ތައުލީމު

ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭނީ ކިހިނެތް؟

Oct 17, 2024

ލިޔުނީ: މޫސާ ޝާފިއު

މީގެ 25 ނުވަތަ 30 އަހަރު ކުރި އެވެ. މާލެ އޮތީ މިހާރު މިފެންނަ ގޮތަކަށް ނޫނެނެވެ. މިހާރު މިއޮންނަހާ ތޮއްޖެހި އަދި ކާރުބާރު ބޮޑުކޮށެއްވެސް ނޫނެވެ. މަދަރުސާއަށް ދިއުމާއި ގެއަށް އައިސް ގޭތެރޭގައި ނުވަތަ ގޯތިތެރޭގައި ކުރާނެ އަމަލީ އެތައް މަސައްކަތްތަކެއް ހުރެ އެވެ. މީގެ ތެރޭގައި ކެއްކުމާއި، ރޭނުމާއި، ކަރަންޓުގެ މަސައްކަތާއި، ވަޅުދިޔަ ހިއްކުމާއި، އަދި ވަޑާމުގެ މަސައްކަތްތަކުގައި ގޭގެ ބޮޑެތި މީހުނާއެކު ކުދިން މަސްއޫލުވެ އުޅެއެވެ. ހުކުރު ދުވަހު ހެނދުނު ގޭތެރެ ސާފުކުރުމުގައި އުޅެ އެވެ. ރޯދައަށް ގޯތިތެރޭގައި ދޮންވެލިފަތުރާލަ އެވެ. މޯބައިލް ފޯނެއް ނުހުރެ އެވެ. ޓީވީގެ ބޭނުން ކުރާ ވަގުތު އެތައް ގުނައެއް މަދެވެ. ފޫހި ފިލުވާލަން ހަވީރު ހިނގާލަން ދިއުމާއި އަދި ބައިސްކަލު ދުއްވާލަ އެވެ. ހެލިފެލިވެ އުޅޭނެ އެތައްކަމެއް ހުރުމުގެ ސަބަބުން ކަސްރަތަށް ވަކި ކަމެއް ނުކުރިއަސް ފުދެ އެވެ.

ޒަމާނަށް އައި ބަދަލުތަކުން، އަދުގެ ހާލަތު އެތައް ގޮތަކަށް ބަދަލުވެ ހިނގައްޖެ އެވެ. އަދުގެ ދުނިޔެއަކީ ކަންކަން ފިސާރި އަވަހަށް ބަދަލުވާ ދުނިޔެ އެކެވެ. އަދުގެ ހާލަތައް ނަޒަރު ހިންގާލާއިރު، ދަރިވަރުންނަށް ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ހުނަރުތަކެއް އެބަހުއްޓެވެ. މީގެތެރޭގައި އެކިއެކި މަސައްކަތްތަކުގެ ހުނަރުތަކާއި، ފާޑުވެރި ވިސްނުމުގެ (ކްރިޓިކަލް ތިންކިންގެ) ހުނަރާއި އަދި އުފެއްދުންތެރި ވިސްނުމުގެ (ކްރިއޭޓިވް ތިންކިންގެ) ހުނަރުތައް އެބަ އަށަގަންނުވަންޖެހެ އެވެ.

އިހުގައި ގޭތެރޭގެ މާހައުލުން މި ހުނަރުތައް ދަސްވެގެން ދިޔަޔަސް، ކުރިން ދެންނެވި ފަދައިން މިހާރުގެ ހާލަތު ހުރިގޮތުން، މިހުނަރުތައް އުނގަންނައިދޭން ޖެހިފައި މިވަނީ މަދަރުސާގެ ތެރެއިންނެވެ. މިކަން ހާސިލްކުރުމަށް މަދަރުސާގައި އުގަންނައިދެވޭ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެންނާން ޖެހެ އެވެ. އެގޮތުން މުދައްރިސުންނަށް ބޭނުން ކުރެވިދާނެ ގޮތަކީ، އެކްޓިވިޓީ-ބޭސްޑް ލާނިން ނުވަތަ މަސައްކަތުގެ ތެރެއިން އުނގަންނައިދިނުމެވެ.

މަސައްކަތުގެ ތެރެއިން އުނގަންނައިދިނުމަކީ، ދަރިވަރުންނާ އެކިކަހަލަ އަމަލީ މަސައްކަތް ހަވާލުކުރުމެވެ. މިވައްޓަފާޅީގައި، މުދައްރިސް ވާންވީ އެހީތެރިޔަކަށެވެ. މަގުދައްކައިދޭ ފަރާތަކެށެވެ. މަސައްކަތުގެ ތެރެއިން އުނގަންނައި ދިނުމުން ދަރިވަރުން އުނގެނުމުގައި އިތުރަށް މަސްއޫލުވެ، އެކިކަހަލަ ތަކެއްޗާއެކު ހަރަކާތްތެރިވެވި، އެކުގައި މަސައްކަތް ކުރުމަށް މަގުފަހިވެ އަދި އުނގެނޭ ކަމެއް ހަގީގީ ދިރިއުޅުމާ ގުޅުވާލެވެ އެވެ. މީގެ އިތުރުން ހަމައެކަނި އަޑުއަހައިގެންނާއި ހިތުދަސްކޮށްގެން އުނގެނުމުގެ ބަދަލުގައި، ކަމެއްގެ ތަޖުރިބާގެ އަލީގައި އުނގެނުމާއި އަދި މުގައްރަރުގައި ހުރި ބައިތައް މަސައްކަތުގެ ތެރެއިން ހާސިލުކުރެވިގެންދެ އެވެ.

ފާޑުވެރި ވިސްނުމާއި އުފެއްދުންތެރި ވިސްނުން

ފާޑުވެރި ވިސްނުން ނުވަތަ ކްރިޓިކަލް ތިންކިން އަކީ މައުލޫމާތު ސަމާލުކަމާއެކު ދެނެގަތުމާއި އެކު އެމައުލޫމާތުތަކުގެ ދަލީލުތަކާއި އަގަލުތަށް ހިސާބުކޮށް ގޮތް ނިންމުމެވެ. މިއީ ވަކި މާއްދާއެއްގެ އިތުރުން ކަންކަމުގައި ކުޅަދާނަކަމާއެކު ގޮތް ނިންމުމަށް ކޮންމެހެން ބޭނުން ދިރިއުޅުމުގެ ހުނަރެކެވެ. އަދަކީ އިންތިހާއަށް މައުލޫމާތު ދައުރުވާ ޒަމާނެއްކަމުން، ނުރަނގަޅު މައުލޫމާތުތަކުގެ ތެރެއިން ރަނގަޅު މައުލޫމާތު ދެނެގަތުމަށް ކޮންމެހެންވެސް ދަރިވަރުންނަށް ދަސްވާން ޖެހެ އެވެ. ފާޑުވެރި ވިސްނުމުގެ ހުނަރުތަކުން، ދަރިވަރުންނަށް ދިމާވާ އެތައް އުނދަގޫ މަރުހަލާތަކެއް ކަޑައްތުކުރުމުގައި ވިސްނުން ތަރުތީބުކޮށް އަދި ސުބޫތުކޮށް ބައްޓަންކުރުމާއި، ތަފާތު ހިޔާލުތަކުގެ ތެރެއިން އެކަށޭނަ ރަނގަޅު ގޮތާއި އަދި އައު ހައްލުތައް ހޯދަން ދަސްވެ އެވެ. މީގެއިތުރުން ގިނަ ދަރިވަރުން އެކުގައި މަސައްކަތް ކުރުމާއި ހިޔާލު ބަދަލުކުރުމަކީ ފާޑުވެރި ވިސްނުން އިތުރަށް ތަރައްގީވާނޭ ކަމެކެވެ.

އުފެއްދުންތެރި ވިސްނުން ނުވަތަ ކްރިއޭޓިވް ތިންކިން އަކީ މައްސަލައެއް ނޫނީ ކަމެއްގެ ހައްލު ހޯދުމަށް މުޅިން އައު ހިޔާލުތަކެއް ނުވަތަ ގޮތްތަކެއް ހޯދުމެވެ. މިއީ ހަމައެކަނި އާޓް ދާއިރާގެ އިތުރުން ސައިންސާ، ޓެކްނޮލޮޖީއާ، އިންޖިނިއަރިން އަދި ހިސާބުގެ ދާއިރާގާ ކޮންމެހެން ބޭނުންވާ ހުނަރެކެވެ. އުފެއްދުންތެރި މަސައްކަތްތަކުން ދަރިވަރުންގެ ވިސްނުން ފުޅާވެ ތަރައްގީވާން ބާރު ލިބެ އެވެ. މިހުނަރުތަކުގެ ސަބަބުން ދަރިވަރުންނަށް ދިމާވާ އުނދަގޫ ހާލަތްތަކުގައި އައު ވިސްނުންތައް ބައްޓަންކޮށް ނަފްސާނީ ގޮތުން ބަލިކަށި ވިޔަނުދީ ދެމިހުރުމުގެ ބާރު ހޯދައިގަނެ އެވެ.

މަސައްކަތުގެ ތެރެއިން އުނގަންނައިދިނުމަށް ބޭނުން ކުރެވިދާނެ ބައެއް ކަންކަން

މަސައްކަތުގެ ތެރެއިން އުނގަންނައި ދިނުމުގެ ސަބަބުން ފާޑުވެރި އަދި އުފެއްދުންތެރި ވިސްނުމުގެ ހުނަރުތަށް އާލާވެ ތަރައްގީވެ އެވެ. މިސާލަކަށް، ސައިންސް ކިލާހުގައި ދަރިވަރުންނަށް އެކި އެކްސްޕެރިމެންޓް ހަދަން ދެވިދާނެ އެވެ. ދަރިވަރުން އަމިއްލައަށް ހަދާ އެކްސްޕެރިމެންޓްތަކުގެ ތެރެއިން ސައިންސް މުގައްރަރުގެ ގިނަ ކަންކަން (ހިތުދަސްކުރުމުގެ ބަދަލުގައި) ހަދާނުގައި ހަރުލާނެ އެވެ. މީގައި އެންމެ މުހިއްމު ކަމަކީ، ދަރިވަރުން އަމިއްލައަށް އެކްސްޕެރިމެންޓު ކުރަން ފުރުސަތު ދިނުމެވެ. މުދައްރިސުގެ ދައުރަކަށް ވާންވާނީ ހަމައެކަނި މަގު ދައްކައިދީ އެހީތެރިވުމެވެ. މީގެ ސަބަބުން ސައިންސް އުގެނި، ފާޑުވެރިކަމާއި އުފެއްދުންތެރި ވިސްނުމުގެ ހުނަރުތައްވެސް ދަރިވަރުންގެ ކިބައިގައި ހަރުލެއްވޭނެ އެވެ.

ގުރޫޕް މަސައްކަތަކީ، މަސައްކަތުގެ ތެރެއިން އުގަންނައިދިނުމުގެ މުހިއްމު ބައެކެވެ. މީގެ ސަބަބުން މުއާމަލާތު ކުރުމުގެ ހުނަރުތަކާއި ތަފާތު ހިޔާލުތަކާއެކު މަސައްކަތް ކުރުމުގެ ހުނަރު ދަސްވެ އެވެ. މިސާލަކަށް ތާރީހީ ހާދިސާތަކެއް ހިނގާދިޔަ ގޮތުގެ ގްރޫޕް މަސައްކަތެއް ހަވާލުކުރެވިދާނެ އެވެ. މިމަސައްކަތުގެ ތެރެއިން ތާރިހް އުގެނި، ފާޑުވެރި ވިސްނުން ތަރައްގީވެ އަދި ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރުތައް ދަސްވެގެންދާނެ އެވެ.

ބައެއް ކަހަލަ މަސައްކަތްތަކަކީ ކުއްލިއަކަށް ނިންމާލުމުގެ ބަދަލުގައި، އުނދަގުލަކަސް އަވަސް ނިންމުންތަކަކާއި އައު ގޮތްތަކެއް ހޯދައިގަންނަން ޖެހޭ ކަންކަމެވެ. މިސާލަކަށް މަދު އާލާތްތަކަކާއެކު ދެމެހެއްޓެނެވި ހިޔާލީ ރަށެއް ނުވަތަ ސިޓީއެއް ހަދަން ހަވާލުކުރެވިދާނެ އެވެ. މިމަސައްކަތުގެ ސަބަބުން ފާޑުވެރި އަދި އުފެއްދުންތެރި ވިސްނުން ތަރައްގީވެ ހަގީގީ ދިރިއުޅުމާއި އުނގެނުމާއި ގުޅިގެންދާނެ އެވެ.

ހަގީގީ ދިރިއުޅުމަށް ދަރިވަރުން ތައްޔާރުކުރުން

މަސައްކަތުގެ ތެރެއިން އުނގަންނައިދިނުން ތައުލީމީ މަންހަޖުގައި ހިމެނުމުން، ދަރިވަރުން މަދަރުސާ ނިމޭއިރު ހަމައެކަނި ނަޒަރިއްޔާތުގެ (ތިއޮރެޓިކަލް) ފެންވަރުމަތިވުމުގެ ބަދަލުގައި، ދިރިއުޅުމުގެ ހުނަރުތައްވެސް ދަސްވެ އެވެ. މަސައްކަތުގެ ތެރެއިން އުނގަންނައިދިނުމުގެ ތެރެއިންވާ އަމަލީ މަސައްކަތަކީ އެތައް ފައިދާތަކެއް ލިއްބައިދޭނެ ކަންކަމެވެ. މީގެތެރެއިން އައު ކަންކަމާ ކުރިމަތިލާން ދަސްވުން، ލަނޑުދަނޑިއެއް ހިޔާރުކޮށް އެމަގަށް މަސައްކަތް ކުރަން ދަސްވުން، ކަންކަމަށް ވަގުތު ކަނޑައަޅައިގެން މަސައްކަތްކުރަން ދަސްވުން އަދި ކަންކަމަށް އިސްނެގުން ހިމެނެ އެވެ.

މިކަންކަން ހާސިލް ކުރުމަށްޓަކައި، އެކި މާއްދާތަކުގެ ފިލާވަޅުތައް ރާވަންވަނީ ދަރިވަރުންނަށް މަސައްކަތުގެ ތެރެއިން އުގެނުން ސަމާލުކަމުގައި ބަހައްޓައިގެންނެވެ. މުދައްރިސުންނަކީ ދަރިވަރުންނަށް މަގު ދައްކައިދޭ އެހީތެރިންނަށް ވާން ތަމްރީނުވެގެންނެވެ. ދަރިވަރުންގެ އެސެސްމަންޓުތަކަކީ (އުނގެނުން މިންކުރާ ގޮތްތައް) ހަމައެކަނި ޓެސްޓު ކަރުދާހުގެ ބަދަލުގައި ޕްރޮޖެކްޓު ޕްރެޒެންޓޭޝަންތަކާއި ޕޯޓްފޯލިއޯތައް ހިމަނައިގެންނެވެ. އުނގެނުމަކީ ވަށާޖެހޭގޮތަށް މިންކުރެވޭ މިންކުރުމަކަށް ވެގެންނެވެ.