ސަރުކާރުން އިސްވެ، ސިޔާސީ ޕާޓީ ތަކާއިއެކު މަޝްވަރާގެ މޭޒަށް އައުމަށް އެމްޑީޕީއަށް ދިން ދައުވަތަށް އަނެއްކާވެސް އިޖާބަ ނުދީ ދޫކޮށްލައިފި އެވެ. މިއީ ސަރުކާރުން އެމްޑީޕީއަށް ދައުވަތު ދިން ހަތަރުވަނަ ފަހަރެވެ. ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ސަރުކާރު ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރި ވުމަށް ސަރުކާރު ފަރާތުން ދައުވަތު ދީ އެމްޑީޕީއަށް ސިޓީއެއް ފޮނުވި ކަމަށާއި ނަމަވެސް މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް އެމްޑީޕީ އިން ބުނި ކަމަށެވެ.
ޝައިނީ ވިދާޅުވީ އެ ސިޓީގައި ގައުމަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށްޓަކައި ހުރިހާ ޕާޓީތައް އެއް ގަލަށް އަރައިގެން މަސައްކަތް ކުރުމަށާއި ގެއްލިފައިވާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅިގެން އެމްޑީޕީއަށް ލިބިފައި ހުރި މައުލޫމާތުތައް ހިއްސާ ކުރެއްވުމަށް އެދިފައިވާނެ ކަމަށެވެ.
"ނަމަވެސް އަނެއްކާވެސް އަޅުގަނޑުމެންނަށް މިއައި ސިޓީގައި ބުނެފައި ވަނީ ޕާޓީގެ މަޝްވަރާ ތަކުގައި ބައިވެރިވާން ބޭނުން ނޫން ކަމަށް. ސަރުކާރުން ޕާޓީތަކާއެކު މި ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމްޑީޕީ ފަރާތުން މި ފެންނަނީ އެއްވެސް ގޮތަކަށް ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރަން ޖާގަ ދޭކަށް ބޭނުމެއް ނުވާކަން" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގޮތުގައި ސަރުކާރަކަށް ގަދަކަމުންނެއް އެމްޑީޕީއެއް މަޝްވަރާގެ މޭޒަށް ނުގެނެވޭނެ ކަމަށާއި ނަމަވެސް ރާއްޖޭގެ މަސްލަހަތު ރަނގަޅު ކުރުމަށްޓަކައި މަޝްވަރާތަކަށް އައުމަށް އަދިވެސް ދައުވަތު ދޭނެ ކަމަށެވެ. އެމްޑީޕީއާއި އަދާލަތު ޕާޓީ އިން މި މަޝްވަރާތަކުގައި ބައިވެރިވާން ޝަރުތު ކުރަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށެވެ.