ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު، ހުޅުމާލޭގެ އަމީން އެވެނިއު އިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމުގެ މުއްދަތު އިތުރުކޮށްދޭން އޭނާ އެދިއްޖެ އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައިވާ ހުޅުމާލެ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް މިއަދުގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
އެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން މިއަދު ބުނީ އެ އެޕާޓްމަންޓްތައް ހަވާލުކުރުމަށް މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުން ސިޓީއަކުން އެދިފައިވާ ކަމަށެވެ.
މި ސިޓީއަށް ޖަވާބެއް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
އެފްއޭއެމްގެ ފައިސާއަށް ބައްސާމް ހިޔާނާތްތެރިވެ އެ ފައިސާގައި ދެ އެޕާޓްމަންޓް ގަނެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.
ފުލުހުން ބުނީ ބައްސާމް ދެ އެޕާޓްމަންޓް ގަނެފައިވަނީ އަމީން އެވެނިއު އިން ކަމަށެވެ. އެޕާޓްމަންޓްމަންޓް ގަންނަން ހޭދަކުރި ފައިސާ އަކީ ކޮވިޑްގެ ދުވަސްވަރު ފީފާ އިން ރާއްޖެއަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ކަމަށް ބުންޏެވެ. ފީފާ އިން ދިން ފައިސާ އަކީ ރާއްޖޭގެ ކްލަބުތަކަށް ލޯނެއްގެ ގޮތުގައި ދޫކުރަން ދިން ފައިސާ ކަމަށްވެސް ބުންޏެވެ.