ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލައިގައި ލޯންޗު ދުއްވި މީހުންގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި އެވެ.
ފުލުހުން މިއަދު ބުނީ ނުރައްކާތެރިކޮށް ލޯންޗު ދުއްވި މައްސަލައިގައި ތިން މީހުންގެ ލައިސަންސް މިމަހުގެ ފަސް ވަނަ ދުވަހު ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށެވެ.
މައްސަލައާ ގުޅޭ ލިޔުންތަކެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި މައްސަލައާ ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނީ މިނިސްޓްރީން ކަމަށްވެސް ފުލުހުން ބުންޏެވެ.
ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުން އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ވީޑިއޯ އިން ފެންނަ ލޯންޗްތަކަކީ އއ. އަތޮޅުގެ ރަށަކަށް ދަތުރު ކުރަމުން ދިޔަ ލޯންޗުތަކެއް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ތިން ލޯންޗެއް ރޭސް ޖަހަމުން ދުއްވާފައިދާ ގޮތަކަށް ދުއްވާފައި ގޮސް ރަށެއްގެ ނެރުން ބަނދަރަށް ގާތްކުރާ މަންޒަރެވެ.
ވީޑިއޯގައި ފެންނަނީ ނަސްރު، ރިލެކްސް ގޯލްޑް އަދި ރަމްޒުކްއީން ނަމަކަށް ކިޔާ ލޯންޗުތަކެކެވެ.