ސްޓެލްކޯ

އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު ހެދުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި

އިސްލާމީ މަރުކަޒުގެ މުންނާރު ވަށައިގެން އޮންނަ މަސްފެންގަނޑު ހެދުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.

މިއީ ސްޓެލްކޯ އިން އިޖުތިމާއީ ޒިންމާގެ ދަށުން ހިލޭ ސާބަހަށް ކޮށްދޭ މަސައްކަތެކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ އެ ކުންފުނިން ބޭނުންވަނީ މުންނާރު ވަށައިގެންވާ ސަގާފީ ތަރިކަ ކުރިއެކޭ އެއްގޮތަށް ރީތިކޮށް ފެންނާނެހެން އަލުން އެތަން މަރާމާތު ކުރުން ކަމަށެވެ.

"އެތަނަކީ ދިވެހިންގެ ތާރީހާ ގުޅިފައިވާ މުހިއްމު ބިނާއެއް،" ފަހްމީ ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު ވަށައިގެން އޮންނަ މަސްފެންގަނޑު ހެދުމުގެ މަސައްކަތާ ސްޓެލްކޯ އިން ހަވާލުވީ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިސްލާމިކް މިނިސްޓްރީން ކުރި އިއުލާން ބާތިލްކުރި ފަހުންނެވެ. މިނިސްޓްރީން އިއުލާން ބާތިލްކުރީ ހަރަދު ކުޑަކުރަން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު އަލުން ރީތި ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށެވެ.