ރާއްޖެ މިހާތަނަށް ދުށް އަދި ދެކޭނެ އެންމެ ހިދުމަތްތެރި ރައީސަކީ، ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
ގާސިމްގެ އުފަން ރަށް، އދ. މާމިގިލީގެ ބޯފެނުގެ ނިޒާމް ހުޅުވަން ރައީސް އަބްދުﷲ ޔާމީނުގެ އަރިހުގައި އެ ރަށަށް ވަޑައިގެން މިއަދު ގާސިމް ވިދާޅުވީ ތައުރީފު ހައްގު މަސައްކަތްތަކެއް ރައީސް ޔާމީން ރާއްޖެއަށް ކޮށްދެއްވައިފި ކަމަށާއި އިގްތިސާދާއި އިޖުތިމާއީ ގޮތުން ގެނެސް ދެއްވި ކުރި އެރުންތަކަށްޓަކައި ރައީސް ޔާމީނަށް ތައުރީފު ހައްގު ކަމަށާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި އުމްރާނީ ތަރައްގީގައި ރައީސް ޔާމީނަކީ މިހާތަނަށް އެއްވެސް ވެރިއަކު ނުކޮށްދެއްވާވަރުގެ ގިނަ ގުނަ މަސައްކަތްތަކެއް ކުރު މުއްދަތުގެ ތެރޭގައި ކޮށްދެއްވި ރައީސެއް ކަމަށެވެ.
"ކޮންމެ ހަފުތާއަކު ވެސް މިހާރު ފެންނަނީ ރައީސް ޔާމީން ދެ މަޝްރުއެއް އިފްތިތާހުކޮށްދެއްވާ މަންޒަރު،" ގާސިމް ވިދާޅުވި އެވެ.
ގާސިމް މިއަދު މާމިގިލީގައި ރައީސަށް ތައުރީފު ކުރެއްވި އިރު މީގެ ކުރިން އެމަނިކުފާނު ފެނިފައި ވަނީ ރައީސް އަބްދުﷲ ޔާމީނާ އެންމެ ވާދަވެރި އެއް ސިޔާސީ ލީޑަރުގެ ގޮތުގަ އެވެ. އަދި ގާސިމް ވަނީ އެކި ފަހަރުމަތިން ރައީސް ޔާމީނަށް ފާޑުވެސް ވިދާޅުވެފަ އެވެ.
މާމގިލީގައި ރައީސް ޔާމީނު ވެސް ވަނީ ގާސިމް ތައުރީފު ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ގާސިމަކީ ގައުމަށާއި ރައްޔިތުންނަށް ވަރަށް ހިދުމަތްތެރި ބޭފުޅެއް ކަމަށާއި ގާސިމަކީ ރާއްޖޭގައި މި ޒަމާނުގެ ޑިމޮކްރަސީ ގެންނަން އަގުހުރި މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.