މޯލްޑިވްސް އިމިގްރޭޝަން

ގުރައިދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އޮޕަރޭޝަނެއް ފަށައިފި

ކ. ގުރައިދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގުރައިދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުންގެ އިތުރުން ކަމާގުޅުންހުރި އެހެން އިދާރާތައް ގުޅިގެން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަން ފެށީ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ ރިޕޯޓުތަކަށް ބެލުމަށްފަހު ކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން އުޅޭ މައްސަލަ ހައްލުކުރުމަށް ހޯމް ޓީމުން ގުޅިގެން ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގި" ކުރިއަށް ގެންދަނީ މާލޭ ސަރަހައްދުގަ އެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަހު އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އަތޮޅު ތެރެއަށް އަދި ހަދަމުންދާ ރިސޯޓުތަކަށް އޮޕަރޭޝަން ފުޅާކުރައްވާނެ ކަމަށެވެ.

އަތޮޅު ތެރެއަށް އޮޕަރޭޝަންތައް ފުޅާކުރުމަށް ހޯމް ޓީމުން "އޮޕަރޭޝަން ކުރަނގި" ޖޫން މަހުގެ ތިންވަނަ ދުވަހު ފެށި ފަހުން މިހާތަނަށް 6891 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެއް އަހަރުގެ ތެރޭގައި ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމަށް އަމާޒުކުރާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދާ ދުވެލީގައި ދާނަމަ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވި އެވެ.