އިލެކްޝަން ކޮމިޝަނަށް ހުށައަޅަން ޖެހޭ ސިޔާސީ ޕާޓީތަކުގެ މެންބަޝިޕް ފޯމުތައް އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖައްސަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ކޮމިޝަންގެ މަސައްކަތްތަކާއި، ތަނުގެ ކެޕޭސިޓީއާއި އަދި މީހުންގެ ވަގުތަކަށް ބަލާއިރު މި ބަދަލަކީ ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ކަމަށެވެ.
ފުއާދު ވިދާޅުވީ މިހާރު އޮންނަ ގޮތުން ޕާޓީތަކުން ހުށަހަޅާ ފޯމުތައް ހިފައިގެން އަންނަންޖެހެނީ އިލެކްޝަންސް ކޮމިޝަނަށް ކަމަށްވެފައި އެގޮތަށް އިންތިޒާމުތައް ހަމަޖެހިފައިވަތީ ބައެއް ދުވަސް ދުވަހު އެ އޮފީހުގެ ތެރޭގައިވެސް މީހުން ގިނަވެ އެހެން ބައެއް މީހުންނަށް ހިދުމަތް ދިނުމަށް ދަތިވާ ކަމަށެވެ.
"މިފދަަ ވަގުތު ތަކުކައި ކޮމިޝަނަށް ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ. އަދި ފޯމު ހިފައިގެންދާ މީހުންގެ އެތައް ވަގުތު ތަކެއް އެކަމަށް ހޭދަވެ ވަގުތުވެސް ބޭކާރުވޭ،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީތަކުގެ މެންބަޝިޕް ފޯމު ހުށަހެޅުމަށް އެންމެ ބޮޑަށް މީހުން ގިނަ ވަނީ އިންތިހާބު ތަކާ ދިމާވާ ދުވަސްވަރު ކަމަށެވެ. އެފަދަ ވަގުތުތަކުގައި ހިދުމަތް ދިނުން ލަސްވެ އާންމުންގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"ޕާޓީއަށް ވަނުމާއި ވަކިވުމުގައި ކުރަންޖެހޭ ކަންކަން އޮޓޮމެޓިކް ކުރުމަށް މަސައްކަތް މިކުރަނީ. މިބަދަލާ އެކު ގޭގައި ހުރެފައިވެސް ފޯމު ހުށަހެޅޭނެ،" ފުއާދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕާޓީތަކުގެ މެންޝިޕް ފޯމު އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖެއްސުމަކީ ސިޔާސީ ޕާޓީތަކާއި އާންމުންގެވެސް ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެހެންކަމުން ކޮމިޝަނުން އެކަމަށް ހާއްސަ އިސްކަމެއް ދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.