ރާއްޖެ ކުޅިވަރު

މޮޅުވާން މަސައްކަތް ކުރާނަން: ސްޓޮއިކޯފް

އޭއެފްސީ ކަޕުގައި ހޮންކޮންގެ ކިޗީއާ އަތުން މިއަދު މޮޅުވާން މަސައްކަތް ކުރާނެ ކަމަށް ނިއުރޭޑިއަންޓުން ބުނެފި އެވެ.

ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނީ އޭނާގެ ޓީމަކީ ވަރަށް އާ ޓީމެއް ކަމަށެވެ.

"މިއީ ވަރަށް އާ ޓީމެއް. އެކަމަކު އަހަރުމެން ކުޅޭ ވަރަކަށް ޓީމު ރަނގަޅު އެބަވޭ. އަހަރުމެން މަސައްކަތް ކުރާން މި މެޗުން މޮޅުވާން،" މިވަގުތު ޓޭބަލުގެ ފުލުގައިވާ ޓީމުގެ ކޯޗު ބުންޏެވެ.

ނިއު މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއްވަރުވީ ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނާގައި އޮތް ސިންގަޕޫރުގެ ބެލަސްޓިއާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުންނެވެ. ޓޭބަލުގެ ދެ ވަނާގައިވާ ކިޗީއާ ދެކޮޅަށް ނިއު ނުކުންނަނީ ތިން ޕޮއިންޓާއެކު ތިން ވަނާގައި އޮތް ޕިލިޕީންސްގެ ކާޔާ އެފްސީ އަތުން 1-0އިން ބަލިވުމަށް ފަހު އެވެ.

ސްޓޮއިކޯފް ބުނީ ފިލިޕީންސުން ހޮންކޮން އަށް ދިއުމަށް ނިއުކުރީ ދިގު ދަތުރެއް ކަމަށާއި ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެންނަ ކަމަށެވެ.

"ވަރަށް ދިގު ދަތުރެއް މިކުރީ މި މެޗުގެ ކުރިން. މިއީ މި ކުޅުންތެރިންނަށް ވަރަށް ބޮޑު ޓެސްޓެއް،" 2005 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ނިއު ގެންގޮސްދިން ކޯޗު ބުންޏެވެ.