޮށްފައިވާ ގަވާއިދާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެމްއެމްއޭއިން އާންމުކުރި ގަވާއިދުގައިވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އޭ ކެޓަރަގަރީގެ ވިޔަފާރިތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން އަދި ބީ ކެޓަގަރީގެ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއަކަށް 28 ޑޮލަރުގެ ރޭޓުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީ ކޮންމެ މަހެއްގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަކުން ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ އެވެ.

ފައްޔާޒު ވިދާޅުވީ އެ ގަވާއިދުގެ މިހާރު އޮތް ގޮތުން ދިވެހި ރުފިޔާ ގިނަ އަދަދުތަކުން ލިބޭ ގެސްޓްހައުސްތަކާއި ދަށު ފަންތީގެ ރިސޯޓުތަކަށް ބޮޑެތި ގެއްލުންތައް ވެގެންދާނެ ކަމަށެވެ. އަދި ގެސްޓްހައުސްތަކާއި ސަފާރީތައް ތަފާތުކުރުމުގެ ސަބަބުން ލިވްއަބޯޑް އިންޑަސްޓްރީއަށާއި މެދު މާކެޓް ރިސޯޓުތަކަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ.

"ބޭރު ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް މި ނިންމުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނު ނަމަވެސް ގަވާއިދު ތަންފީޒުކުރުމުގައި މައްސަލަތަކެއް އެބަހުރި،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ނިންމުމުން އެކަނި ޑޮލަރުގެ މާކެޓުގައި ހުރި މައްސަލަތައް ހައްލު ނުވާނެ ކަމަށެވެ. މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް މަދުކޮށް، ފައިސާގެ މުއާމަލާތްތައް ހިންގާ ތަންތަން ރަނގަޅަށް މޮނީޓަކުރަންޖެހޭ ކަމަށްވެސް ޗެއާޕާސަން ވިދާޅުވި އެވެ.

މީގެއިތުރުން 2022 ވަނަ އަހަރު މަޖިލީހުން ވަނީ ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީގެ ވަކި ޕަސަންޓެއް ބޭންކުތަކަށް ޖަމާކުރަންޖެހޭ ގޮތަށް ނިންމާފައި ކަމަށާއި ނަމަވެސް އެމްއެމްއޭ އިން އެ ނިންމުން ތަންފީޒުކޮށްފައި ނުވާ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

"ކޮވިޑް-19 ގެ ސަބަބުން އޭރު ކުރިމަތިވެފައިވާ އިގްތިސާދީ ހަލާތާއި ޓީޖީއެސްޓީ ރޭޓު މަތިވުމުގެ ސަބަބުން އެމްއެމްއޭއިން އެ ނިންމުން ތަންފީޒުނުކޮށް އޮތުމުން ތޫރިޒަމް އިންޑަސްޓްރީ އޮތީ މިކަމަށް ތައްޔާރުނުވެ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ މިހާރު އޮތް ގަވާއިދު އިސްލާހުކުރުމަށް ސްޓޭކްހޯލްޑަރުންނާއެކު އެމްއެމްއޭއިން މަޝްވަރާކުރުމަށްވެސް ގޮވާލައްވާފަ އެވެ. އަދި ގަވާއިދުގެ ސަބަބުން މެދު ފަންތީގެ އަދި ކުދި ވިޔަފާރިތަކަށް އަދި ކުރިއަށް އޮތް ތަނުގައި ފޮރިން އިންވެސްޓްމަންޓަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.