ހައިކޯޓަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާތައް އަދާކުރުމުގެ ގޮތުން ހައިކޯޓު ހަމައިސްކޮޅަށް ތެދުވެ ހިންދެމިލުމަށްޓަކައި ހައިކޯޓަކީ އިދާރީ ހިންގުމުގެ ގޮތުންނާއި ބަޖެޓްގެ ގޮތުން މިނިވަން މުސްތަގިއްލު ކޯޓެއްކަމުގައި ވާންޖެހޭ ކަމަށް ހައިކޯޓުގެ އިސްފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާތައް އަދާކުރުމުގެ ގޮތުން ހައިކޯޓު ހަމައިސްކޮޅަށް ތެދުވެ ހިންދެމިލުމަށްޓަކައި ހައިކޯޓަކީ އިދާރީ ހިންގުމުގެ ގޮތުންނާއި ބަޖެޓްގެ ގޮތުން މިނިވަން މުސްތަގިއްލު ކޯޓެއްކަމުގައި ވާންޖެހޭ ކަމަށް ހައިކޯޓުގެ އިސްފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ، 2025 އިން 2027 އަށް އަމަލުކުރުމަށް ހައިކޯޓުން އެކުލަވައިލި، އެ ކޯޓުގެ އިސްތިރާޖީ އަމަލީ ތަދުބީރު އިފްތިތާހުކޮށްދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ކޯޓު ހިންގުމުގައި އިދާރީ ގޮތުން ހުރި ދަތިތައް ފާހަގަ ކުރައްވަމުން އިސްފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ، ދުވަހުން ދުވަހަށް ބޭނުންވާ އެންމެ ޒަރޫރީ ކަންކަން ކުރުމަށްވެސް ޖެހެނީ އެހެން އިދާރާއެއްގެ ދޮރުގައި ޓަކި ޖަހަން ކަމަށެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް މަތިކޮށްފައިވާ ޤާގާނޫނީ ޒިންމާތައް އަދާކުރުމުގެ ގޮތުން ހައިކޯޓު ހަމައިސްކޮޅަށް ތެދުވެ ހިންދެމިލުމަށްޓަކައި ހައިކޯޓަކީ އިދާރީ ހިންގުމުގެ ގޮތުންނާއި ބަޖެޓްގެ ގޮތުން މިނިވަން މުސްތަގިއްލު ކޯޓެއްކަމުގައި ވާންޖެހޭ. ލިބިފައިވާ ކުޑަ ބަޖެޓާއެކުވެސް ދުވަހުން ދުވަހަށް ބޭނުންވާ އެންމެ ޒަރޫރީ ކަންކަން ކުރުމަށް އެހެން އިދާރާއެއްގެ ދޮރުގައި ޓަކި ނުޖަހާ އަމިއްލައަށް އެކަންކުރެވޭ ބައެއް ކަމުގައި ވާންޖެހޭ" އިސްފަނޑިޔާރު ވިދާޅުވި އެވެ.
މީގެ އިތުރުން އިސްފަނޑިޔާރު ވިދާޅުވީ، ކޯޓު ހިންގުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޝަރުއީ ނިޒާމު މިހާރު ބައްޓަން ކުރެވިފައި އޮތީ، ރައްޔިތުން އެދޭގޮތަށް ޒަމާނީ ބަދަލުތަކަށް ފަހިކޮށްތޯ އާއި، ގާނޫނުތައް ބައްޓަން ކުރެވިފައި ވަނީ އެމަގުންތޯ ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި އެ ގޮންޖެހުންތައް ނައްތާލުމަށް ކަމާގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިން އެއްމޭޒެއްގެ ދޮށުގައި ތިއްބަވާ، މަޝްވަރާކޮށް މުހިންމު ނިންމެވުންތަކެއް ނިންމަވަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އިސްފަނޑިޔާރު ޝަހީދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގު އިސްތިރާޖީ އަމަލީ ތަދުބީރުގެ މައިގަނޑު މަގްސަދަކީ ދުރުރާސްތާގެ އިސްތިރާޖުތަކެއްގެ ތެރެއިން ނިޒާމީ ހައްލުތަކެއް ހޯދުމެވެ. މި އިސްތިރާޖީ މިސްރާބާއެކު ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ހައިކޯޓު ހަރުދަނާކުރުމަށް މައިގަނޑު ހަތަރު ލަނޑުދަނޑިއެއް އެ ކޯޓުންވަނީ ކަނޑައަޅާފައެވެ.
އެއީ ނަތީޖާ ނެރެނިވި ކޭސް މެނެޖްމަންޓް ސިސްޓަމަކާއި ހިދުމަތަށްފަހި ސަގާފަތަކާއެކު އަދުލު އިންސާފުގެ ނިޒާމަށް އިތުބާރު އުފެއްދުމާ، ދާއިރާގެ ބައިވެރިންނާއެކު ގާއިމު ކުރެވޭ ގުޅުންތަކުގެ ތެރެއިން ނިޒާމުތައް ޒާމާނީ ކުރުން އަދި ކަރުދާސް ބޭނުން ނުކުރާ މާހައުލެއް އުފެއްދުމަށްޓަކައި 'އީ-ހައިކޯޓެއް" ގާއިމުކުރުމުގެ އިތުރުން ޕްރޮފެޝަނަލް ޓީމެއް ޤާއިމުކުރުމަށް ބާރުއެޅުމާއެކު އުފެއްދުންތެރި މަސައްކަތުގެ މާހައުލެއް ތަރައްގީކުރުމެވެ.