އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުވެ ސައިބާ ކުށްތަކާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް ތައާރަފު ކުރުމުގެ ގޮތުން ދެއްވި ވީޑިޔޯ މެސެޖުގައި ޝުޖާއު ވިދާޅުވީ ސައިބާ ކުށްކުރުން ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށާއި، ސްކޭމްތަކުން ފެށިގެން ރޭންސަމް ހަމަލާތަކުގެ ޝިކާރައަކަށްވާ ދިވެހިންގެ އަދަދު މަދު ނޫން ކަމަށެވެ.
ސީޕީ ޝުޖާއު ވިދާޅުވީ ސައިބާ ކުށްތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރާ މަހެއްގެ ގޮތުގައި އޮކްޓޫބަރު މަސް ފާހަގަކުރުމުގެ މަގުސަދަކީ ސައިބާ ކުށްތަކަށް މީހުން ހޭލުންތެރި ކުރުވުން ކަމަށެވެ. އެގޮތުން އާއްމުން ހޭލުންތެރިކުރުމަށް ރާއްޖޭގައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ދިވެހި ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުގެ މަންސަތައް ތައާރަފް ކޮށްފައިވަނީ ސޯސަލްމީޑިއާގެ ޕްލެޓް ފޯމުތަކުގެ ތެރޭގައި ހިމެނޭ ފޭސްބުކް، ޓިކްޓޮކް، އިންސްޓަގްރާމް އަދި ޔޫޓިއުބް ގައެވެ.
ޝުޖާއު ވިދާޅުވީ ރާއްޖޭގައި ސައިބާ ކުށްތަކާ ދެކޮޅަށް މީހުން ހޭލުންތެރި ކުރުމަށް ކުރަމުންދާ މަސައްކަތުގައި އާއްމުންގެ އެހީތެރިކަން ލިބެމުންދާ ކަމަށާއި، ކުރިއެރުން ތަކެއްވެސް ލިބެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ޑިޖިޓަލް މާހައުލު ރައްކާތެރި ތަނަކަށް ހަދަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"ސައިބަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމުކޮށް ސްޓްރެޓެޖީތައް ތަންފީޒުކޮށް ދިވެހިރާއްޖެ އަކީ ޑިޖިޓަލް މުއާމަލާތުތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހަދަން ޖެހޭ،" ޝުޖާއު ވިދާޅުވި އެވެ.
އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުވެ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކޮށްދިނުމުގައި މަސައްކަތް ކުރުމަށްވެސް ސީޕީ ވަނީ އެދިވަޑައިގެންފަ އެވެ.
މިއަހަރު ސައިބާ އެވެއާނަސް ޝިއާރަކީ "ސެކުއާ އަވާ ވޯލްޑް" އެވެ.