ކްރިމިނަލް ކޯޓް

މާލޭގެ ފިހާރައެއްގައި ތޫނު އެއްޗަކުން ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މާލޭގެ ދިލްބަހާރު މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާ ދިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ މއ. މަސްފަން، މުނީޒް (37އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހު މާލޭގެ ދިލްބަހާރު މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިނުމުން ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މި މަހު ހަތްވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މި މަހު ފަސްވަނަ ދުވަހުގެ ރޭ 10:01 ހާއިރު އެވެ. މިހަމަލާގައި އަނިޔާވެފައިވަނީ ދިވެހި ފިރެހެނަކަށެވެ.

އަނިޔާވި މީހާއަށް އެރޭ އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.