މޯލްޑިވްސް އިމިގްރޭޝަން

މާރުކޭޓުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ 23 ބިދޭސީއެއް އަތުލައިގެންފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ "ރަށު މާރުކޭޓު" ގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް އަދި މަސައްކަތްކުރަމުންދިޔަ 23 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ އެ މާރުކޭޓުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް އަދި މަސައްކަތްކުރަމުންދާ ބިދޭސީން ހޯދުމަށް އިއްޔެ ހާއްސަ ރެއިޑު އޮޕރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި އެތަނުން 14 ފިރެހެނަކާއި އަށް އަންހެނުން ހިމެނޭހެން ޖުމްލަ 23 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންްގޮސްފައިވާ ކަމަށެވެ.

މި ރެއިޑު އޮޕަރޭޝަންގައި އިމިގްރޭޝަންގެ 30 އޮފިސަރުންނާއި ފުލުހުންގެ 24 އޮފިސަރުން ހަރަކާތްތެރިވި އެވެ. އަދި އޭގެ އިތުރުން ހެލްތް ޕްރޮޓެކްސްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އިކޮނޮމިކް މިނިސްޓްރީއިން ވެސް ރެއިޑުގައި ބައިވެރިވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓުކުރުމަށް އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޕްލެޓްފޯމެއް ވެސް އިފްތިތާހުކޮށްފަ އެވެ.

ޕްލެޓްފޯމް މެދުވެރިކޮށް އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބެ އެވެ. އިމިގްރޭޝަނުން ދެކޭ ގޮތުގައި މިކަމުގެ ސަބަބުން އިމިގްރޭޝަނާއި އާންމުން ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.