ދުނިޔެ

އީރާންގެ އަސްކަރީ އަމާޒުތަކަށް އިޒުރޭލުން ހަމަލާދޭން ފަށައިފި

އީރާންގެ އަސްކަރީ މަގާމުތަކަށް އިޒުރޭލުން ހަމަލާދޭން ފަށައިފި އެވެ. މިއީ އީރާނުން އޮކްޓޯބަރު އެކެއްގައި އިޒުރޭލުގެ ވެރިރަށް ތެލްއަވީމަށް ބެލިސްޓިކް މިސައިލުން ދިން ހަމަލާތަކަށް ބަދަލުހިފުމަށް ދިން ހަމަލާތަކެކެވެ.

އީރާނުން ދިން ހަމަލާތަކަކީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ހިޒުބުﷲގެ ލީޑަރު ހަސަން ނަސްރުﷲ މަރާލުމުގައި އިޒުރޭލު ބައިވެރިވެފައި ވާތީ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާންގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުސީޖީ) އިން ބަޔާނެއްގައި ބުންޏެވެ.

އިޒުރޭލުގެ ހަމަލާތަށް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އީރާންގެ އަސްކަރީ ގާބިލު ކަމަށެވެ. މި ގޮތުން އީރާންގެ ވެރިރަށް ތެހެރާން، މަޝާދު، ކަރާޖު އަދި ސީރިއާގައި ހުރި އީރާންގެ އަސްކަރީ މަރުކަޒުތަކަށް ވެސް ވަނީ ހަމަލާދީފަ އެވެ.

ފުރަތަމަ މަރުހަލާގެ ހަމަލާތަކަށް ފަހު އިޒުރޭލުގެ ދިފާއީ ބާރުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އީރާނަށް ދިން ހަމަލާތައް ވަރަށް ކާމިޔާބެވެ. އަދި އެއްވެސް ހަމަލާއެއް އަމާޒުން ކައްސާލާފައި ނުވާ ކަމަށް ވެސް ބުންޏެވެ.

އިޒުރޭލު އަސްކަރިއްޔާގެ ތަރުޖަމާން ޑެނިއަލް ހަގާރީ ވިދާޅުވި ގޮތުން ހަމަލާތަކުގެ ދެވަނަ ބުރު ވެސް ލަސްތަކެއް ނުވެ ފަށާނެ އެވެ. އަދި މައިގަނޑު އަމާޒަކީ އީރާންގެ އަސްކަރީ ގާބިލުކަން ނައްތާލުން ކަމަށް ވެސް ވިދާޅުވި އެވެ.

އީރާންގެ ޚަބަރު އޭޖެންސީތަކުން ވެސް ވަނީ އިޒުރޭލުން ހަމަލާދޭން ފެށިކަން ކަށަވަރުކޮށްދީފަ އެވެ. އަދި ވެރިރަށް ތެހެރާނުން ބާރުގަދަ ގޮވުންތައް އިވެމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.