ޝާޔަން ޝާހިދު

ޝާޔަންއަށް ރޯޔަލް އިންސްޓިޓިއުޝަންގެ ސީނިއާ މެންބަރުކަން ލިބިއްޖެ

ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓްގެ ސީނިއާ މެންބަރުކަން. ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާމިނަތު ޝާޔަން ޝާހިދަށް ލިބިއްޖެ އެވެ. މި ޝަރަފު ޝާޔަންއަށް ލިބިފައިވަނީ މެނޭޖްމަންޓް ދާއިރާއިންނެވެ.

ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓް އަކީ ދުނިޔޭގެ އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އިލްމީ، ޕްރޮފެޝަނަލް ބޭފުޅުން އަދި ލީޑަރުންގެ އިތުރުން ވިޔަފާރިވެރިން އެކުލެވޭ ގޮތަށް އުފެދިފައިވާ އެކްރެޑިޓިން ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވުމުން ގްލޯބަލް ރިކޮގްނިޝަން ހޯދައިދެ އެވެ.

ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަނުން ދޭ އެންމެ މަތީ ޝަރަފު، އޮނަރަރީ ފެލޯގެ މަގާމު، އަރުވާފައިވަނީ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށެވެ.

މީގެ އިތުރުން ރޯޔަލް އިންސްޓިޓިއުޝަންގެ ރީސާޗް ފެލޯގެ މަގާމު ތިން ބޭފުޅަކަށް އަރުވާފައިވެ އެވެ. އެއީ، ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި ފިނޭންސް މިނިސްޓަރުގެ ނައިބު ޑރ. އާއިޝަތު މުނީޒާ އަދި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.