މޯލްޑިވްސް އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން އުޅުނު 45 މީހަކު ހިފަހައްޓައިފި

ގަވާއިދާ ހިލާފަށް މި އަހަރުގެ މިހާތަނަށް ރާއްޖެ އެތެރެވާން އުޅުނު 45 މީހަކު ހުއްޓުވައިފި އެވެ.

މޯލްޑިވްސް އިމިްގރޭޝަނުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި އަހަރުގެ މިހާތަނަށް ގަވައިދާ ހިލާފަށް ވައިގެ މަގުން ރާއްޖެ އެތެރެވާން އުޅުނު 45 މީހަކު ވަނީ ހިފަހައްޓާފަ އެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ އަށް މީހަކު ވަނީ ހުއްޓުވާފަ އެވެ. މީގެތެރޭގައި ވަގު އައިޑީގައި އެތެރެވާން އުޅުނު މީހަކާއި، ވަގު ޕާސްޕޯޓު ބޭނުންކޮށްގެން އެތެރެވާން އުޅުނު ހަ މީހަކާއި، އެހެން މީހަކަށް ވެގެން އެތެރެވާން އުޅުނު މީހަކު ހިމެނެ އެވެ.

ދެވަނަ ކުއާޓާގައި ވަނީ ޖުމްލަ 17 މީހަކު ހުއްޓުވާފަ އެވެ. އެއީ ފޯޖުކޮށްފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން އެތެރެވާން އުޅުނު މީހަކާއި، ވަގު ޕާސްޕޯޓް ބޭނުންކޮށްގެން އެތެރެވާން އުޅުނު 16 މީހެކެވެ.

އަހަރުގެ ތިންވަނަ ކުއާޓަރުގައި އިމިގްރޭޝަނުން ވަނީ ވައިގެ މަގުން ރާއްޖެ އެތެރެވާން އުޅުނު 20 މީހަކުވެސް ހުއްޓުވާފަ އެވެ.

ތިންވަނަ ކުއާޓަރުގައި ރާއްޖެ އެތެރެވާން އުޅުނު މައްސަލަތައް

  • ވަގު ޕާސްޕޯޓު ބޭނުންކޮށްގެން - ފަސް ކޭސް
  • ވަގު އައިޑީ ބޭނުންކޮށްގެން - އެއް ކޭސް
  • ވަގު ބަޔޯޕޭޖް ބޭނުންކޮށްގެން - ތިން ކޭސް
  • ފެންޓަސީ ޕާސްޕޯޓް ބޭނުންކޮށްގެން - އެއް ކޭސް
  • އެހެން މީހަކަށް ވެގެން - ހަތަރު ކޭސް
  • ވަގު ވިސާ ބޭނުންކޮށްގެން - ދެ ކޭސް
  • ވަގު ސްޓޭމްޕް ބޭނުންކޮށްގެން - ހަތަރު ކޭސް

އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވެސް ވަނީ ގަވާއިދާ ހިލާފަށް ރައްޖެ އެތެރެވާން އުޅުނު ފަސް މީހަކު ހުއްޓުވާފައިވެ އެވެ. މީގެތެރޭގައި ވަގު ރެޒިޑެންޓް ކާޑު ބޭނުންކޮށްގެން އެތެރެވާން އުޅުނު މީހަކާއި، ވަގު ޕާސްޕޯޓު ބޭނުންކޮށްގެން އެތެރެވާން އުޅުނު ހަތަރު މީހަކު ހިމެނެ އެވެ.

އިމިގްރޭޝަނުން މިހާރު ދަނީ ގަވާއިދާ ހިލާފަށް ވައިގެ މަގުން ރާއްޖެ އެތެރެވާން އުޅޭ މީހުންނާއި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަންތަކެއް ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ.

އިމިރޭޝަނުން ބުނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށަ ވަށާޖެހޭ ހައްލެއް ގެންނާނެ ކަމަށެވެ.