މޯލްޑިވްސް އިމިގްރޭޝަން

އިމިްގްރޭޝަން ވޮޗަށް 3 މަސް ތެރޭގައި 840 ކޭސް

މޯލްޑިވްސް އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރުމަށް ހުޅުވާލާފައިވާ އިމިގްރޭޝަން ވޮޗަށް މިހާތަނަށް 840 މައްސަލަ ރިޕޯޓްކޮށްފި އެވެ.

އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖުލައި 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް އިމިގްރޭޝަން ވޮޗަށް 840 މައްސަލަ ހުށަހަޅާފައިވެ އެވެ.

މީގެތެރެއިން އިމިގްރޭޝަނުން ވަނީ 596 ހުށަހެޅުމަކަށް އަމަލީ ގޮތުން ހަރަކާތްތެރިވެފަ އެވެ. އަދި އިމިގްރޭޝަނާ ނުގުޅޭ 174 މައްސަލަ ހުށަހަޅާފައިވާއިރު، 70 ހުށަހެޅުމެއް މިހާރު ކަށަވަރުކުރަމުންދާ ކަމަށްވެސް ތަފާސްހިސާބުތަކުގައި ހާމަކޮށްފައިވެ އެވެ.

އިމިގްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަތައް

  • ވޯކް ވިސާއާ ހިލާފުވުން: 206
  • ހަށިވިއްކުން: 50
  • ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކުން: 7
  • ޓޫރިސްޓު ވިސާއާ ހިލާފުވުން: 10
  • ވަޒީފާދޭ ސްޕޮންސާ ބްރީޗްކުރުން: 9
  • ޑޮކިއުމަންޓް ފްރައުޑް: 2
  • ޑްރަގް ޓްރެފިކްކުރުުން: 9
  • އިންސާނީ ވަގުފާރި: 7
  • ގާނޫނާ ގަވާއިދާ ހިލާފަށް ވިޔަފާރިކުރުން: 221
  • ގެއްލިގެން ހޯޑާ މީހުން: 32
  • ބޯޑާ އިންޓެލިޖެންސް: 3
  • އެހެނިހެން: 40

ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ގާނޫނާ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާ ގުޅޭ މައްސަލަ އެވެ. އެއީ ހުށަހަޅާފައިވާ މައްސަލަތަކުގެ 36 ޕަސަންޓެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފަ އެވެ.

އިމިގްރޭޝަން ވޮޗް އިފްތިތާހުކުރީ މިއަހަރުގެ ޖުލައި 17 ވަނަ ދުވަހު އެވެ.

މި ޕްލެޓްފޯމުގައި ކޮންމެ މީހަކަށްވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ނުވަތަ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތު ރިޕޯޓް ކުރެވޭނެ އެވެ.

ޕްލެޓްފޯމް މެދުވެރިކޮށް އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބެ އެވެ.

އިމިގްރޭޝަނުން ދެކޭ ގޮތުގައި މިކަމުގެ ސަބަބުން އިމިގްރޭޝަނާއި އާންމުން ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.

އިމިގްރޭޝަން ވޮޗަށް އާންމުންނަށް 24 ގަޑިއިރުވެސް މައްސަލަ ރިޕޯޓްކުރެވޭނެ އެވެ. އަދި ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު މައުލޫމާތާއި ފޮޓޯވެސް ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅެ އެވެ.