މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

4000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ ކުރަނގި އޮޕްރޭޝަންގެ ދަށުން މިހާތަނަށް 4000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯޑާޓާ އެއްކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެވެ.

ކުރަނގި އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ހޯމްލޭންޑް މިނިސްޓްރީން ބުނީ މީހުން ދިރިއުޅޭ 45 ރަށެއްގައި ކުރަނގި އޮޕަރޭޝަން ހިންގާފައިވާ ކަމަށާއި މީގެތެރެއިން އަށް ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނީ ކުރަނގި އޮޕަރޭޝަން ފަށާފައިވާ 45 ރަށުން 4،272 ބިދޭސީންގެ ބަޔޯޑާޓާ އެއްކޮށްފައިވާ ކަމަށެވެ.

ބަޔޯ މެޓްރިކްސް އެއްކުރުމަށް ފަށާފައިވާ މިއޮޕަރޭޝަންގައި މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ބައެއް ރައްތަކުގެ މައުލޫމާތުވެސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހިއްސާކޮށްފައިވެ އެވެ. އެގޮތުން ހއ. ދިއްދޫން 390 ބިދޭސީން، ރ. އަލިފުށިން 178 ބިދޭސީން، ރ. ދުވާފަރުން 140 ބިދޭސީން، ކ. ގާފަރުން 105 ބިދޭސީން، ކ. ހިންމަފުށިން 701 ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވެ އެވެ. މީގެ އިތުރުން ކ. މާފުށިން 1،076 ބިދޭސީން، ލ. ގަމުން 200 ބިދޭސީން އަދި ސ. ހިތަދޫން 114 ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށާއި، މި އޮޕަރޭޝަންގައި ލިބޭ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާނެ ކަމަށެވެ. އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހަދާފައި ހުރި ގާނޫނާއި ގަވާއިދުތަކުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެ ކަމަށްވެސް ބުންޏެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިތުރަށް ބުނީ ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ގައުމަށް ފޮނުވާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ.