މޯލްޑިވްސް އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަންގައި ހުޅުމާލޭއިން ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބުރާސްފަތި ދުވަހު ވަނީ ހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މީގެ އިތުރުން އިމިގްރޭޝަނަށް އަލަށް ވަންނަ އޮފިސަރުންނަށް ދޭ ހާއްސަ ތަމްރީނުގެ ދަށުން މި ރެއިޑުގައި "އިމިގްރޭޝަން އޮފިސާ ޓްރެއިނީސް" ބައިވެރިވެފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ގެންދަނީ ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 3،500 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފަ އެވެ.

މީގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ބިދޭސީންވެސް ހިމެނެ އެވެ.