މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ވޭމަންޑޫގައި ދައުލަތުން ބަލަހައްޓާ ކުދިން އެހެން ރަށަކަށް ބަދަލުކޮށްފި

ތ. ވޭމަންޑޫގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ކުދިން އެހެން ރަށަކަށް ބަދަލުކޮށްފި އެވެ.

ވޭމަންޑޫ އިން އެ ކުދިން އެހެން ރަށަކަށް ބަދަލުކުރަން ޖެހުނީ ވޭމަންޑޫގައި ހިންގަމުން ދިޔަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވީސް ސެންޓަރު (އެފްސީއެސްސީ)ގައި ހުރި ކުއްޖަކު އެސެންޓަރުގައި މަސައްކަތް ކުރާ އެރަށު މުވައްޒަފަކަށް ހަމަލާ ދިން މައްސަލައެއް ހޫނުވެ، އެރަށު ރައްޔިތުން ނުރުހުން ފާޅުކުރުމުންނެވެ.

ވޭމަންޑޫގައި މުޒާހަރާ ކުރަމުންދިޔަ މީހުން ގޮވަމުން ދިޔައީ އެފްސީއެސްސީގެ މުވައްޒަފަށް ހަމަލާދިން ކުއްޖާ އެރަށުން ބޭލުމަށެވެ.

ފެމިލީ މިނިސްޓްރީން ބުނީ މައްސަލަ ހައްލުކުރަން މިނިސްޓްރީން މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް އެކަމުގައި މާބޮޑު ކުރިއެރުމެއް ނުލިބުނު ކަމަށެވެ. އަދި މުވައްޒަފުގެ ގައިގައި ޖެހި ކުއްޖާ އެރަށުން އެހެން ރަށަކަށް ބަދަލުކުރަން ވޭމަންޑޫ ކައުންސިލުން ވެސް ދިނީ 24 ގަޑިއިރު ކަމަށް ބުންޏެވެ.

ވޭމަންޑޫގައި ތިބި ކުދިންގެ ރައްކާތެރިކަމާއި ކަރާމާތަށްޓަކައި ކަމަށް ބުނެ އެ ކުދިން ގެންދިޔަ ވަކި ރަށެއް މިނިސްޓްރީން ނުބުނެ އެވެ.

ވޭމަންޑޫގެ ބައެއް މީހުން ބުނާގޮތުން އެރަށުގެ މަރުކަޒުގައި ތިބި ކުދިންގެ ފަރާތުން އެރަށު ސްކޫލުގައި ކިޔަވާ ކުދިންނަށްވެސް ތަފާތު އުނދަގޫތަކާއި ކުރިމަތިވެ މާރާމާރީ ހިންގުން ފަދަ މައްސަލަތައް ދިމާވެފައިވެ އެވެ.

ވޭމަންޑޫ ކައުންސިލް އިދާރާ އިން ވާހަކަދެއްކެވި ބޭފުޅަކު ނަންނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އެފްސީއެސްސީގައި ކުދިން ތިބި ނަމަވެސް އެކުދިންނަށް ކައުންސިލިން ފަދަ ފަރުވާ ދެވޭނެ ގޮތެއް ނުހުންނަ ކަމަށެވެ.

"މިރަށުގައި ތިބި ހުރިހާ ކުދިން އެހެން ތަނަކަށް ބަދަލުކުރީ މިރަށުގެ ނަން ހުތުރު ކުރަން،" އޭނާ ބުންޏެވެ.