ރާއްޖެ ކުޅިވަރު

ސައުތު ޗައިނާ އާއި މާޒިޔާ ގަދަ ހިފުމަކަށް

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ހޮންކޮންގެ ސައުތު ޗައިނާއާ ދެކޮޅަށް މާޒިޔާ މިއަދު ކުޅޭ މެޗަކީ ނޮކްއައުޓް މެޗެއް ކަމަށް އެ ދެ ޓީމުން ވެސް ބުނެފި އެވެ.

މާޒިޔާގެ ކޯޗު އަލީ ސުޒޭން މިހެން ބުނީ އެންމެ ޕޮއިންޓަކާއެ މިވަގުތު ޓޭބަލުގެ ތިން ވަނާގައި މާޒިޔާ އޮތުމުންނެވެ.

"އަހަރުމެން ވަރަށް ރަނގަޅަށް ތައްޔާރުވެއްޖެ. ހުރިހާ ކުޅުންތެރިން ވެސް ތިބީ ތައްޔާރަށް. މި މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ އަހަރުމެންނަށް މިއީ ހަގީގަތުގައި ނޮކްއައުޓް މެޗެއް،" މެޗުގެ މުހިންމުކަން ސުޒޭން ފާހަގަކުރި އެވެ.

މާޒިޔާ މިވަގުތު އެއް ޕޮއިންޓާއެކު އޮތްއިރު ސައުތު ޗައިނާ އޮތީ ޓޭބަލުގެ ފުލުގަ އެވެ. އެ ޓީމަށް ޕޮއިންޓެއް އަދި ނުލިބެ އެވެ.

މިހެންވުމާއެކު ކޯޗު ރިކާޑޯ ރަމްބޯ ބުނީ ފުރަތަމަ ދެ މެޗުން ބަލިވުމުން މި މެޗުން މޮޅުވާން މަޖުބޫރު ކަމަށެވެ.

"އަހަރުމެންގެ ފުރަތަމަ ދެ މެޗުން ބަލިވެފައިވުމުން މި މެޗުން މޮޅުވާންޖެހޭ މުބާރާތުގައި ކުރިއަށް ދިއުމަށް. މިމެޗުގެ މުހިންމުކަން އަހަރުމެންނަށް ވިސްނޭ. އިދިކޮޅު ޓީމުގައި ވަރަށް މޮޅު ކުޅުންތެރިން އެބައތިބި. ހަމައެގޮތަށް އެމީހުންގެ ބަލިފައިތައް ވެސް އަހަރުމެންނަށް އެނގިއްޖެ،" ކޯޗު ބުންޏެވެ.

ހޮންކޮން ލީގުގެ ތިން ވަނާގައި މިވަގުތު އޮތް ސައުތު ޗައިނާގައި ބްރެޒިލްގެ މިޑްފީލްޑަރަކާއި ކެމަރޫނުގެ ސާބިއާގެ ޑިފެންޑަރަކު އެބަހުއްޓެވެ. އަދި ކޮލަމްބިއާގެ ފޯވަޑަކާއި ކީޕަރަކު ވެސް މި ޓީމަށް ކުޅެ އެވެ.