އިޒުރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ބުރާސްފަތި ދުވަހުގެރޭ ލުބްނާންގެ ވެރިރަށް ބޭރޫތުގައި ހުންނަ ހިޒްބުﷲގެ ބަންކަރުތަކަށް 73 ޓަނުގެ ބޮން އަޅައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބޮންއެޅި ވަގުޔު ހިޒްބުﷲގެ އިސް ލީޑަރުންގެ ބަޔަކު އެ ބަންކަރުގައި ތިއްވެވެ.
އިޒުރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ލުބްނާން އާއި ސީރިއާއާ ދެމެދު ބިމުއަޑީގައި ހަދާފައި ހުރި މަގުތަކަށް ވެސް އިޒުރޭލުން ވަނީ ބޮންއަޅާފަ އެވެ.
މި މަގުތަކަކީ ޚަބަރުތައް ބުނާ ގޮތުން ސީރިއާ އާއި ލުބްނާންއާ ދެމެދު ތަކެތި ބަދަލުކޮށް ސްމަގްލްކުރަން ހަދާފައި ހުރި މަގުތަކެކެވެ.
އިޒުރޭލުގެ މި ހަމަލާއަށް ފަހު ކަންތައް ހިނގާ ދިޔަ ގޮތް އަދި އެއްވެސް ފަރާތަކުން -- އިޒުރޭލުން އަދި ހިޒްބުﷲއިން ވެސް އާންމެއް ނުކުރެ އެވެ. ލިބުނު ގެއްލުންތަކާ ބެހޭ ގޮތުން އަދި ވާހަކައެއް ނުދައްކަ އެވެ.
އިޒުރޭލުގެ އަސްކަރިއްޔާއިން ހިޒްބުﷲގެ މަގާމުތަކަށް ކަމަށް ބުނެ ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި، ލުބްނާންގެ އާންމު ބިނާތަކެއް ވަނީ ސުންނާފަތިކޮށްފަ އެވެ. އަދި އާންމުންގެ އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.
އިޒުރޭލުން ބުނަނީ އާންމުންނަށް އަމާޒުކޮށް ހަަމަލާނުދޭ ކަމަށެވެ. ނަމަވެސް، އާންމުންގެ އެތައް ބަޔަކު މަރުވެފައިވާކަން އިންސާނީ ހައްގުތަށް ހިމާޔަތްކުރާ ޖަމިއްޔާތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ލުބްނާންގެ ސިއްހީ ވަޒީރު ފިރާސް އާބިއާދުއާ ހަވަލާދީ ލޯކަލް ޚަބަރުގައް ބުނާ ގޮތުން އިޒުރޭލުގެ ހަމަލާތަކުގައި -- ހަނގުރާމައާ ގުޅުމެއް ނެތް 1،974 މީހަކު ވަނީ މަރުވެފަ އެވެ.
އިޒުރޭލުގެ އަސްކަރިއްޔާއިން ބުނާ ގޮތުން ހިޒްބުﷲގެ އެތައް ހާސް އަމާޒަކަށް ވާނީ ހަމަލާދީފަ އެވެ. މިއީ މިހާތަނަށް ލުބްނާނަށް އެންމެ ގިނައިން ހަމަލާދިން ހަނގުރާމަ ކަމަށް ޚަބަރުތައް ބުނެ އެވެ.
މަަންޒަރު ދުށް މީހުން ފާހަގަކުރާ ގޮތުގައި 2006 ވަނަ އަހަރު އިޒުރޭލާއި ލުބްނާންއާ ދެމެދު ކުރެވުނު ހަނގުރާމަ އަށް މިފަހަރުހާ ގިނައިން ހަމަލާތައް ބަދަލުކޮށްފައެއް ނުވެ އެވެ.