އަހުމަދު ނަސީރު

ނަސީރު އަނެއްކާވެސް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް އައްޔަންކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހުންނެވި އަހްމަދު ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކުރުމަށްފަހު އަނެއްކާވެސް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ބަދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެން މިދިޔަ ޑިސެމްބަރު 12 ވަނަ ދުވަހު މިނިސްޓަރެއްގެ ފެންވަރުގައި ނަސީރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށެވެ.

ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ ތިންވަނަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ނަސީރު ބަދަލުކުރައްވާފަ އެވެ.

އެކަމަކު ފިނޭންސް މިނިސްޓަރުގެ މަގާމުން ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމާ ގުޅިގެން ފިނޭންސް މިނިސްޓަރުގެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އައްޔަންކުރެއްވުމާ އެކު އަނެއްކާވެސް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް މިދިޔަ ހަފްތާގެ ތެރޭގައި ނަސީރު ވަނީ ބަދަލުކުރައްވާފަ އެވެ.

ނަސީރުގެ މަގާމަށް ކުރިންވެސް އަދި ފަހުންވެސް ބަދަލު ގެނައި ވަކި ސަބަބެއް ކަމާ ގުޅޭ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަސީރު ވަނީ މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ގަވަރުނަރުކަންވެސް ކުރައްވާފަ އެވެ.

މިސަރުކާރުގައި މިނިސްޓަރެއްގެ ފެންވަރުގައި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައި ކުރީގެ ފިނޭންސް މިނިސްޓަރު އަދި އެމްއެމްއޭގެ މިހާރުގެ ގަވަރުނަރު އަހްމަދު މުނައްވަރުވެސް ކުރިން ހުންނެވި އެވެ.