ޕޯޗްގަލްގެ ކުރީގެ ތަރި ލުއިސް ފީގޯ ފީފާގެ ރައީސް ކަމަށް ވާދަކުރާނެކަން އިއުލާނުކޮށްފި އެވެ.
ރިއަލް މެޑްރިޑާއި ބާސެލޯނާ އަށް ވެސް ކުޅެފައިވާ ފީގޯ މިކަން ހާމަކުރީ ސީއެންއެން އަށް ދިން ހާއްސަ އިންޓަވިއުއެއްގަ އެވެ.
އުމުރުން 42 އަހަރުގެ ފީގޯ 20 އަހަރަށް ފަހު ކުޅުން ހުއްޓާލާފައި ވާއިރު އޭނާ ވެފައި ވަނީ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ މިހާރުގެ ރައީސް ސެޕް ބްލެޓާ އަށް އެންމެ ބޮޑު ބިރު ކަމުގަ އެވެ.
"އަހަރެން ފުޓްބޯޅައަށް ވަމުންދާ ގޮތާ މެދު ކަންބޮޑުވޭ. ފީފާ މިހާރު ސިފަކުރެވޭ ގޮތް ކަމަކު ނުދޭ. އަދި ކުރިން ވެސް ކަމަކު ނުދޭ،" ފީގޯ ބުނެފައިވެ އެވެ.
އޭނާ ބުނެފައި ވަނީ އިންޓަނެޓްގައި ވެސް ފީފާ ސާޗްކޮށްފި ނަމަ މުޅިން ވެސް ފެންނަނީ ފަސާދައިގެ ވާހަކަތައް ކަމަށާއި އެ ޖަމިއްޔާއާ މެދު ރަނގަޅު ވާހަކައެއް ނުފެންނަ ކަމަށެވެ. އަދި ފީފާގެ ރައީސް ކަމުގެ މަގާމަށް ވާދަކުރުމަށް ބޭނުންވާ، ފީފާގެ ފަސް މެންބަރު އެސޯސިއޭޝަނެއްގެ ތާއީދު ވެސް މިހާރު ލިބިފައިވާކަން ފީގޯ ވަނީ ސީއެންއެން އަށް ކަށަވަރުކޮށްދީފަ އެވެ. މޭ މަހު އޮންނަ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ މާދަމާގެ ނިޔަލަށެވެ.
"ފުޓްބޯޅައިގެ މުހިންމު ވަރަށް ގިނަ މީހުންނާ އަހަރެން މި ދަނީ ވާހަކަ ދައްކަމުން. ކުޅުންތެރިންނާއި މެނޭޖަރުންނާއި ފެޑެރޭޝަންތަކުގެ ރައީސުންނާ ވާހަަކަ ދައްކަން – އެ ހުރިހާ މީހުން ވެސް ގަބޫލުކުރޭ ކޮންމެވެސް ކަމެއް ކުރަންވެއްޖެ ކަމަށް،" ފީގޯ ބުންޏެވެ.
ފީފާގެ ތެރޭގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކާއި އެ މައްސަލަތަކާ ގުޅިގެން ހިންގަމުންދާ ތަހުގީގުތަކަށް އިޝާރާތް ކުރަމުން ފީގޯ ބުނީ މިދިޔަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށް ދިޔައިރު ފީފާއާ ބެހޭ ގޮތުން އެކި ފަރާތްތަކުގެ ޝުއޫރު ވަރަށް ސާފުކޮށް އެނގިގެން ދިޔަ ކަމަށެވެ.
ފީގޯ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރަށް ހޯދައިފަ އެވެ. އަދި ޕޯޗްގަލްގެ ގައުމީ ޓީމަށް 127 މެޗު ކުޅެދީފައިވެ އެވެ. އެގޮތުން ވޯލްޑް ކަޕްގައި 2002 އާއި 2006 ގައި ކުޅެފައިވެ އެވެ.