ރާއްޖެ ކުޅިވަރު

ކިޗީ އަތުން ނިއު އަށް ޕޮއިންޓެއް

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ހޮންކޮންގެ ކިޗީއާ ބައްދަލުކޮށް ނިއުރޭޑިއަންޓް ޕޮއިންޓެއް ހޯދައިފި އެވެ.

ހޮންކޮންގައި މިއަދު ކުޅުނު މެޗު ނިމުނީ ދެ ޓީމު ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ.

މި ނަތީޖާއާ އެކު ވެސް ގްރޫޕް އެފްގެ ފުލުގައި އޮތީ ނިއު އެވެ. ނިއު އަށް އެންމެ ދެ ޕޮއިންޓް ލިބިފައިވާއިރު ކިޗީ ތިން ވަނާގައިވަނީ ހަތަރު ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވަނީ ހަތަރު ޕޮއިންޓާއެކު ގޯލުގެ ތަފާތުން ސިންގަޕޫރުގެ ބެލަސްޓިއާ އެވެ. އެއްވަނާގައިވަނީ ހަ ޕޮއިންޓާއެކު ފިލިޕީންސްގެ ކާޔާ އެފްސީ އެވެ.

މި މެޗުގައި ލަނޑުޖަހަން ނިއު އަށް ރަނގަޅު ފުރުސަތުތައް ލިބުނެވެ. މި ގޮތުން އެންމެ ފާހަގަ ކުރެވުނު އެއް ފުރުސަތަކީ ޕެނަލްޓީ އޭރިޔާ ތެރެއިން ކެޕްޓަން އަހުމަދު ނިޔާޒަށް ލިބުނު ބޯޅަ އެވެ. ފޯވަޑް ހަމްޒާ މުހައްމަދު (ހަމްޕު) ވެސް ހުސްކޮށް އޮއްވައި އޭނާ ގޯލަށް ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

އެ ޓީމު މިއަދު މޮޅުވީ ބެލަސްޓިއާ އަތުން 1-0އިންނެވެ.

މި މެޗަކީ މުބާރާތުގައި ނިއު ކުޅުނު ތިން ވަނަ މެޗެވެ. ފުރަތަމަ މެޗުގައި މާލޭގައި ބެލަސްޓިއާއާ ވާދަކޮށް 2-2އިން އެއްވަރުކުރުމަށްފަހު ހުސްވި ހަފުތާގައި ކާޔާ އެފްސީ އަތުން ރަށުން ބޭރުގައި ބަލިވީ މެޗުގެ އިތުރު ވަގުތުގައިވަން ގޯލުންނެވެ.

މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ މާޒިޔާ މާދަމާ ހަވީރު ކުޅޭނީ ގަލޮޅު ދަނޑުގައި ހޮންކޮންގެ ސައުތު ޗައިނާއާ އެވެ.