ރާއްޖޭގެ އިމާމުންނަށް ކުވެއިތުން އަރަބި ބަސް ކިޔެވުމަށް ފުރުސަތުތަކެއް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އިމާމުން، ކުވައިތުގައި އަރަބި ބަސް ކިޔަވަން ތިން މަސް ދުވަހުގެ ކުރު ކޯސްތަކެއް ފުރިހަމަކުރަން ފުރުސަތު ލިބިފައިވާ ކަމަށާއި، އަހަރަކު ދެފަހަރު މިކޯސް ކުވެއިތުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މިޕްރޮގްރާމަކީ ކުވައިތުގެ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ)އާ ގުޅިގެން މަތީ ސާނަވީއާއި ކޮލެޖް ޔުނިވަސިޓީތަކުގެ ޔޫނިއަންތަކުގެ ދަރިވަރުންނަށް އުމްރާ ދަތުރެއް ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުގައި 20-25 ފަރާތެއް ބައިވެރިވާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. ނަމަވެސް މިޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ޝަހީމް ހިއްސާކުރައްވާފައެއް ނުވެ އެވެ.
އިސްލާމިކް މިސްޓްރީން ދަނީ ރާއްޖޭގެ އިމާމުންގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިންވެސް އިމާމުންނަށް އަރަބި ބަސް ކިޔަވައި ދިނުމުގެ ކޯސްތައް މިސްރު އެންބަސީއާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ބައެއް އިމާމުން ބައެއް ގައުމުތަކަށް ގެންގޮސް އެ ގައުމުތަކުގެ މިސްކިތްތަކުގައި ތަޖުރިބާކޮށްލުމުގެ ފުރުސަތުތަކެއްވެސް ފަހިކޮށްދީފައިވެ އެވެެ.