ހަބަރު

"ފިނިފެންމާ" މައްސަލާގައި އަދީބާއި ސިފައިންގެ ބައެއްގެ މައްޗަށް ދައުވާކޮށްފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އެމަނިކުފާނު ދަތުރުކުރައްވަމުން ގެންދެވި ލޯންޗްކޮޅަށް ދިން ހަމަލާގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާ އުފުލައިފި އެވެ. މި މައްސަލައިގައި ދައުވާކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މައްސަލައިގައި ހައްޔަރު ކުރި ސިފައިންގެ ދެ މީހުން ކަމަށްވާ، މޫސާ ޒަމީރާއި އަހުމަދު ތިހާމް އަދި މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ)ގެ މައްޗަށެވެ. ޒަމީރަކީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގައި ކުރިން މަސައްކަތް ކުރި ހަށިފާރަވެރިއެކެވެ.

"ފިނިފެންމާ" ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަުމުގެ ދައުވާ އެވެ. މީގެ ކުރިން އެސްޕީޖީ އާއި ބަޑި ގުދަން ވެސް ބަލަހައްޓަން ހުންނެވި، ފަޔާޒުގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް ވެސް އުފުލާފައިވަނީ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ އެވެ.

މީގެއިތުރުން އަދީބުގެ ޕާސަނަލް ސެކިއުރިޓީ އޮފިސަރުން ކަމަށްވާ ކޯޕްރަލް އަހްމަދު އާމިރާއި ސާޖެންޓް އަހްމަދު ރިކާޒްގެ މައްޗަށް ވެސް މި މައްސަލާގައި ވަނީ ދައުވާ އުފުލާއި، އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. ރިކާޒާއި އާމިރުގެ މައްޗަށް އުފުލާފައިވަނީ، ޓެރަރިޒަމްގެ ދައުވާ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އެމްއެންޑީއެފްގެ ބަޑި ގުދަނުގައި މަސައްކަތް ކުރި މީހެއް ކަމަށްވާ، އއ. ފެރިދޫ، ދޭލިއާގެ، މުހައްމަދު ޖަވާޒު ވަނީ ތަހުގީގަށް ގިނަ މައުލޫމާތުތަކެއް ކިޔަދީފަ އެވެ. އެގޮތުން ފިނިފެންމާގައި ހަރުކުރި ބޮން ތައްޔާރުކުރީ އޭނާ ކަމަށާއި އެ ބޮން ހެދީ އަދީބު ދިރިއުޅުއްވި ރެހެންދި ފްލެޓްގައި ކަމަށް އޭނާ ވަނީ ތަހުގީގުގައި އެއްބަސްވެ، އިއުތިރާފް ބަޔާން ދީފަ އެވެ. ފުލުހުން އެ މައްސަލައިގެ ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ، ޖަވާޒުގެ އިތުރަށް އަދީބު ދިރިއުޅުއްވި ރެހެންދި ފްލެޓްގެ ކާޕެޓްގެ ބައެއް ސާމްޕަލްތަކާއި އެ ފްލެޓްގެ ސީސީޓީވީ ފްޓޭޖްތަކެވެ.

ޖަވާޒް ދީފައިވާ ބަޔާނުގައި، ހިބަޅިދޫ އިން ފެނުނު ހަތިޔާރުތަކާ އެކު ހޯދި އައިއީޑީގެ ބަޔާއި އެހެން ވެސް ބައެއް ތަކެއްޗަކީ ލޯންޗްގައި ހަރުކުރަން އޭނާ ތައްޔާރު ކުރި އެތި ހެދުމުގައި ބޭނުން ކުރި ތަކެތި ކަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ.

އެހެން މައްސަލައެއްގައި މިހާރު ވެސް އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާ އުފުލައި އެ މައްސަލަތަކުގެ ޝަރީއަތް ވަނީ ފަށާފަ އެވެ.