އަތޮޅު ކައުންސިލްތަކުގެ ރައީސުންވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ގޮތަށް ހެދުމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ގޮވާލައްވައިފި އެވެ.
މެންބަރު އިބްރާހީމްދީދީ މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާއި ނައިބުރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށް އަތޮޅު ހިންގޭތޯ ސުވާލު އުފައްދަވާ އިބްރާހީމްދީދީ ވިދާޅުވީ އަތޮޅު ވެރިންނާއި ކަތީބުން އައްޔަންކުރި ޒަމާނުގައި އަތޮޅުތަކުގެ ކަންކަން މާ ރަނގަޅަށް ހިނގި ކަމަށެވެ.
"މި ރާއްޖޭގަ މިތިބަ އަތޮޅު ކައުންސިލްތަކުގެ ރައީސުންވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން(ވީ)،" އިބްރާހީމްދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމިޝަންތަކުގެ މެންބަރުންގެ މެދުގައި ވޯޓަކުން ކޮމިޝަނަށް ރައީސްއަކު އިންތިހާބު ކުރުމާއި މިހާރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އަދި ހުރިހާ ކޮމިޝަންތަކެއްގައިވެސް ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަކީ ރަނގަޅު ކަމެއްކަމަށް ވިދާޅުވި އެވެ.
"ހުރިޙާ ކޮމިޝަންތަކުގެ ރައީސުންނަށް ހީވަނީ އެކިއެކި ތަފާތު ގައުމުތަކުގެ ވެރިންހެން. މިމީހުން ކޮމިޝަންތައް ހިންގަން އުޅެނީ ދިވެހި ދައުލަތް، ދިވެހިރާއްޖޭގެ ސަރުކާރު އަދި ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން،" އިބްރާހީމްދީދީ ވިދާޅުވި އެވެ.
ކޮމިޝަންތަކުގައި ތިބޭ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކޮށް މަޖިލީހުން ރުހުން ލިބިފައިވާ މެންބަރުންކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ކޮމިޝަންގެ ރައީސްއަކު އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ.