ކުޑަކުދިންނާ ގުޅުންހުރި 52 މައްސަލަ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ހުށަހަޅާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމްއިން މިއަދު ނެރުނު ރިވިއުއެއްގައިވާ ގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކުޑަކުދިންނާ ގުޅުންހުރި ޖުމްލަ 33 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މި މައްސަލަތަކުގައި 47 ހައްގެއް ގެއްލިފައިވާކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މި މުއްދަތުގެ ތެރޭގައި އެ ކޮމިޝަނަށް ހުށަހެޅުނު ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތަކަކީ ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅިފައިވާ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އެކި ސަބަބުތަކާހުރެ ކުދިން އުނގެނުމުގެ ހައްގުން މަހުރޫމުވެގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. މީގެ އިތުރުން އާއިލާ ރޫޅުމުގެ ސަބަބުން ކުދިންނަށް ކުރިމަތިވާ އަނިޔާގެ މައްސަލަތައްވެސް ހުށަހަޅާފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި، ކުޑަކުދިންގެ ހައްގުތައް ގެއްލިގެން ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު އަނިޔާގެ ޖުމްލަ 26 މައްސަލައެއް ފާހަގަކުރެވުނު ކަމަށް އެޗްއާރްސީއެމްއިން ބުނެ އެވެ. އެގޮތުން ހުށަހަޅާފައިވާ އަނިޔާގެ މައްސަލަތަކަށް ބަލާއިރު ޖިސްމާނީ، ޖިންސީ އަދި ނަފްސާނީ އަނިޔާ އަދި ކުޑަކުދިންނަށް އެކިގޮތްގޮތުން ވެވޭ އިހުމާލުގެ މައްސަލަތައް ހިމެނެއެވެ.
ކުޑަކުދިންނަށް ލިބެންޖެހޭކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުނގެނުމުގެ ހައްގު ގެއްލިގެން 11 މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވެއެވެ. އެގޮތުން ކުދިން ސްކޫލަށް ނުފޮނުވާ ހަތް މައްސަލައާއި، ކުދިންގެ މެދުގައި ސްކޫލުން ތަފާތުކުރާ ކަމަށް ބުނެ ހުށަހަޅާފައިވާ ތިން މައްސަލަ އަދި ސްކޫލުން އެކަށީގެންވާ ހިދުމަތްނުލިބޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ހިމެނެއެވެ.
ދަރިންނާ ބައްދަލު ކުރުމަށް ފުރުސަތު ނުދޭ ކަމަށް ބުނެ ހުށަހަޅާފައިވާ ތިން މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެގޮތުން ކޯޓުން ދަރިންގެ ހަޟާނަތު ހަވާލުކޮށްފައިވާ ފަރާތުން ދަރިންނަށް އިހުމާލުވާ ކަމަށާއި ދަރިންނާ ބައްދަލުނުވެވޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކެއްކަން ފާހަގަކުރެވުނު ކަމަށެވެ.
މިދިޔަ އަހަރު މެއި މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް 19 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އެޗްއާރްސީއެމްއިން ބުނާ ގޮތުގައި، މި މައްސަލަތަކުގައި 27 ހައްގެއް ގެއްލިފައިވާކަމަށް ބެލެވޭ ކަމަށެވެ.
މިމުއްދަތުގެ ތެރޭގައި އެ ކޮމިޝަނަށް ހުށަހެޅުނު ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަށް ބަލާލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅިފައިާވ މައްސަލަތަކެވެ. ދެވަނައަށް އެންމެގިނައީ ކުޑަކުދިންނަށް އެކި ސަބަބުތަކާހުރެ ކުދިން އުނގެނުމުގެ ހައްގުން މަހްރޫމުވެގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. މީގެ އިތުރުން އާއިލާ ރޫޅުމުގެ ސަބަބުން ކުދިންނަށް ކުރިމަތިވާ އަނިޔާގެ މައްސަލަތައްވެސް ހުށަހަޅާފައިވެ އެވެ.
ރިވިއުގައި ބުނެފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ގެއްލިގެން ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު އަނިޔާގެ ޖުމްލަ 18 މައްސަލައެއް ފާހަގަކުރެވެއެވެ. މިގޮތުން ހުށަހަޅާފައިވާ އަނިޔާގެ މައްސަލަތަކަށް ބަލާއިރު ޖިސްމާނީ، ޖިންސީ އަދި ނަފްސާނީ އަނިޔާ އަދި ކުޑަކުދިންނަށް އެކިގޮތްގޮތުން ވެވޭ އިހުމާލުގެ މައްސަލަތައް ހިމެނެ އެވެ.
މި މުއްދަތުގެ ތެރޭގައި ކުޑަކުދިންނަށް ލިބެންޖެހޭ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުނގެނުމުގެ ހައްގު ގެއްލިގެން ތިން މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވެ އެވެ. އެގޮތުން ކުދިން ސްކޫލަށް ނުފޮނުވާ ތިން މައްސަލައާއި، ކުދިންގެ މެދުގައި ސްކޫލުން ތަފާތުކުރާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ހިމެނެއެވެ.
ދަރިންނާ ބައްދަލު ކުރުމަށް ފުރުސަތު ނުދޭ ކަމަށް ބުނެ ހުށަހަޅާފައިވާ ފަސް މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެޗްއާރްސީއެމްއިން ވަނީ ބުނެފަ އެވެ. އެގޮތުން މިއީ ކޯޓުން ދަރިންގެ ހަޟާނަތު ހަވާލުކޮށްފައިވާ ފަރާތުން ދަރިންނަށް އިހުމާލުވާ ކަމަށާއި ދަރިންނާ ބައްދަލުނުވެވޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކެއްކަން ފާހަގަކުރެވޭ ކަމަށެވެ.
އެޗްއާރްސީއެމްއިން ބުނީ، މިފަދަ މައްސަލަތައް މަދުކުރުމުގެ ގޮތުން، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ކުޑަކުދިންނާ ގުޅުންހުރި ގާނޫނުތަކާއި، ގަވާއިދުތަކާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ މުއާހަދާތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ހިމާޔަތް އެކުދިންނަށް ލިބިދިނުމަށްޓަކައި، އެކުދިންގެ އާއިލާތަކުންނާއި، މުޖުތަމައުއިންނާ އަދި ދިވެހި ދައުލަތުން ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ކުޑަކުދިންނަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކޮށް ދިނުމުގައި އިހުމާލުވާ ފަރާތްތަކަށް ހަރުކަށި އަދަބުދެވޭނެ ނިޒާމެއް ގާއިމުކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ބަލަހައްޓާ މަރުކަޒުތަކުން ލިބިދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ.
"މީގެއިތުރުން، މިހާރު އަމަލުކުރަމުންދާ ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި ގާނޫނުތަކާއި، ގަވާއިދުތަކާ އަދި އުސޫލުތަކަށް އިސްލާހު ގެނެސް، އާއިލާ އަދި މުޖުތަމައުއަށް ކުޑަކުދިންނަށް ލިބިދޭ ހައްގުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ރަނގަޅު ނިޒާމެއް ގާއިމްކުރުމުގެ އިތުރުން، މިފަދަ މައްސަލަތަކުގައި މަސައްކަތްކުރާ އެންމެހާ މުއައްސަސާތަކުގެ މެދުގައި ހަރުދަނާ ގުޅުމެއް އޮތުމަކީ މުހިއްމުކަމެއްކަމުގައި ކޮމިޝަނުން ދެކެމެވެ." އެޗްއާރްސީއެމްއިން ބުންޏެވެ.