ދުނިޔެ

އިޒުރޭލަކީ ޒަޔަނިސްޓުން ހިންގާ ޓެރަރިސްޓް ޖަމާއަތެއް: އުރުދުޣާން

އިޒުރޭލަކީ ޒަޔަނިސްޓު ޔަހޫދީންގެ ބައިގަނޑެއް ވެރިކަންކުރާ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އިޒުރޭލުގައި ވެރިކަންކުރަނީ ޒަޔަނިސްޓުންގެ ތެރޭގައި ވެސް ހިމެނޭ އެންމެ ނުބައި ވައްތަރު އެކުވެގެން އުފައްދާފައި އޮތް ގޭންގަކުން ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

ޣައްޒާ އާއި ލުބްނާނަށް އިޒުރޭލުން ދެމުންދާ ހަމަލާތައް އެއީ ހަނގުރާމައެއްގައި -- ހަމަލާ ބަދަލުކުރުން ނޫން ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

އިންސާނުން ދިރި ތިއްބައި އަންދައި، ބަޑިބޭސް ޖަހައި ގޮއްވާލުމަކީ އިންސާނީ ހިތެއް އޮންނަ އެއްވެސް މީހަކަށް ކުރަން ކެރޭ ޒާތުގެ ކަމެއް ނޫން ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އިޒުރޭލުގައި ވެރިކަންކުރާ ބައިގަނޑު ބޮޑަށް ވައްތަރު ވަނީ އަނދިރިއަށް ހޭލައި، އިންސާނުންގެ ލޭބޯން ފިރުކިދާ ސޫފިތަކަކާ ކަމަށް ވެސް ތުރުކީގެ ރައީސް ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް އިޒުރޭލަށް ލިބުނު ފުރުސަތު ދޫކޮށްލައި އިޚުތިޔާރުކުރީ ޓެރަރިސްޓް ޖަމާއަތަށް ވުމަށެވެ. އަރަބިންގެ ފަރާތުން ލިބުނު އެއްބާރުލުން ބޮލާލައި ޖަހައި، ދިމާކުރީ އަރަބިންގެ ލޭބޯން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކެބިނެޓަކީ ހުސް ގާތިލުން ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އިޒުރޭލަށް ދުވަހަކު ވެސް ފަލަސްތީން އަމިއްލަ ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަރަބިންގެ ބިމެއް، ޔަހޫދީންނަށް ވަޒަނަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔަހޫދީންނަށް އާބާދީތައް އިތުރުކޮށް ސަރަހައްދަށް ފެތުރިގަތުމަށް ވިސްނާ ނަމަ، އެކަން އެ ގޮތަށް ހިނގަން ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އިޒުރޭލަށް ހުރިހާ ބާޜުވެރިކަމެއް ދެނީ ހުޅަނގުން ކަމަށާއި، ޣައްޒާއަށް އެހާވަރު ކުރަނީ އެ މީހުންގެ އަތުގައި ކޮން ބާރެއް އޮވެގެންތޯ އުރުދުޣާން ސުވާލުކުރެއްވި އެވެ.

ފަލަސްތީންގެ ނިކަމެތިންގެ ލެއިން ދެ އަތް ތަތްތެޅިފައި ތިބި ބަޔަކަށް ހެޔޮކޮން ހިތަން ތާރީޚުވެސް ތަންނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލަސްތީން އަކީ މުސްލިމުންގެ ޝިއާރެއް ކަމަށާއި ތުރުކީ އަބަދުވެސް އޮންނާނީ ފަލަސްތީންއާ އެކު ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.