ރާއްޖެ ކުޅިވަރު

ދެ ވަނަ ބުރު އުއްމީދު އެބައޮތް: ސްޓޮއިކޯފް

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ހޮންކޮންގެ ކިޗީއާ ބައްދަލުކޮށް ނިއުރޭޑިއަންޓް 0-0 އިން އެއްވަރުވިއިރު ޓީމު ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި ދެ ވަނަ ބުރަށް ދިއުމުގެ އުއްމީދު އެބައޮތް ކަމަށް ނިއުއިން ބުނެފި އެވެ.

ހޮންކޮންގައި ކުޅުނު މެޗަށް ފަހު ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިނަވަނޯފް ބުނީ ޓީމު އެންމެ ހިތްހަމަޖެހެނީ ޑިފެންސްކުރުމާމެދު ކަމަށެވެ.

"މިއީ އަހަރުމެންނަށް ވަރަށް ވާދަވެރި މެޗެއް. އަހަރުމެން ވަރަށް ރަނގަޅަށް ކުޅުނު. ހާއްސަކޮށް މެޗުގެ ޑިފެންސްކުރުމުގެ ބައި ވަރަށް ރަނގަޅު،" ކޯޗު ބުންޏެވެ.

2005 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ގެންގޮސްދިން ކޯޗު ބުނީ ޓީމުގައި ޒުވާން ކުޅުންތެރިން ކިތަންމެ ގިނަ ނަމަވެސް ދެ ވަނަ ބުރުގެ އުއްމީދު އެބައޮތް ކަމަށެވެ.

"އަހަރުމެން އަދިވެސް މި އޮތީ (ދެ ވަނަ ބުރަށް) ކޮލިފައިވެވޭ ހިސާބުގައި. އަހަރުމެންނަށް މާލޭގައި އަދި ދެ މެޗު އެބައޮތް. އަހަރެން އުއްމީދު ކުރަނީ އެ ދެ މެޗުގެ ނަތިޖާ ރަނގަޅުވާނެ ކަމަށް. މި ޓީމު ބަލިކުރެވިދާނެ މާލޭގައި،" ކޯޗު ބުންޏެވެ.

މިއަދުގެ ނަތީޖާއާއެކު ވެސް ގްރޫޕް އެފްގެ ފުލުގައި އޮތީ ނިއު އެވެ. ނިއު އަށް އެންމެ ދެ ޕޮއިންޓް ލިބިފައިވާއިރު ކިޗީ ތިން ވަނާގައިވަނީ ހަތަރު ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވަނީ ހަތަރު ޕޮއިންޓާއެކު ގޯލުގެ ތަފާތުން ސިންގަޕޫރުގެ ބެލަސްޓިއާ އެވެ. އެއްވަނާގައިވަނީ ހަ ޕޮއިންޓާއެކު ފިލިޕީންސްގެ ކާޔާ އެފްސީ އެވެ.

އެ ޓީމު މިއަދު މޮޅުވީ ބެލަސްޓިއާ އަތުން 1-0އިންނެވެ.

މި މެޗަކީ މުބާރާތުގައި ނިއު ކުޅުނު ތިން ވަނަ މެޗެވެ. ފުރަތަމަ މެޗުގައި މާލޭގައި ބެލަސްޓިއާއާ ވާދަކޮށް 2-2އިން އެއްވަރުކުރުމަށްފަހު ހުސްވި ހަފުތާގައި ކާޔާ އެފްސީ އަތުން ރަށުން ބޭރުގައި ބަލިވީ މެޗުގެ އިތުރު ވަގުތުގައިވަން ގޯލުންނެވެ.

މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ މާޒިޔާ މިއަދު ހަވީރު ކުޅޭނީ ގަލޮޅު ދަނޑުގައި ހޮންކޮންގެ ސައުތު ޗައިނާއާ އެވެ.