ބޭރު ކުޅިވަރު

ލީގަށް ވާދަކުރާނީ ދެ ޓީމެއްނޫން: ރެނިއޭރީ

އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ކަމަށް ވާދަކުރަނީ ލެސްޓާސިޓީ އާއި ޓޮޓެންހަމް އެކަނި ނޫން ކަމަށް ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ލީގުގައި ރޭ ނިއުކާސަލް އަތުން 1-0އިން މޮޅުވި މެޗަށް ފަހު އެވެ. ކޯޗު ރަފާ ބެނީޓޭޒް ނިއުކާސަލްއާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުން ނިއުކާސަލް ބަލިވީ ލެސްޓާ ސިޓީގެ އޮކަޒާކީ ޖެހި ހަމައެކަނި ލަނޑުންނެވެ. މި މޮޅާއެކު ލެސްޓާ އެއްވަނާގައިވަނީ 63 ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވާ ޓޮޓެންހަމް އޮތީ 58 ޕޮއިންޓާއެކުގަ އެވެ. ތިންވަނާގައި އާސެނަލް އޮތީ 52 ޕޮއިންޓާއެކުގަ އެވެ. ލީގުގައި ބަކީ ކޮންމެ ޓީމަކަށް ވެސް އޮތީ އަށް މެޗެވެ.

"ދެ ޓީމެއްނޫން ލީގަށް ވާދަކުރާނީ. ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައި. އަހަރުމެން މަސައްކަތް މިކޔުރަނީ ޔޫރަޕުގެ މުބާރާތަށް ކޮލިފައިވާން. އަހަރުމެން ތައްޔާރުވާނީ ތައްޓަށްވުރެ ބޮޑަށް މެޗަކަށްފަހު މެޗަކަށް،" ރަނިއޭރީ ބުންޏެވެ.

އޭނާ އަދި ބުނީ ބެނީޓޭޒްގެ ކޯޗުކަމުގައި ނިއުކާސަލް ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި މިއީ އުނދަގޫ މެޗެއް ކަމަށެވެ.

"އެންމެ ރަނގަޅަށް މި މެޗުގައި ނުކުޅެވުނު. އެކަމަކު އަހަރުމެންގެ ރޫހު ރަނގަޅު. މެޗުން މޮޅުވުމުން ހިތްހަމަޖެހޭ. އަހަރުމެންނަށް އެނގޭ މި މެޗު އުނދަގޫވާނެކަން. ދެން އޮތް ކްރިސްޓަލް ޕެލަސް މެޗު ވެސް އުނދަގޫވާނެ،" ރަނިއޭރީ ބުންޏެވެ.

ރެލިގޭޝަނާ ހަނގުރާމަ ކުރަމުން އަންނަ ނިއުކާސަލް މި މެޗުން ބަލިވި ނަމަވެސް ރެލިގޭޓްނުވެ ސަލާމަތްވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ރަނިއޭރީ ބުންޏެވެ.

ނިއުކާސަލްގެ ކޯޗު ބެނީޓޭޒް ބުނީ މޗުގެ ފުރަތަމަ 20 މިނިޓަށް ފަހު ރަނގަޅަށް ކުޅުނީ ލެސްޓާ ސިޓީ ކަމަށެވެ.

"އެކަމަކު އަހަރުމެން ޖުމުލަކޮށް ގޯހެއްނޫން. ރަނގަޅު ގިނަ ކަންތައްތަކެއް އެބަހުރި. އަހަރުމެން ވިސްނާނީ އެކަންކަމަށް. އަދި ނަތީޖާ ހޯދޭނެ. ފުރުސަތު ނުގެއްލޭ،" 24 ޕޮއިންޓާއެކު ޓޭބަލުގެ ފަހަތުން ދެ ވަނާގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ 25 ޕޮއިންޓާއެކު 17 ވަނާގައި އޮތް ސަންޑަލޭންޑާއެކު ކުރިއަށް އޮތް މެޗަކ ވަރަށް މުހިންމު އަދި އުނދަގޫ މެޗެއް ކަމަށެވެ.