ސަފާރީތަކުގެ ހުއްދައާ ހިލާފުވާނަމަ ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އުސޫލުގައި ވާގޮތުން ދިވެހިރާއްޖޭގެ ސަރަހައްދުގައި އޮޕަރޭޓުކުރާ ސަފާރީތަކުން ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްއިން ރާ ނަގައިގެން ޓޫރިޒަމް ވިޔަފާރީގެ ތެރެއިން ރަލުގެ ވިޔަފާރި ކުރެވޭނެ ކަމަށެވެ. ނަމަވެސް ބޭރުގެ އެކި ނަންނަމުގައި ހުންނަ ބައެއް ސަފާރީތަކުގައި މިއިން ދުވަހަކު އެއްވެސް ގެސްޓެއް ނެތް އިރު ބަރާބަރަށް ރާ އަރުވާ، އޭގެ ވިޔަފާރި ކުރާކަން ފާހަގަވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ތަފާސްހިސާބުތަކަށް ބެލުމަށްފަހު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ކަސްޓަމަށް ރާ ނަގަން އަންނަ ނަމަ އެ އުޅަނދުގައި ކިހާ މީހުންނެއް ތިބިފައިދިޔަތޯ ބަލާނެ ކަމަށެވެ.
އަދި އުޅަނދަށް ދީފައިވާ މުއްދަތުގައި ރާ ބޭނުންކުރަމުން ދިޔަ މީހުންގެ އަދަދަކީ ހުއްދަ ދީފައިވާ އަދަދުތޯ ކަށަވަރުކުރުން ވެސް ކުރިއަށްދާނެ ކަމަށެވެ. ތަފާސްހިސާބުތަކަށް ބެލުމަށްފަހު ކަނޑައަޅާފައިވާ ހައްދުތަަކުގެ ބޭރުން ރަލުގެ ވިޔަފާރި ކުރާނަމަ އެ އުޅަނދަކަށް އޭގެ ފަހުން ރާ ދޫކުރުން ހުއްޓާލާނެ ކަމަށެވެ.
މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ރަލުގެ ވިޔަފާރިި ކުރާ ފަރާތްތަކުން އެކަން ހުއްޓާލަންޖެހޭ ކަމަށާއި މިހާރު އެކަން އެގޮތަށް ކުރުމުގެ ފުރުސަތެއް ނުދޭނެ ކަމަށެވެ.
"މިކަން ކުރަމުންދާ ފަރާތްތަކާ ދޭތެރޭ ގާނޫނުގައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުގަނޑުމެން އަޅާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކަސްޓަމްސްއިން ރާ ނަގައިގެން ގޮސް ރާއްޖޭގެ އެކި ރަށްރަށަށް އެތަކެތި ބާލާ، ދިވެހިން ހިމެނޭހެން ހުއްދަނޫން ގޮތުގައި ރަލުގެ ވިޔަފާރިކުރާ މަންޒަރު ފެންނަ ކަމަށާއި އެކަން ސާބިތުވެފައިވާ ކަމަށެވެ.
"ތިޔަ ބޭފުޅުން ވިޔަފާރީގެ އޮންނަ އުސޫލުގެ ތެރެއިން، ރާއްޖޭގެ ގާނޫނާއި ގަވާއިދުގެ ތެރެއިން އިދާރާތަކުން ދެއްވާފައިވާ ހުއްދައާ އެއްގޮތަށް އެއްގޮތަށް އެ ވިޔަފާރިތައް ކުރަންވީ. އެއާ ހިލާފުވާކަމަށްވާނަމަ އަޅުގަނޑުމެން ގާނޫނީ ފިޔަވަޅު އަޅާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަންކަމަށް ދޫކޮށްފައިވާ ހުއްދު ހުއްޓުވާ ހިސާބުން އަނބުރާ ނުލިބޭނެ ކަަމަށާއި އެފަދަ ކަންކަން ފުލުހުންނާއި ކަސްޓަމްސްގެ އިދާރާއިން ހުއްޓުވާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ވިދާޅުވެފައިވެ އެވެ.