(3 އޮކްޓޯބަރ 2024 އާ ގުޅޭ)
"ކީއްވެ ވަރިވާންޖެހުނީ." ހުމައިރާ އިތުރު ސުވާލެއް ކުރި އެވެ.
"އޭނާ ވަރިވާން ބޭނުންވީ." ހިންދިރުވާލުމާއެކު މާޔާއަށް ޖަވާބުދޭން އުނދަގޫވި އެވެ.
"ރާހިންދެކެ ލޯބިވޭތަ؟." ހުމައިރާގެ ސުވާލުން މާޔާއަށް ކުއްލިއަކަށް ބަލާލެވުނެވެ.
ހުމައިރާ ކުރި ސުވާލަކީ މާޔާ އެތައް ފަހަރަކު އަމިއްލަ ނަފްސާ ކޮށްފައިވާ ސުވާލެކެވެ. އޭނާގެ އަމިއްލަ ހިތާއި ދެކޮޅުވެރިކަމެއް އުފެދިފައިވަނީ އެ ސުވާލުގެ ސަބަބުންނެވެ. ސިކުނޑިއާއި ޟަމީރު ޚިޔާރުކުރާން އެދި ނިންމި ނިންމުންތަކާއި މާޔާގެ ހިތް އެއްބަހެއް ނުވެ އެވެ. މާޔާ މަޑުމަޑުން ހުމައިރާއާ ނަޒަރު ވަކިކޮށްލީ އިސް ޖަހާލަމުންނެވެ. ދެން އޭނާ ހޫން ލައްވާލައި ބޯޖަހާލީ ހުމައިރާގެ ސުވާލަށް ޖަވާބު ދޭށެވެ. ހުމައިރާއާ ނަޒަރު ސީދާކޮށްލައިގެން އިނދެ ހަޤީޤަތް ފޮރުވަން މާޔާއަށް ނުކެރުނީ އެވެ. ހުމައިރާގެ ތަޖުރިބާކާރު ބުއްދިން މާޔާގެ ދެ ލޮލުން އެކަނިވެސް ހުރިހާ ކަމެއް ތަރުޖަމާކޮށްފާނޭ ކަމުގެ ބިރު މާޔާގެ ހިތުގައި ހިނގައިގަތީ އެވެ.
ހުމައިރާ އެއްޗެކޭ ނުބުނެ މާޔާއަށް ބަލަން އިނީ އެވެ. އެ ހިމޭންކަން އެކަކުއަނެކަކަށް ވަރަށް ގިނަ ވާހަކަތައް ބުނެދިނެވެ. ރާހިން ކިތަންމެ ޤަބޫލު ނަމަވެސް ހުމައިރާގެ ހޮވުމަށް މާޔާ ނުވާކަމެވެ. ހަމައެއާއެކު އެ ކައިވެންޏަކީ ރާހިންގެ އުފަލަށް ޓަކައި ކުރާން އުޅޭކަމެއްކަމުގައި ހުމައިރާގެ ހަވަނަ ހިއްސު ބުނެފި އެވެ. މާޔާގެ ފުށުން އޭނާ އުންމީދުކުރި ފަދަ ޝައުގުވެރިކަމެއް ރީހާނާމެދު ނުފެންނާތީ އެވެ.
"ދަރިފުޅަށް ކިތައް އަހަރު؟." ހުމައިރާ އަހާލި އެވެ.
"5 އަހަރު." މާޔާ ބުންޏެވެ.
"5 އަހަރުވީމަ ކުޑައެއްނޫން. ދަރިފުޅު ބޭނުންވަނީ ކޮންގޮތެއްތޯ ބެލިންތަ؟. ރާހިންނާއި ދަރިފުޅުގެ ގުޅުން ކިހިނެއް؟." ހުމައިރާ އަހާލި އެވެ.
މާޔާއަށް ހީވީ ގަސްދުގައި ހުމައިރާ އޭނާގެ ދޫ ބަންދުކޮށްލީ ހެންނެވެ. އެ ކުރި އެއްވެސް ސުވާލަކަށް ދޭނޭ ޖަވާބެއް މާޔާގެ އަތަކު ނެތެވެ. ރާހިންއާ ހައިކްގެ ގުޅުން ބަދަހިވުން އެއްކިބައިގައި އޮއްވާ ފުރަތަމަ ކަމަކަށް މާޔާއާ ހައިކްގެ ދެމެދުގައި ވެސް ގުޅުމެއް އޮތްކަމަކަށް ޚުދު މާޔާއަށް ޤަބޫލެއް ނުކުރެވެ އެވެ. ހައިކްއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާނޭ ފުރުޞަތެއް ވެސް އޭނާއަކަށް ނުލިބެ އެވެ. އިޒީކިއަލް އެ ފުރުޞަތު ނުދިނީއޭ ބުނެވޭކަށް މާޔާއަކަށް ނެތެވެ.
"މަންމާ. އަދިވެސް އިންޓަވިއު ނުނިމޭތަ؟." ބޮޑުކޮޓަރިއަށް ނުކުތް ރާހިންއަށް މާޔާ ފެނުމާއެކު އޭނާގެ ހާސްކަން ނަގައިގަނެވިގެން ހަލުވި ހިނގުމުގައި ހުމައިރާގެ ގާތަށް އަތުވެއްޖެ އެވެ. އޭރު ޒަހީން ވެސް އެދިމާއަށް އާދެ އެވެ. މަންމައާއެކީ މާޔާ އެކަނި ދޫކޮށްލުމުގެ ނަތީޖާ ރަނގަޅެއްނުވިޔޭ ރާހިންގެ ހިތަށް އަރަމުންދިޔަ އެވެ.
މާޔާ ގޮވައިގެން ރާހިންގެ އެޕާޓްމެންޓަށް އެނބުރި އައީ އެގޮތް ރާހިން ބޭނުންވެގެންނެވެ. ހުމައިރާ އެދުނީ ރަންކިޔުމުގެ ކަންކަން ނިމެންދެން މާޔާ ގޮވައިގެން ރާހިން އެ ގޭގައި މަޑު ކުރުމަށެވެ. ހުމައިރާގެ ގަސްދަކީ އޭނާއަށް ފެންނަ ހިސާބުގައި މާޔާ ބެހެއްޓުމެވެ. އެކަން ރާހިންނަށް ވިސްނުނީ އެވެ. އޭނާއާއި މާޔާގެ ދެމެދުގައި ނަހަމަ ގުޅުމެއް ހިނގާފާނޭ ކަމާމެދު މަންމަ ބިރުގަންނަން ނުޖެހޭނެކަން ރާހިން އޮތީ ޔަޤީންކޮށްދީފަ އެވެ. ކައިވެނީގެ ކުރީން އެފަދަ ވިޔާނުދާ ޢަމަލެއް ހިންގަން ރާހިންގެ އަޚްލާޤު ތަނެއްނުދޭކަމާއި މަންމަމެންވަނީ އެއަށްވުރެ ފުރިހަމައަށް އޭނާ ތަރުބިއްޔަތުކޮށްފައިކަން ބުނެ ހުމައިރާގެ ހިތްހަމަޖައްސައިދިނެވެ.
"ކީކޭ މަންމަ ކީ؟." އެޕާޓްމެންޓަށް އައިސް ވަދެވުމާއެކު ސޯފާގައި ހަމަޖެހިލަމުން ރާހިން އަހާލި އެވެ.
"ހައިކްއާ ބެހޭ ގޮތުން." މާޔާ ބުންޏެވެ. އޭނާ ހުރީ ސޯފާގައި އިން ރާހިންއަށް ބަލަހައްޓައިގެން ކޮޅަށެވެ.
"ފާޚާނާއަށް މިދަނީ." ރައްދުގައި ރާހިން އެއްޗެކޭ ބުނޭތޯ ހުރުމަށްފަހު އޭނާގެ ހިމޭންކަން ދިގުލުމުން މާޔާ ބުނެލި އެވެ. އަދި ހަލުވި ފިޔަވަޅުގައި ގޮސް ކޮޓަރިއަށް ވަދެއްޖެ އެވެ.
މޫނުގައި ދެ އަތުން ފިރުމާލުމަށްފަހު ރާހިން ފުން ނޭވާއެއް ދޫކޮށްލި އެވެ. އޭނާ ސޯފާއިން ތެދުވި އެވެ. ކަނާއަތުން ކަނދުރާގައި އަތް ޖައްސާލައިގެން ހުއްޓެވެ. ކަމަކާ ވިސްނާ ކަހަލަ އެވެ.
"އައި ހޭވް ޓު ސޭ ސަމްތިންގް." ރާހިން އަމިއްލަ ނަފްސަށް ބުނެލި އެވެ. ދެ ކޮޅަށް ހިނގާލުމަށްފަހު ރާހިން އެނބުރި މާޔާގެ ކޮޓަރިއާ ދިމާއަށް ބަލާލި އެވެ. ތިރީތުންފަތުގައި ދަތްއަޅައިލައިގެން ހުރެ އޭނާ މަޑުމަޑުން އެ ކޮޓަރި ކައިރިޔަށް އައެވެ. ދޮރުގައި ޓަކި ޖަހާލާފައި ތަޅުގައި ހިފާލި އެވެ. މާޔާގެ ޖަވާބެއް ނަޔަސް ތަޅުނުލާ ހުރުމުން ދޮރު ހުޅުވިއްޖެ އެވެ. ރާހިން އެތެރެއަށް ބޯ ދިއްކޮށްލި އެވެ. މާޔާ ފެންނަން ނެތުމުން އޭނާ އެތެރެއަށް ވަނެވެ. ހުޅުވާފައި ހުރި ފާޚާނާ ރާހިންނަށް ފެނުނީ ދެނެވެ. އެ ދިމާއަށް އައުމުގެ ކުރީން އޭނާއަށް ފެން އޮހޭ އަޑު އިވެމުންދިޔަ އެވެ. ދެން ޖެހުނީ މާޔާގެ ރުއިމުގެ އަޑެވެ. ނިކަން އަވަހަށް ފާޚާނާގެ ކައިރިޔަށް ރާހިންއަށް އާދެވުނެވެ. ހުއްޓުމެއްނެތި މާޔާ މޫނުގައި ފެންލަމުންދިޔަތަން ރާހިން ދުށްޓެވެ. އޭނާގެ ރުއިންވީ ގަދަ އެވެ. މޫނުގައި ދެ އަތް އަޅައި ފޮރުވާލީ މާބޮޑަށް މާޔާއަށް ރޮވެން ފެށުމުންނެވެ. ރާހިންއަށް ގަބުވެފައި ހުރެވުނީ އެވެ. އޭނާއަށް ހަރަކާތެއް ކުރާން އެނގުމާއެކު ހަލުވި ހިނގުމުގައި އެ ކޮޓަރިން ނުކުތީ އެވެ.
އެރޭ ފަހުން މާޔާއާ ރާހިން ދިމައެއް ނުވެ އެވެ. އަނެއްކޮޅުން ރާހިންނަށް ހަމަ ނިންޖެއް ނުލިބުނެވެ. މުޅި ރޭ ހޭދަވެގެން ދިޔައީ މާޔާގެ ވިސްނުމުގަ އެވެ.
އެރި އިރާއެކު ރާހިން އައީ ގެއަށެވެ. މަންމައާ ބައްދަލުކުރި އެވެ. މާޔާއާ މެދު މަންމަ ހިތްހަމަނުޖެހެނީތޯ ރާހިން ސުވާލުކުރި އެވެ. ހުމައިރާއަށް ރާހިންގެ މޫނުގައިވާ ހާސްކަން ފެނެ އެވެ. ރޭގައި މާޔާއާއި ރާހިންއާ ދެމެދު ކޮންމެވެސް ކަހަލަގެ ދެބަސްވުމެއް ހިނގީއޭ ހުމައިރާ ހީކުރި އެވެ.
"ކޮފީއެއް ގެނެސްދޭންތަ؟. އަދި ސައިތައްޔާރެއް ނުވޭ." ރާހިން ގޮވައިގެން ސޯފާގައި އިށީންނަމުން ހުމައިރާ ބުންޏެވެ. އެންމެ ރަނގަޅޭ ބުނާ ފަދައިން ރާހިން ބޯޖަހާލި އެވެ. އެއާއެކު ގޭގައި ގެންގުޅޭ ކުއްޖަކަށް ގޮވާލާފައި ކޮފީ ގެނައުމަށް ހުމައިރާ ބުންޏެވެ.
"މަންމާ ޕްލީޒް... މާޔާއާ ކޮންކަހަލަގެ ސުވާލުތަކެއް މަންމަ ކުރީ. އޭނާގެ ކުރީގެ ފިރިމީހާގެ ވާހަކަ ވެސް ދެއްކީތަ؟." ރާހިންއަށް ބުނެވުނެވެ.
"މާޔާ ހިތްހަމަނުޖެހުނީތަ؟." ހުމައިރާ އަހާލި އެވެ.
"ނޫން... މާޔާ... މާޔާ އެއްވެސް ޝަކުވާއެއް ނުކުރޭ. މަންމާ. މާޔާގެ ދިރިއުޅުމާ ބެހޭގޮތުން އެއްވެސް ވާހަކައެއް މަންމަމެންނާ އަހަރެން ޚިއްޞާއެއް ނުކުރަން. ބައްޕައަށް ވެސް ކިޔާދިނީ މިކޮޅަށް އަންނަންވެގެން... އެކަމަކު ހުރިހާ ވާހަކައެއްނޫން. މާޔާގެ ކައިވެނި ރޫޅުނީ އޭނާގެ އެއްވެސް ކުށެއް އޮވެގެންނެއްނޫން." ރާހިންގެ ވާހަކަ ކުއްލިއަކަށް ހުމައިރާ ހުއްޓުވައިފި އެވެ.
"މަންމައަށް ފެންނަ އެއްޗެއް ބުނަންތަ؟. ބަލާބެލުމަށް މާޔާގެ އެއްވެސް އުނިކަމެއްނެތް. ރަނގަޅު ކުއްޖެއްހެން ވެސް ހީވޭ. އެކަމަކު މަންމައަށް ހީވަނީ ރާހިން މިކަމުގައި މާ އަވަސްއަރުވާލަނީހެން... ކޮންއިރަކު މާޔާ ކައިވެނި ކުރާން އެއްބަސްވީ؟. މަންމައަށް ޤަބޫލުކުރެވޭ ރާހިން މި ކައިވެނި ވީހާ ވެސް އަވަހަކަށް ކުރާން ބޭނުންވާކަން. އެކަމަކު މާޔާ ބޭނުންވޭތަ؟. ދަރިފުޅަށް ޔަޤީންތަ މި ކައިވެންޏަކީ މާޔާއާއި އޭނާގެ ދަރިފުޅަށް އެންމެ ރަނގަޅު ގޮތްކަން. ކީއްވެ މި ދަތުރުގައި މާޔާއާއެކު ދަރިފުޅު ނުގެނައީ؟. ކީއްވެ އެކުއްޖާގެ ބައްޕަ ކައިރީ ބަހައްޓާފައި އައީ؟. މާޔާ ބުނި ކައިވެންޏަށްފަހު ދަރިފުޅު ހުންނާނީ މާޔާގެ ގާތުގައި ކަމަށް. ދަރިފުޅަށް ބައްޕަ ގޯހީތަ؟... ނޫނީ... ރާހިން ބޭނުންވަނީތަ އެކުއްޖާ މާޔާއާއެކީ ގެންނަން." ހުމައިރާގެ ހިތުގައި އުފެދޭ ސުވާލުތައް ރާހިންގެ ކުރިމައްޗަށް ބަންޑުންކޮށްލި އެވެ. މާޔާއަށް ވީގޮތް ރާހިންއަށް ނަގައިގަންނަން އެނގުނީ ދެނެ އެވެ. އޭނާގެ މަންމަ އެ ސުވާލުތައް ކޮންމެ ސިފައެއްގައި މާޔާއާ ކުރިމަތިކުރުވީއޭ ރާހިންގެ ހިތް ބުނެލި އެވެ.
މެއިޑްކުއްޖާ ކޮފީ ތަބަށް ގެނެސް ސޯފާތައް މެދުގައި ހުރި ބިއްލޫރި މޭޒުގައި ބަހައްޓައިފި އެވެ. ހުމައިރާ އެތަނުން އެއް ޖޯޑު ނަގައި ރާހިންއަށް ދިއްކޮށްލި އެވެ. މިފަހަރު ރާހިންގެ އަތުގައި ވެސް ދައްކާނޭ ވާހަކައެއް ނެތް ކަހަލަ އެވެ.
"ރާހިންއަށް މާޔާ ވަރަށް ކަމުދާކަން ޔަޤީން. އެކަމަކު މަންމަގެ ނަޞޭޙަތް ވެސް އަޑު އަހާނެ ކަމަށް މިބުނަނީ. މަންމައާއި ބައްޕައެއްގެ ތެރެއިން އެކަކު ޚިޔާރުކުރާން ދަރިއަކަށް މަޖުބޫރު ކުރުމަކީ ހެދޭ ގޯހެއް. ދަރިފުޅަށް ޔަޤީންތަ މާޔާ އެގޮތް ބޭނުންވާކަން؟. ވަރަށް ގިނަފަހަރު ދަރިއަކު ހުރެއްޖެނަމަ އެކުއްޖާއާ މެދު ވިސްނާފައި ދެމަފިރިން ގުޅޭން ނިންމާ. މާޔާ އެކަހަލަ ނިންމުމެއް..."
"ނޫން... މާޔާއެއްނޫން... އޭނާ ދުވަހަކުވެސް ބޭނުމެއްނުވާނެ... މަންމާ. އަހަރެން ފަހުން އަންނާނަން. ހަފްތާއެއްގެ ތެރޭ އެންގޭޖްމެންޓް ކަންތައްތައް ނިންމަން ބޭނުން." ކޮފީޖޯޑުން އެންމެ އެތިފޮދެއް ވެސް ބޯލުމެއްނެތި މޭޒުމަތީ ޖޯޑު ބަހައްޓާފައި ރާހިން ތެދުވެ ހުރެ ވާހަކަ ދެއްކި އެވެ. ހުމައިރާއަށް އަމިއްލަ ފިރިހެންދަރީގެ ގޮތް އެނގެ އެވެ. ރާހިންގެ ޢަމަލުތަކުން އޭނާ ކަމަކާ ކުރިމަތިލާން ބޭނުންނުވަނީކަން ގައިމެވެ. ހުމައިރާއަށް އިތުރު ވާހަކައެއް ދައްކާނޭ ފުރުޞަތެއް ވެސް ރާހިން ނުދިނީ އެވެ. ހަލުވި ހިނގުމުގައި ރާހިން ނުކުމެގެން ދިޔަތަން ބަލަން ހުމައިރާއަށް އިނދެވުނީ އެވެ.
* * * * *
ތިން ދުވަސް ފާއިތުވެގެން ދިޔައިރު ރާހިންއާއި ޢާއިލާ އެންމެފަހުގެ ތައްޔާރީތައް ވަމުން ދިޔަ އެވެ. ރަންކިޔުމުގެ ހަފްލާ ބެއްވުމަށް ނިންމާފައި އޮތީ ރާހިންގެ މައިންބަފައިން ދިރިއުޅޭ "ބީޗް ވިލާ"ގަ އެވެ. އެކުވެރީންނާއި ޢާއިލާގެ ތިމާގެ މީހުންނަށް ދަޢުވަތުދޭން ރާހިން ބޭނުންވީ ކައިވެންޏަށެވެ. ރަންކިޔުމުގެ ހަފްލާ ހަމައެކަނި ޢާއިލާގެ މެންބަރުންގެ މެދުގައި ނިންމާލަން ރާހިން ހުރިހާކަމެއް ހަމަޖެއްސި އެވެ.
މެންދުރުގެ ވަގުތެވެ. މާޔާ ހުރީ އެޕާޓްމެންޓްގެ ބެލްކަނީގަ އެވެ. ހަމަޖެހުމެއް ނުވާ މީހަކުހެން އޭނާ ދެކޮޅަށް ހިނގާލަހިނގާލަ ހުއްޓެވެ. ބިއްލޫރިޖަހާފައިވާ ބިތުން މާޔާގެ ހަރަކާތްތަކަށް ބަލަން ގޭތެރޭގައި ރާހިން ހުރިކަމެއް އޭނާއަކަށް ނޭނގޭނެ އެވެ. މާޔާ ދޭތެރެއަކުން ފިޔަވަޅު މަޑުޖައްސާލާފައި މޫނުގައި ދެ އަތްއަޅާލަ އެވެ. މައްޗަށް ބޯހިއްލާލައި ފުންނޭވާތަކެއް އޭނާ ލާންފަށަ އެވެ. އަނެއްބައި ފަހަރު ދެ ފަރާތަށް ބޯހޫރާލާނެ އެވެ.
"މާޔާ..." މަޑުމަޑުން އަމިއްލަ ނަފްސަށް އިވޭވަރަށް ރާހިން ކިޔާލި އެވެ. އޭނާ މާޔާއަށް ގޮވާލަން އައެއްކަމަކު އަޅާނުލާ އައިސް ސޯފާގައި އިށީނެވެ. ކަކުލުގައި ދެ އުޅަންބޮށިކޮޅު އަޅުވާލައިގެން ދެ އަތްތިލައިން ބޮލުގައި ހިފަހައްޓާލައިގެން ރާހިން އިނެވެ.
"މާޔާގެ އުފާވެރިކަން ހޯދައިދޭން އަހަރެން މި މަސައްކަތް ކުރަނީ. އެކަމަކު މާޔާ އުފަލެއްނުވޭ... ކީއްވެތަ؟... ކިއްވެތަ މާޔާއަށް އަހަރެން ބަލައިނުގަނެވިގެން އެ އުޅެނީ. ކޮންކަމެއްތަ އަހަރެން ކުރަންވީ؟." މާޔާގެ އިޙްސާސްތައް ހުޅުވާލެވިފައިވާ ފޮތެއްހެން ރާހިންއަށް ފެނެ އެވެ. އޭނާއަށް އެހާބޮޑު ނުތަނަވަސްކަމެއް ލިބެނީ އެހެންވެ އެވެ. ކަނާއަތްތިލަ މުއްކަވާލުމާއެކު ނިތްކުރީގައި އެ އަތުން ރާހިން ޖަހާލި އެވެ. އޭނާގެ ހިތާއި ސިކުނޑިއާ ދެމެދު އަރައިރުމެއް އުފެދިފައިވެ އެވެ. ޟަމީރު ދައްކަން މަސައްކަތް ކުރާ މަންޒަރު ބަލާކަށް ރާހިން ބޭނުމެއްނުވެ އެވެ. ނުތަނަވަސްކަން އިތުރުވެ ހައިޖާނަކަށް ބަދަލުވެ ރާހިންއަށް ކުއްލިއަކަށް ތެދުވެވުނެވެ. އަދި ސޯފާގެ އެއްކަނުގައި ހުރި މޭޒުގެ މަތީވާ މާވަށިގަނޑުގައި އަތުން ޖަހާ ބުރުވައިލި އެވެ. އެއާއެކު ތަޅުންގަނޑު މައްޗަށް ވެއްޓި ބިއްލޫރި މާވަށި ފުނޑުފުނޑުވީ އަޑު އިވިގެން ދިޔައީ ނުހަނު ބާރަށެވެ. ބެލްކަނީގައި ހުރެފައި ދުވެފައި ކަހަލަ ގޮތަކަށް މާޔާ އައިސް ވަނެވެ.
"ކިހިނެއްވީ؟." މާޔާއަށް އަހާލެވުނެވެ.
"އަތުން ޖެހުނީ." ރާހިން ބުނެލި އެވެ. އަދި އޭނާ ހަލުވިކޮށް ގޮސް ކޮޓަރިއަށް ވަނީ އެވެ.
ސާފުކުރާ މީހާ އެޕާޓްމެންޓަށް އަންނަނީ ދުވާލަކު އެއްފަހަރު އެވެ. އެހެންވެ މާޔާ އަމިއްލައަށް ބިއްލޫރިކޮޅުތައް ނަގައި އެ ދިމާ ސާފުކޮށްލަން އަވަސްވެލި އެވެ.
"ރާހިންއަށް ކަމެއްވީތަ؟." މަސައްކަތުގައި އުޅުނު އިރު މާޔާގެ ހިތަށް އަރަމުންދިޔަ އެވެ.
ހުރިހާ ބިއްލޫރިކޮޅެއް ނަގައި ސާފުކޮށްލުމަށްފަހު ކާމޭޒުދޮށުގައި އިށީނެވެ. ރާހިންގެ ކޮޓަރިއަށް ބަލާލި އެވެ. އޭނާއަށް ގޮވާލަން ހިތަށް އަރާފައި ވެސް މާޔާ ފަސްޖެހުނީ އެވެ. ރާހިންއާއެކީ އައީސުރެ މާޔާގެ ހާލަކީ އެއީ އެވެ. ހިތާއި ސިކުނޑީގައި ހިނގާ ޝުޢޫރުތައް މިނިވަންކަމާއެކު ރާހިންއާ ޚިއްޞާކުރާން މާޔާ ވަނީ ފަސްޖެހިފަ އެވެ.
"އަހަރެން ކީއްތަ ކުރާން މިއުޅެނީ." އަމިއްލަ ނަފްސަށް މާޔާއަށް ބުނެލެވުނެވެ.
ރާހިންއާ ކައިވެނި ކުރާން ނިންމި ހިސާބުން ދެ މީހުންގެ ގުޅުން ކުރިޔަށްވުރެ ވެސް ގާތްވެ ބަދަހިވާން ޖެހޭނެކަން މާޔާއަށް ވެސް ޤަބޫލުކުރެވެ އެވެ. އެހެންނަމަވެސް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކަންތައްވެގެން އައީ އެހެންނެއްނޫނެވެ. އިތުބާރު ކުރެވޭހާ ގާތް އެކުވެރިއަކަށް ރާހިންވާއިރު ވެސް މާޔާ ވަނީ ޖެހިލުންވެފަ އެވެ. ރަނގަޅު ނިންމުން ނިންމަން ނުކުޅެދެވިފަ އެވެ.
ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން ރާހިން ކޮޓަރީން ނުކުތް ގޮތަށް މާޔާ އޭނާގެ ގާތަށް ގެނަ އެވެ. ކާހިތް ނެތްކަމުގައި މާޔާ ބުނުމުން ވެސް ރާހިން އެދުނީ މަޑުކޮށްލަ ދިނުމަށެވެ. އެހެންވެ ރާހިން ކައި ނިމެންދެން މާޔާ އިނެވެ. އެ ހުރިހާ އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެ އެވެ.
"މާދަމާ ރޭ މާޔާ އަހަރެންނާ އެންގޭޖްވާނެ. އެބައޮތްތަ މާޔާ ބުނަން ބޭނުންވާ އެއްޗެއް." ރާހިން އަހާލި އެވެ. އޭނާގެ ހިތުން މާޔާއަށް އަދިވެސް އެއް ފުރުޞަތު ދިނީ އެވެ. އެ ކައިވެނި ކުރާން މާޔާ ނޭދޭނަމަ އެ ވާހަކަ ބުނަން ފުރުޞަތު ދިނީ އެވެ.
(ނުނިމޭ)