ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ގާނޫނީ ގޮތުން ލިބިފައިވާ ހައްގުތަކަށް އަރައިގެންފައިވާތީ ރައީސްގެ އާއިލާ އިން ބައެއް ފަރާތަކަށް ދައުވާކުރަން ނިންމައިފި އެވެ.
ރައީސްގެ އާއިލާގެ ފަރާތުން މިއަދު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަނައިބް އާޒިމާ ޝަކޫރު އެވެ.
ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ ދިފާއުގައި އާއިލާ އިން ދައުވާ ކުރަން ނިންމީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ނިމުނު ހަފްތާގެ ތެރޭގައި އެމްޑީޕީން ބޭއްވި އެއްވުމެއްގައި އުމައިރުއާ ގުޅުވާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
އެމްޑީޕީގެ އެއްވުމުގައި މަންދީ ވިދާޅުވީ ރާއްޖޭގައި ވޭޕް ބޭނުންކުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރައްވާކަން ހާމަވި ހިސާބުން ކަމަށެވެ.
މަންދީގެ މިވާހަކަތަކަށްފަހު އުމައިރުގެ ފޮޓޯ އާންމުކޮށް އެތައް ބަޔަކު ވަނީ ސޯޝަލްމީޑިއާގައި ސާބިތު ނުހިފޭ އެތައް ވާހަކަތަކެއް ދައްކާފަ އެވެ. އަދި އެ ވާހަކަތަކުގެ ދިފާއުގައި ރައީސްއަށް ތާއީދުކުރާ މީހުންނަށް ސަރުކާރުގެ އިސްވެރިންވެސް ސޯޝަލްމީޑިއާގައި އެތައް ވާހަކަތަކެއް ދައްކާފަ އެވެ.
އާޒިމާ ވިދާޅުވީ ރައީސްގެ އާއިލާ އިން ދައުވާކުރަން މިހާތަނަށް ނިންމާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ)އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި އެމްޑީޕީ އަށެވެ.
އާޒިމާ ވިދާޅުވި ގޮތުގައި މަންދީއަށް ދައުވާ ކުރަނީ ރައީސްގެ ދަރިކަލުންނަށް ލިބިފައިވާ ގާނޫނީ އެތައް ހައްގެއް ގެއްލޭގޮތަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ދެއްކުމުން ރައީސްގެ ދަރިކަލުންނަށް ބުލީކުރަމުންދާތީ ތައުލީމީ ހަޔާތަށާއި އިޖުތިމާއީ ހެދިބޮޑުވުމަށް އެތައް އަސަރެއް ކޮށްފައިވާތީ ކަމަށެވެ. ފައްޔާޒަށް ދައުވާ ކުރަން ނިންމީ މަންދީ ދެއްކެވި ވާހަކަތަކުގެ ދިފާއުގައި ކަމަށް ބެލެވޭ ގޮތަށް ޓްވީޓެއް ކުރައްވާފައިވާތީ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެމްޑީޕީއަށް ދައުވާ ކުރަން ނިންމީ މަންދީ ދެއްކެވި ވާހަކަތައް ދެއްކެވީ އެމްޑީޕީން އިންތިޒާމު ކުރި ހަރަކާތެއްގެ ތެރެއިން ކަމަށްވާތީ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސްގެ އާއިލާ އިން ބައެއްގެ މައްޗަށް ކުރަން ނިންމާފައިވަނީ މަދަނީ ދައުވާތަކެކެވެ. ނަމަވެސް ކުރާނެ ދައުވާތަކުގެ ތަފްސީލް އާޒިމާ ހާމައެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މައްސަލަ ދިރާސާކުރުމަށްފަހު ކުރާނެ ދައުވާތައް އެނގޭނީ ކޯޓަށް ހުށަހެޅުމުން އެ މަރުހަލާގައެވެ.
އާޒިމާ މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ކުރިން ފުރަތަމަ އިއްވެވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ހާއްސަ ބަޔާނެކެވެ. ސާޖިދާގެ ބަޔާނުގައި ވަނީ އުމައިރަކީ ވޭޕް ބޭނުންކުރާ ކުއްޖެއް ކަމަށް ކުރާ ތުހުމަތު ދޮގުކުރައްވާފަ އެވެ. އެގޮތުން އެކަމަނާ ވިދާޅުވީ އުމައިރަކީ ވޭޕް ވެސް އަދި ސިނގިރެޓް ވެސް ދުވަހަކުވެސް ބޭނުންކުރި ކުއްޖެއް ނޫން ކަން ސާބިތުކަމާ އެކު ޔަގީންކޮށްދެއްވާ ކަމަށެވެ.
އުމުރުން މިއަހަރު 16 އަހަރުވެފައިވާ އުމައިރާ ގުޅޭގޮތުން ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ދެއްކުމާއި ގުޅިގެން އުމައިރަށް ގާނޫނީ ގޮތުން ލިބިފައިވާ ރައްކާތެރިކަން ގެއްލި ނުރައްކާތެރިކަމަށް ހުށަހެޅިފައިވާ ކަމަށްވެސް ސާޖިދާގެ ބަޔާނުގައި ކަންބޮޑުވުމާ އެކު ފާހަގަކުރައްވާފަ އެވެ. އެއްވެސް ކުއްޖަކަށް ބުލީކުރުމާއި ގޯނާކުރުމާއި ހައްގުތައް ގެއްލޭ ގޮތަށް އަމަލުކުރުމަކީ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ.