ސިއްހަތު

ދަރިފުޅު އޯވަ ވެއިޓު ވީ ތަ؟

"ނެތްތަ ރަނގަޅު އައިޑިއާއެއް. ޑޮކްޓަރު ބުނެފި މަގޭ ދަރި މާ ފަލަކަމަށް! އެކަމަކު މަށަކަށް ނުވާނެ އެކަމެއް. ރޮއެ ރޮއެ ހަލާކުވާނެ ކާންދޭލެއް މަދުކޮށްފިޔާ،" މަންމަ އަކު ކުދިކުދިވެފައިވާ ހިތަކައިގެން ބުންޏެވެ.

ދަރިފުޅު ނުކައިގެން ރޯހެން ދަރިފުޅު ގިނައިން ކާތީވެސް މިހެން މަންމައިން ރޮއެ އެވެ. ދަރިއަކު ލިބުމުން ލޯބިން ގޮސް ދަރިފުޅަށް ފާޑު ފާޑުގެ ކާއެއްޗެހި ކާންދީ ދީ ދަރިފުޅު އުމުރުގައި ހުންނަންވާ ވަރަށްވުރެ އެތައް ގުނައެއް ފަލަވެ އެވެ. ދަރިފުޅަށް ކާންދޭ ވަރު މަދުކުރަން ބުންޏަސް އެމަންމައިންގެ ހިތްތައް ކުދިކުދިވެ އެވެ. ދަރިފުޅު ކާ ވަރަށްވުރެ އެއް ރޮށި މަދުން ކެޔަސް މަންމަ އަށް ފެންނާނީ ހަމައެކަނި ދަރިފުޅުގެ ހަތަރު ކަށިގަނޑެވެ.

ގަބޫލުކުރަންވީ ކަމަކީ ދަރިފުޅު މާބޮޑަށް ފަލަ ކަމެވެ. އޭނާގެ އުމުރަށްވުރެ ހަށިގަނޑު ފަލަވީމަ ސިއްހީ އެތައް ބަލިތަކެއްގެ ޝިކާރައަކަށް ދަރިފުޅު ވެދާނެ ކަމެވެ. ދަރިފުޅު ހިއްކާށެ ނުވަތަ ބަރުދަން ލުއިކުރާށެ ބުނީމަ އޭގެ މާނަ އަކީ ދަރިފުޅަށް ކާން ނުދީ ބަހައްޓާށެކޭ ނޫނެވެ. ދަރިފުޅަށް ހަމަ ރަނގަޅަށް ކޮންމެ ވަގުތަކު ކާންދޭންވާނެ އެވެ.

ގަބޫލުކުރަންވީ ކަމަކީ ލޯބިން ގޮސް ހަލާކުކޮށްލެވެނީ ދަރިފުޅުގެ މުސްތަގްބަލް ކަމެވެ. ދަރިފުޅު އެދަނީ ނުރައްކާތެރި ބަލިތަކެއްގެ ޝިކާރައަކަށް ވަމުން ކަމެވެ. ޅައުމުރުގައި ހިތުގެ ބަލިތަކާއި ޑައިބެޓިކްގެ އަޅަކަށ ދަރިފުޅު ހަދަމުންދާ ކަމެވެ.

ކާންދޭ ކާނާ ބަދަލުކޮށް ލެވިދާނެ؟

ދަރިފުޅަށް ކާންދޭ ކާނާ ބަދަލުކޮށްލާށެވެ. ފާޑު ފާޑުގެ އެެއްޗެހީގައި ތަރުކާރީ އާއި މޭވާ ފަދަ ސިއްހަތަށް ފައިދާ ހުރި ތަކެތި ދޭށެވެ. ތަރުކާރީ ދޭނީ އޭގެ ފައިދާ ނުގެއްލޭ ގޮތަށެވެ. ފެނު ކައްކާފައި ނުވަތަ އާވިން މަޑުކޮށްފައި ދޭށެވެ. ދެން އޮތް ސުވާލަކީ ދަރިފުޅަށް ކަމުދާނެ ތޯ އުފެދޭ ސުވާލެވެ. އެކަމަކުވެސް ޓްރައި އެއް ކޮށްލާށެވެ.

"ކަމަކު ނުދިޔަ. ރަހަ ބަލައިލީވެސް އެތައް ވަރަކުން. ގަދަކަމުން ވެސް ކާކަށް ނުދެވުނު. ދެން ހަމަ ރޮނީ. ރުޅި ގަދަކޮށްލާ އެހެން އެއްކަމެއްވެސް ނުކުރި. އެންމެ ފަހުން އޭނަ ބޭނުން އެއްޗެއް ކާންދިނީ" ދަރިފުޅު ބަރުދަން ލުއިކުރަން އެންގި ކުއްޖެއްގެ މަންމަގެ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ.

ކަމަކު ނުދިޔަ ދޯ އެވެ. އަދި ހާސްވާކަށް ނުވާށެވެ. ދަރިފުޅަށް މީރުވާނެ ކަހަލަ ގޮތަކަށް ތަރުކާރީ ހެދިދާނެ އެވެ. އެކަމަކު ތެޔޮ އަޅާ މިންވަރު މަދުކުރާށެވެ. ނޫނީ ޒައިތޫނި ތެޔޮވެސް ބޭނުންކުރެވިދާނެ އެވެ. ތަރުކާރީ ބަތް ކަހަލަ އެއްޗެހި ހަދާށެވެ. ވަރަށް ފައްކާވާނެ އެވެ.

ނޫނީ ޖޫސް ވެސް ތައްޔާރުކުރެވިދާނެ އެވެ. ތަރުކާރީ އަކީވެސް ޖޫސް ތައްޔާރުކުރެވޭނެ އެއްޗެއްސެވެ. ކެރެޓާއި ޓޮމާޓޯ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެއްސެވެ. ދަރިފުޅަށް މީރު ވާނެ ކަހަލަ ގޮތަކަށް ޝޭކް ތައްޔާރުކޮށްފައި ދެވިދާނެ އެވެ. ރޮލާވެސް ދަރިފުޅަށް ދެވިދާނެ އެވެ. މާ ޝައުގުވެރިވާނެ ކަމަށް ހީވެ އެވެ. އެކަމަކު ލިމިޓު ކުރާށެވެ. އޭނަ ބޭނުންވާ ވަރަކަށް ނުދެވޭނެކަން ބުނެދެންވާނެ އެވެ.

އަދި މަހާއި ޕްރޮޓީން އަދި ހޯލް ގްރެއިންގެ ކާނާތައް ދޭންވާނެ އެވެ. އެއީ ވަރަށް މުހިއްމު ކަމެކެވެ. ދަރިފުޅު ހެދިބޮޑުވަމުން އަންނަކަން ހަނދާނުގައި ހަރުލައްވާފައި ބަހައްޓަން ވާނެ އެވެ. އަދި ފިޒީ ޑްރިންކްސް އާއި ޖަންކް ފުޑްސް ނުވަތަ ލުއި ކާނާ ދިނުން ހަމަ މިވަގުތުން ފެށިގެން ހުއްޓާލާށެވެ. އެއްވެސް ވަރަކަށް ދީގެން ނުވާނެ އެވެ.

ކުޅެން ފޮނުވާ!

އަހަރުމެން ބޮޑެތިވެގެން އައި އިރު އުމުރަށްވުރެ ފަލަ ނުވަތަ ހަށިގަނޑު ބަރު ކުދިން ނުފެންނަނީ އަވަށު ހުރިހާ ކުދިން އެއްވެ ކުޅެންދާތީ ތާ އެވެ. އޭރުވެސް ގޭގައި ތަތްކޮށްފައި ތިބޭ ކުދިން ތިބެނީ ވެއްޓިއްޖެޔާ ނަގާފަ ބަހައްޓާނެ ކޮޅެއް ނޭނގޭ ވަރުވެފަ އެވެ. މުޅި އަވަށުގައި ދުވެ ތެޅިބާލާ ކުދިން ތިބެނީ ސިއްހަތު ރަނގަޅުވެގެންނެވެ. ނަމަވެސް މިއަދު ފެންނަނީ ތަފާތު މަންޒަރެެކެވެ. ކުދިން ބޭރަކަށް ނުދެ އެވެ. ހުރިހާ ކުދިން އެއްވެ ގިނަ ކުދިން ތަކަކާއެކު ކުޅެލުމަކީ ހަމައެކަނި ސްކޫލް ޕީއީ ގަޑީގައި ކުރާ ކަމަަކަށް ވަނީވެފަ އެވެ. އެކުދިން ދަންނަނީ ވީޑިއޯ ގޭމްސް ނުވަތަ ކޮންމެސް އޮން ލައިން ގޭމެކެވެ.

ދަރިފުޅު ބޭރަށް ކުޅެލަން ފޮނުވާށެވެ. މައިންބަފައިންގެ ބެލުމުގެ ދަށުންނެވެ. ދެން އޮތީ ތޮއްޖެހިފައި އޮތް މާލޭ ސިޓީގައި އުޅޭ ކުދިންނަށް އެފުރުސަތު ނެތް ވާހަކަ އެވެ. އުޅެން ޖެހެނީ ކުދި ކުދި ތަންތަން ކޮޅުގަ އެވެ. މިތާކު ދުވެލާނެ ތަނެއް ނެތެވެ. މަގުތައް އޮންނަނީ ދުއްވާ އެއްޗެހިން ފުރި ބަންޑުންދާ ވަރުވެފަ އެވެ. އެހެން ވީމަ މިކުދިންނަށް ކުޅެލާ ދުވެލާ ކަސްރަތުކޮށްލާ ހެދޭނެ ގޮތެއްވެސް ހޯދަން އެބަޖެހެ އެވެ.

އެހެން ވީމަ ހަފްތާއަކު އެއް ދުވަހު އެންމެ މަދުވެގެން ހުޅުމާލެއަށް ނުވަތަ ވިލިނގިއްޔަށް ގޮސްލާށެވެ. މުޅި ދުވަސް ހޭދަކޮށް ކުދިންނަށް ވަގުތު ދޭށެވެ. ނޫނީ މާލޭގައި ހަދާފައި މިހިރަ ބީޗުތަކަށް ގޮސްލާށެވެ. އެތާވެސް ކޮންމެސް ވަރަކަށް ޖާގަ އެބައޮތެވެ. އެކަމަކު ދަރިފުޅަށް ތިމާގެ 100 ޕަސަންޓު ސަމާލުކަން ދޭން ޖެހޭނެ އެވެ. މޫދަށް ވެސް އެރުވިދާނެ އެވެ. ފެތުމަކީވެސް ސިއްހަތަށް ފައިދާހުރި ކަމެކެވެ.