ބޭރު ކުޅިވަރު

ޗެލްސީން ޝައުގުވެރިވާ ކޮންޓޭ އިޓަލީގެ ގައުމީ ކޯޗުކަން ދޫކޮށްލަނީ

ޗެލްސީ އަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ އިޓަލީގެ ގައުމީ ކޯޗު އެންޓޯނިއޯ ކޮންޓޭ ޖޫން މަހު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު މަގާމުން އިސްތިއުފާދޭން ނިންމައިފި އެވެ.

އޭނާގެ މި ނިންމުން އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނަށް ވެސް މިހާރު ވަނީ އަންގާފަ އެވެ.

އުމުރުން 46 އަހަރުގެ ކޯޗު އެނބުރި ކުލަބު ފުޓްބޯޅަ އަށް ދާން ބޭނުންވެފައިވާއިރު އޭނާ ދިއުން އެންމެ ގާތް ކުލަބަކީ ޗެލްސީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ހޯސޭ މޮރީނިއޯ ވަކިކޮށް، ދާއިމީ ކޯޗަކު ހޯދަން މަސައްކަތް ކުރަމުން އަންނަ ޗެލްސީއާ ހަވާލުވާން ކޮންޓޭ މިހާރު ވަނީ އަނގަބަހުން އެއްބަސްވެފަ އެވެ. އެއީ އަހަރަކުން ހަ މިލިއަން ޕައުންޑްގެ މުސަރައަކަށް ތިން އަހަރު ދުވަހަށެވެ.

އަންނަ ސީޒަނުގައި ޔޫރަޕުގެ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ބެލެވިފައިވާ ޗެލްސީ އަށް މިހާރު ކޯޗުކޮށްދެމުން އަންނަނީ ވަގުތީ ކޯޗެއްގެ ގޮތުން ނެދަލޭންޑްސްގެ ގުސް ހިޑިންކެވެ. އޭނާ އަކީ ކުލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗްގެ ގާތް ރަހުމަތްތެރިއެކެވެ.