ހަބަރު

އޭބީޔޫގެ ކޮޕީ ރައިޓް ކޮމިޓީގެ ވައިސް ޗެއާއަކަށް ޝާޔަން

އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) ގެ އިންޓަލެކްޗުއަލް ޕްރޮޕަޓީ އެންޑް ލީގަލް ކޮމެޓީގެ ވައިސް ޗެއަޕާސަންގެ މަގާމަށް ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާމިނަތު ޝާޔަން ޝާހިދު އިންތިހާބު ކޮށްފި އެވެ. މި މަގާމު ދެ އަހަރު ދުވަހަށް ޝާޔާން ފުރުއްވާނެ އެވެ.

މެލޭޝިޔާގެ ވެރިތަށް ކުއަލަލަންޕޫރުގައި މިއަދު ފެށީ އޭބީޔޫގެ ކޮޕީ ރައިޓް ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ވައިސް ޗެއަޕާސަންގެ މަގާމަށް ޝާޔަން އިންތިހާބުކުރީ މެމްބަރު ގައުމުތަކުގެ އިއްތިފާގުންނެވެ. އޭބީޔޫގެ ކޮޕީ ރައިޓް ކޮމިޓީގެ ނަން މިއަދު ވަނީ އޭބީޔޫ އިންޓަލެކްޗުއަލް ޕްރޮޕަޓީ އެންޑް ލީގަލް ކޮމެޓީއަށް ބަދަލުކޮށްފަ އެވެ.

ޕީއެސްއެމްއަކީ އޭބީޔޫގެ ފުލް މެންބަރެކެވެ. ކޮމިޓީގެ މި ބައްދަލުވުމުގައި ޕީއެސްއެމްގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެ އެވެ.

މިއަދު އެ ކޮމިޓީގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ބްރޯޑްކާސްޓަރުންނަށް މިހާރު ކުރިމަތިވެފައިވާ ފިކުރީ މުދާ ހިމާޔަތްކުރުމާބެހޭ މައްސަލަތަކަށް ހޯދިދާނެ ހައްލުތަކާއި ބެހޭގޮތުންނެވެ.

އެގޮތުން ފިކުރީ މުދާ ހިމާޔަތްކުރުމަށް މިހާރު އޭބީޔޫ އިން ހަދާފައިވާ އޮނިގަނޑު އިސްލާހުކުރުމާއި، މި އަހަރު ޖެނީވާގައި ބާއްވާ ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން ވައިޕޯ އަށް ހުށަހެޅުމަށް ބްރޯޑްކާސްޓް ޓްރީޓީއެއް އެކުލަވާލުން ހިމެނެ އެވެ. އެ ޓްރީޓީ ވައިޕޯއަށް ހުށަހަޅާއިރު، އޭޝިޔާ ޕެސިފިކް ހުރިހާ ގައުމަކުން އެއް އަޑަކުން ވާހަކަ ދެއްކުމަށް ނިންމާފައިވާއިރު، ސަރަހައްދުގެ ގައުމުތަކުން ވާހަކަ ދެއްކުމަށް ނިންމާފައިވަނީ އިންޑިއާ އިސްވެ އޮވެ އެވެ.