ދީނީ އިލްމުވެރީންނާއި، ދާއީންގެ އިތުރުން ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ރާއްޖޭގެ 16 ޢިލްމުވެރިންގެ ވަފުދެއް މައްކާއަށް ދަތުރު ކުރަން ހަމަޖައްސަފި އެވެ.
މާދަމާ ފަށާ މި ދަތުރު އިންތިޒާމް ކުރަނީ ސަލަފްޖަމިއްޔާ އާއި ސައުދީގެ ޖަމާއަތަކުން އިންތިޒާމުކޮށްގެނެވެ.
ސަލަފުން ބުނީ މި ދަތުރަކީ އިލްމީ އަދި ތަރުބަވީ ޕްރޮގްރާމްތަކާއި، އެކިއެކި ފަންނީ ވޯކްޝޮޕްތަކާއި، ތަޖުރިބާތައް ހިއްސާ ކުރުމަށް ކުރާ ދަތުރެއް ނަމަވެސް މި ދަތުރުގައި ސައުދީގެ ޖަމިއްޔާ ޖަމާއަތްތަކާއި މުއައްސަސާތައް ހިންގުމުގައި އިދާރީ ފަންނާއި، ދާއިރާތަކުގެ އިލްމީ ގާބިލް އިތުރުކުރުމުގެ ގޮތުންވެސް ބައެއް ވޯކްޝޮޕްތައް ކުރިއަށް ދާނެ ކަމަށެވެ.
މި ވަފުދުގެ ޕްރޮގްރާމްތައް މައްކާގައި މާދަމާއިން ފެށިގެން މި މަހުގެ 24 އަށް ކުރިއަށްދާނެ އެވެ. މި ޕްރޮގްރާމުތަކުގައި ދީނީ އިލްމުވެރީންނާއި ދާއީންނާއި މެދުގައި އޮންނަންޖެހޭ ގުޅުމާއި އެކުވެރިކަން އާލާ ކުރުމާއި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން އިޖްތިމާއީ މަސައްކަތްތައް ކުރުމުގެ ދޮރުތައް ހުޅުވައިދޭނެ އެވެ. އަދި އިސްލާމްދީނުގެ ހިދުމަތުގައި ސައުދީގެ ދައުރާމެދު ހޭލުންތެރި ކުރުވުމާއި، ޢިލްމުވެރީންނާއި ދާޢީން މުއްސަންދި ކުރުމާއި، އިތުބާރު ހުރި ބޮޑެތި ޢިލްމުވެރީންނާއި ގުޅުން ގާއިމުކޮށް މުޢާމަލާތްކުރުމަށް ފަސޭހަކޮށްދެނިވި ދޮރެއް ހުޅުވާލުމާއި، ހައްގުގެ މަގުގައި ސާބިތުވެ ތިބުމަށް ބާރުއަޅައި، އިސްލާމްދީނަށް ޚިދްމަތް ކޮށްދިނުމުގެ ދާއިރާ ފުޅާކުރާނެ އެވެ.
ވަފުދުގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރިންނަކީ އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ގާސިމް، އައްޝައިޚް މުޙައްމަދު ސިނާން، އައްޝައިޚް ޢަހްމަދު މާޖިދު، އައްޝައިޚް ނިމާލް މުޙައްމަދު، އައްޝައިޚް އިބްރާހީމް މާހިރު، އައްޝައިޚް ޢާޞިފް މޫސާ، އައްޝައިޚް މުޙައްމަދު އަނީލް، އައްޝައިޚް ޢަލީ ޒަޢިދު، އައްޝައިޚް މުޙައްމަދު އިބްރާހީމް، އައްޝައިޚް މުޙައްމަދު މަންޞޫރު އާދަމް، އައްޝައިޚް މުޙައްމަދު ޝާފިޢު، އައްޝައިޚް މުޙައްމަދު ޒާހިދު، އައްޝައިޚް ހައިޝަމް މުޙައްމަދު، އައްޝައިޚް ޢަބްދުއްސަލާމް ޙަލީމް އަދި އައްޝައިޚް ޙަސަން ނާޖީ އެވެ.
ދެން ހިމެނެނީ އަލްޤާރީ މުޙައްމަދު ރިޔާޒް އަލްޤާރީ ޢަބްދުއްރައުފް، އަލްޤާރީ އަޙްމަދު ރިޔާޟް އަދި އަލްއަޚް ޢަލީ ރަމީޒު ބިން ޤާސިމެވެ.