އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ އައިސީޔޫ ބޮޑު ކުރަން އިމަޖެންސީ ގޭޓް ބަންދު ކުރަނީ

އައިޖީއެމްއެޗްގެ އައިސީޔޫ ބޮޑު ކުރުމުގެ މަސައްކަތްކުރަން އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލްގެ އެމަޖެންސީ ގޭޓް ހުންނަ ބުރުޒު މަގު ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދުކުރަން ނިންމައިފި އެވެ.

އައިޖީއެމްއެޗް ތަރައްގީކޮށް އާބާތުރަފިލުވުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރު އިންޑިއާގެ ހިލޭ އެހީގައި ފެށި 10 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުންނެވެ. ނަމަވެސް އައިސީޔޫ ބޮޑު ކުރުމުގެ މަސައްކަތް ކުރަނީ ސަރުކާރުން ވެސް އެކަމަށް ހަރަދު ކޮށްގެންނެވެ.

އައިޖީއެމްއެޗް އިން ބުނީ އިމަޖެންސީ ގޭޓް ބަންދުކުރުމުން އެމްބިއުލާންސް އާއި ހޮސްޕިޓަލަށް ވަންނަން އަންނަ ވެހިކަލްތަކަށް ވަދެވޭ ގޮތަށް އާ ގޭޓެއް ހަދާނެ ކަމަށެވެ. އެ ގޭޓް އަދި ހަދާ ނުނިމޭތީ އެންބިއުލާންސް ފަދަ ވެހިކަލްތަކަށް އަންނަ އާދީއްތަ ދުވަހާއި ހަމަޔަށް ބުރުޒުމަގަށް ވަދެވޭނެ ކަމަށެވެ. ނަމަވެސް އާންމުންނަށް އެ މަގު މިއަދުން ފެށިގެން ބަންދުވާނެ ކަމަށެވެ.

"މަގު ބަންދުކުރަން އަޅުގަނޑުމެން ނިންމާފައި މި ވަނީ މި މަގަކީ ކުރިއަށް އޮތް ތަނުގައި ވެސް ބަންދު ވާނެ މަގަކަށް ވާތީ. 25 ބުރީގެ އިމާރާތް އަޅަން ފެށުމުން އެ މަގު ހިމެނޭނީ ހޮސްޕިޓަލްގެ ބައެއްގެ ގޮތުގަ. ދެން ހަމަ އެއާއެކު މިހާރު އައިސީޔޫ ބޮޑުކުރުމުގެ މަސައްކަތް ފަށާތީ މަސައްކަތަށް ފަސޭހަ ކުރުމުގެ ގޮތުން މަގު ބަންދު މި ކުރަނީ،" އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗް އަޕްގްރޭޑް ކޮށް އާބާތުރަ ފިލުވުމަށް އެ ހޮސްޕިޓަލުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ދާއިރު، ދާދި ފަހުން ވަނީ އެ ހޮސްޕިޓަލްގެ ލެބޯޓްރީ ބޮޑުކޮށް ވެއިޓިން އޭރިއާ ވެސް ބޮޑުކޮށްފަ އެވެ. އަދި ހޮސްޕިޓަލްގެ ވޯޑުތަކުގައި މުށި ޖަހައި ފާހާނަތަކާއި ކޮޓަރިތައް ރީތި ކުރުމަށްފަހު މާބަނޑު މީހުންގެ ބައި ވަކިކޮށް، ވޯޑުތަކުގެ ތަރުތީބަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. މީގެ އިތުރުން އެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާ ކޮށް، އެނދު ގިނަ ކުރުމުގެ ގޮތުން ސަރުކާރުން ވަނީ އެ ހޮސްޕިޓަލުގައި 25 ބުރީގެ އިމާރާތެއް އަޅަން ސިންގަޕޫރުގެ ކުންފުންޏަކާއި ވެސް ހަވާލުކޮށްފަ އެވެ.