ހަބަރު

ރަކީދޫ ކުއްޖާގެ މަރުގެ މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް

Jan 28, 2015

ވ. ރަކީދޫގައި ތިން އަހަރުގެ ކުއްޖަކަށް އަަނިޔާކޮށް މަރާލާފައި އޮއްވާ މިއަދު ފެނުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހަޅަން ނިންމައިފި އެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އެކަމުގެ އިތުރު މައުލޫމާތު ސާފުކުރަން މާދަމާ އެ މައްސަލަ ކޮމެޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

މުހައްމަދު އިބްތިހާލް ނަމަކަށް ކިޔާ އެ ކުއްޖާ މަރާލި މައްސަލައިގެ ތުހުމަތު އެ ކުއްޖާގެ މަންމަގެ މައްޗަށް ކުރެވޭއިރު އެ ކުއްޖާއަށް އަނިޔާކުރާތީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އެ ކުއްޖާގެ މަންމައަށް ނަސޭހަތް ދީފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

އެ ކުއްޖާއަށް އަނިޔާކުރާތީ އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް މީގެކުރިން ޖެންޑާއިން އެރަށަށް އައި ނަމަވެސް އިތުރަށް އަނިޔާ ނުކުރާނެ ކަމަށް އެ ކުއްޖާގެ މަންމަ ބުނި ކަމަށް ބުނެ ދައުލަތުގެ ބެލުމުގެ ދަށަށް އެ ކުއްޖާ ގެންގޮސްފައެއް ނުވެއެވެ.

މިއަދު މެންދުރު އެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނުއިރު އެ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވެ އެވެ.