ރާއްޖެ ކުޅިވަރު

ކިޗީ ކޯޗުގެ ކަންބޮޑުވަނީ ނިއުގެ ޑިފެންޑަރުންގެ އިސްކޮޅާހެދި

ނިއުރޭޑިއަންޓްގެ ޑިފެންޑަރުންން އިސްކޮޅުން ދިގު ކަމަށާއި އެއީ ފަރުވާތެރިވާންޖެހޭ ކަމެއް ކަމަށް ހޮންކޮންގެ ކިޗީގެ ކޯޗު އެލެކްސް ކްލޫ ބުނެފި އެވެ.

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ހޮންކޮންގައި ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ބުނީ އަމިއްލަ ދަނޑުގައި ކުޅޭ މެޗަކަށްވުމުން އެމީހުން ކޮންމެހެން ވެސް މޮޅުވާން ޖެހޭ ކަމަށެވެ.

"އެމީހުންގެ ތިބި ބައެއް ކުޅުންތެރިންނަކީ އިސްކޮޅުން ވަރަށް ދިގު ކުޅުންތެރިން. އެމީހުންގެ ޑިފެންސްގައި ތިބި ކުޅުންތެރިން އިސްކޮޅުންދިގު. އެހެންވީމާ އަހަރުމެން ޑެޑްބޯލް ސިޓުއޭޝަންގައި ވަރަށް ސަމާލުވާންޖެހޭނެ،" ކޯޗު ބުންޏެވެ.

"އަހަރުމެންގެ އިތުބާރު އެބައޮތް އަމިއްލަ ދަނޑުގައި ކުޅޭތީވެ. އަހަރުމެން ސިންގަޕޫރުގައި (މީގެ ހަފުތާއެއްކުރިން ބެލަސްޓިއާ އެފްސީއާ ދެކޮޅަށް) ވަރަށް ރަނގަޅަށް ކުޅުނިން. އަހަރުމެންނަށް ޔަގީންކަން އެބައޮތް މި މެޗުން މޮޅުވެވޭނެ ކަމަށް،" ކޯޗު ބުންޏެވެ.

މި މެޗަށް ނުކުންނައިރު ނިއު އޮތީ އެންމެ ޕޮއިންޓަކާއެކު ޓޭބަލުގެ ފުލުގަ އެވެ. ސިންގަޕޫރުގެ ބެލަސްޓިއާ އަތުން މާލޭގައި 2-2އިން އެއްވަރުވި މެޗަށްފަހު ފިލިޕީންސްގެ ކާޔާ އެފްސީ އަތުން ނިއު ބަލިވީ 1-0އިންނެވެ. ނިއު ހިމެނޭ ގްރޫޕް އެފްގެ އެއްވަނާގައި މިވަގުތު އޮތީ ހަތަރު ޕޮއިންޓާއެކު ބެލަސްޓިއާ އެވެ. ކާޔާ އެފްސީ އާއި ކިޗީ ތިން ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައިވަނީ ކިޗީ އެވެ.