ރާޅުބޯއީއެއް ކަޓައިގެން ދިޔައީ އެވެ. އެ ރާޅުބޯއިއެއްގެ ފޭނުންގެ ލޮލުން އަދިވެސް ކަރުނައެއް ނުހިކެ އެވެ. ރާޅުގަނޑެއް ސަލާމަތްކުރުމަށް އަނެއް ބަޔަކު މުޒާހަރާކޮށް އަޑުއުފުލަނީ އެވެ. ރާޅުގަނޑު ހަލާކުވެ މި ކުޅިވަރުގެ ރޫހު މަރުވެދިއުން އެއީ އަދި މާ ފުން ހިތާމައެއް ވެރިކުރުވާނެ ކަމެއް ކަމަށް ބުނެ އެވެ.
ކޮންމެއަކަސް މިނަގާ ހުރިހައި ރާޅުތަކެއްގެ ތެރެއިން، ރާޅުތައް އަޅަމުން ގޮސް ދެން މި އޮތީ އިސްމާއިލް މިގްލާލެއްގެ ވާހަކަ އެވެ. ނުވަތަ ރާޅުގަނޑު ސަލާމަތްކުރުމަށް ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ އެތިބަ އޭނާގެ އެކުވެރިންނާއި ދެން ތިބި އެހެން ބަޔަކު ވެސް ދަންނަ ނަމުން ނަމަ، ކުޑަ އިއްސެ އެވެ.
މިއީ އެ ހުނަރުވެރިއެއްގެ ވާހަކަ ނުދައްކައި ދޫކޮށްލެވެން ނެތްވަރުގެ ކުޅަދާނަ ތަޖުރިބާކާރެކެވެ. ޗެމްޕިއަނެކެވެ. އަދި ރާއްޖެ ދުށް އެންމެ މޮޅު އެއް ރާޅާއެޅުންތެރިޔާއޭ ގިނަ ބަޔަކު ބުނާ ކުޑަ އިއްސެގެ ވާހަކަ ދައްކަން އަދި އޭނާ ކިޔާ އެއްޗެއް އަޑުއަހާލަން ވެސް މިއަށް ވުރެ ވަކިން މުނާސަބު ދުވަސްކޮޅެއް އަންނާނެހެނެއް ހީއެއް ނުވެ އެވެ.
ތިރީގައި މި އޮތީ، ޝޯޓް ބޯޑް ސްޕެޝަލިސްޓް، އަދި މި ކެޓަގަރީގެ ރާއްޖޭގެ ޗެމްޕިއަން ކުޑަ އިއްސެގެ ހާއްސަ އިންޓަވިއު އެވެ. އޭނާ އަކީ ރާޅުގަނޑުން ދަސްކުރި ހުނަރުތައް ރާއްޖެ އިން ބޭރަށް ދައްކައިގެން މިހާތަނަށް ބައިނަލްއަގުވާމީ ހަތަރު މުބާރާތަކުން ރަން މެޑަލް ގެނެސްފައިވާ ރާޅާއެޅުންތެރިއެކެވެ. އަދި އޭނާއާ އެއް ފެންވަރަކަށް އިތުރު އެތައް ބަޔަކު ގެނައުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެކެވެ.
މި އިންޓަވިއު އިން ޔަގީނަށް ވެސް އެ ހިދުމަތުގެ އަގު ވަޒަނެއް ނުކުރެވޭނެ އެވެ. އިއްސެ ބުނަނީ މިހާތަނަށް ރަސްމީ ސިފައެއްގައި ވެސް އަގުވަޒަންކުރެވިފައި ނުވާ ކަމަށެވެ.
ރާޅާއަޅަން ފެށުނު ގޮތް، ޝައުގުވެރިވި ގޮތް، ދަސްކުރިގޮތް އަދި މިކަމަށް ހުސްވިގޮތް ކިޔައިދީބަލަ؟
"ރާޅާއަޅަން ފެށުނު ގޮތަކީ، ރާޅުގަނޑު އޮ އޮންނަނީ އަޅުގަނޑުގެ ގޭދޮށުގައި. ގެއާ ވަރަށް ކައިރީގައި. ކުޑައިރު ހަވީރުގަޑިއަށް ފެންވަރުވައި ފުއްޖަަހައި ރީތިކޮށްލާފައި މަންމަ އަބަދުވެސް ހުންނާނީ ބޭރު ބަލަން ބަހައްޓާފައި ގޭކައިރީގައި. އެގޮތަށް. ހުންނައިރު ފެންނަނީ ގޭދޮށު ކައިރީގައި އުޅޭ މީހަކު (އަބްދުﷲ ސަލީމް) އެންމެން ކިޔާނީ އުންޑަ، އޭނަ ބޯޑެއް ކަހަލަ އެއްޗެއް އަބަދުވެސް ހިފައިގެންދާ ތަން ރާޅުގަނޑާ ދިމާލަށް. ދެން އެ މަންޒަރު ކޮންމެ ދުވަހަކު ފެނިފެނި ޝައުގުވެރިކަން އުފެދުނީ އޭނަ ކީއްތޯ ކުރަނީ އެ ބޯޑެއް ހިފައިގެން ރާޅުތަކުގެ ތެރެއަށް ގޮސް"
"ދެން އޭނާގެ ފަސްފަހަށް ބަލަމުން ގޮސް ބެލިއިރު އޭނަ މި ކުރާ ކަމަކީ ރާޅާ އެޅުން. ފަށައިގަތްއިރު އެމީހުންގެ ސަޕޯޓް ވަރަށް ބޮޑަށް ލިބުނު. އަބަދު މޫދުގައި އުޅޭނީ. އިތުރު ކަމެއް ނުކުރާނެ. އިރުއަރައިގެން އިރު އޮއްސެންދެން މޫދުގައި. މާ ބޮޑަކަށް ކިޔެވުމަކާއިގެން ވެސް ނޫޅެވުނު. ރާޅާއަޅާހިތްވާލެތް ބޮޑުކަމުން. އިތުރުކަމެއް ކުރާހިތެއް ނުވޭ."
އެހެންވީމަ ދެން ހިނގާބަލަ ރާޅުގަނޑާ ހަމަ އަށް ޖެހިލަމާ. އަހަރެމެންނަށް ކިޔައިދީ ބަލަ، އެ އޮތް ވަރުނުލާ ރާޅުގަނޑާއި އެތަނުގައި އެ ނަގާ ރާޅުތައް އިއްސޭގެ ހަޔާތާ ގުޅިފައިވާ މިންވަރު؟
"ކުރުކޮށް ބުނަނީ ނަމަ ބުނެވޭނީ އެއީ ގެއޭ. ހޯމްއޭ. އެތަނުންހެން އަސްލު ހީވަނީ އުފަންވީ ވެސް. އެގޮތަށް ފީލްވަނީ ވެސް. އުފަންވީ އަސްލު ރާޅުގަނޑަށޭ ބުނެވޭނީ. އެއީ ގެދޮރޭ ބުނެވޭނީ. ކޮންމެ ދުވަހަކު ވެސް އެތަން ބަލާލާހިތްވޭ. ނުފެނިއްޖެއްޔާމު ހިތްހަމައެއްނުޖެހޭ. ރާޅަކާ އަޅާނުލެވި ހިތްހަމައެއް ނުޖެހޭ. ދުވަހެއް ނުދާނެ އެތަނަށް އެރިނުލައެއް މިހާރު ވެސް. އެންމެ ފުރަތަމަ (ހޮވުމަކަށް ވެސް) ނަގާނީ އެތަންކަން ނޭނގެ"
"ރާޅުގަނޑަކީ އަޅުގަނޑުގެ އެންމެ ފުރަތަމަ ލޯބިވެރިޔާއޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެ އަސްލު. އެހާ ވެސް އެތަން ދެކެ ލޯބިވޭ. ވަރަށް ބައިވަރު ކުރިއެރުން ހޯދައިދިން ތަނެއް އެއީ. އިއްސެ، އިއްސެ އަށް ހެދީ އެތަނޭ ބުނެވޭނީ."
ކޮންމެގޮތެއްވިޔަސް ރާޅާއަޅާކުދިން މިހާރު އެފާޅުކުރާ ހިތްހަމަނުޖެހުންތަކުގެ ވާހަކަ ދޫކޮށެއް ނުލެވޭނެ. ލޮނުޒިޔާރަތްކޮޅުގައި ބްރިޖު އަޅާތީ ރާޅު އެއްވެސް ކުއްޖަކު އެކަމާ ހިތްހަމަޖެހޭހެނެއް ހީއެއް ނުވޭ. ކޮބައިތަ މި މައްސަލައިގައި އިއްސެގެ ހިޔާލަކީ؟
"އަޅުގަނޑު ވެސް އެމީހުންނާ އެކު މި އުޅެނީ ސަޕޯޓް ދައްކަން. ދެން އަޅުގަނޑު ވެސް އުޅެންވާނެތާ"
އަސްލު މި އުޅެނީ (ރާޅުގަނޑުގައި އަޑުއުފުލަނީ) ބްރިޖު އަޅާތީކީއެއް ނޫން. އެއްގޮތަކަށް ވެސް ހީނުކުރާތި ބްރިޖާ ގުޅުންހުރި ކަމެކޭ މިއީ. ބްރިޖަކާ އަޅުގަނޑުމެން އެއްގޮތަކަށް ވެސް އިދިކޮޅެއް ނޫން. ބްރިޖު އަޅަންވީ. އެކަމަކު މައްސަލައަކަށް ވަނީ އޭގެ ސަބަބުން ރާޅުގަނޑަށް ކުރާނެ ނޭދެވޭ އަސަރު. އެ އިމްޕެކްޓް ކުޑަކޮށް، މި ތަން ހަލާކުނުކޮށްލައި ވެސް އެބައޮތޭ އެކަން ކުރެވެން. އެގޮތަށް އޯކޭއޭ. އަޅުގަނޑުމެންނާ ވެސް ވާހަކަ ދައްކާލައިގެން"
"މީގެ އެންމެ ބޮޑު މައްސަލަ އަކީ ކޮމިއުނިކޭޝަން ދަށްވުން. ވާހަކަ ނުދެކެވި އޮތީ. އެހެންވެގެން އަސްލު މި މައްސަލަ ދިމާވެގެން މި އުޅެނީ. ސަރުކާރުން އެއްބާރުލުމެއް ވެސް ނުދޭ. ވަރަށް ބައިވަރު ސިޓީތައް ސާފް އެސޯސިއޭޝަނުން ވެސް ލައިގެން މި އުޅެނީ. އެކަމަކު ޖަވާބެއް ނުލިބޭ"
ރާޅާއަޅާ ކުދިންނަކީ ތިމާވެއްޓަށް ވެސް ވަރަށް ލޯބިކުރާ ބައެއް. އެތަން ސާފުކޮށް ގަވާއިދުން ބެލެހެއްޓުމަކީ ވެސް އެމީހުން ވަރަށް ލޯބިންކުރާ ކަމެއް. އެހެންވީމަ އެތަން ހަލާކުވެދާނެތީ އޭތި މި އަންނަނީ. އެތަން ޖެތިއްޖެއްޔާމު ރާޅާއެޅުން ދިޔައީ."
ތިބުނާ ވަރަށް ރާޅުގަނޑު އެމީހުންނަށް އަދި އިއްސެ އަށް މުހިންމުވާ ސަބަބު ކިޔައިދީ ބަލަ؟ ބައެއް މީހުން ބުނަނީ ރާޅާ އަޅާ ހައެއްކަ ކުދިންނަށްޓަކައި ތަރައްގީއެއް ނުހުއްޓުވޭނެއެއް ނޫންހެއްޔޭ؟
"ވަރުނުލާ ރާޅުގަނޑޭ އެތަނަށް ކިޔަނީ ވަރަށް ބޮޑު ހިސްޓްރީއެއް އޮތީމަ ދޯ އެތަނުގައި. އެހެންވެގެންހެން ހީވަނީ. އެކަމަކު އެތަނަކީ ހަމައެކަނި ރާޅާއަޅާ މީހުންގެ ތަނެއް ވެސް ނޫން. ހިނގާލަން އަންނަ މީހުންނާއި ކުޑަކުދިން ގޮވައިގެން އަންނަ މީހުން ވެސް. ވަރަށް ހިތްހަމަޖައްސާލަދޭ ތަނެއް ދޯ އެތަނަކީ. އެހެންވީމަހެން ހީވަނީ އެތަން އެހާ މުހިންމު ތަނަކަށް ވަނީ. ހަމައެކަނި ރާޅާއަޅާކަށް ނޫން."
"މިހާރު ވެސް ކޮންމެ ހުކުރު ދުވަހެއްގައި އެތަނުގައި ހެސްކިޔާފަ މީހުން އޮންނާނެ. މީހުން ވަރަށް އެންޖޯއިކުރާތަނެއް އެތަނަކީ."
އިއްސެ އަށް ގަބޫލުކުރެވޭތަ އެ ސަރަހައްދުގައި ބްރިޖު އެޅުމަކީ ރާޅުގަނޑު ހަލާކުވެ ސާފަރުންނަށް އެތަން ބޭނުންނުކުރެވިދާނެ ވަރުގެ މައްސަލަތަކެއް ނުކުމެދާނެ ކަމެއް ކަމަށް؟
"އަޅުގަނޑު ވެސް ގަބޫލުކުރަން ބްރިޖު އެޅުމުގެ ސަބަބުން ރާޅުގަނޑު ހަލާކުވެދާނެ ކަމަށް. މިހާރު އެ ކުރަމުންދާ މަސައްކަތް އެގޮތަށް ކުރިއަށް ގެންދާ ނަމަ އެތަން ހަލާކުވާނެކަން އެނގޭ. އެކަމަކު އަދި އެތަނެއް ނުދައްކާ. އެވަރުގެ އަސަރެއް ނުކުރޭ ރާޅަކަށް ވެސް. އަނެއްކާ މިއީ އޮފް ސީޒަންވީމަ ވަރަށް ތަފާތުވާނެ ރާޅުތައް އަރާގޮތް."
"އެކަމަކު މިތަން ހަލާކުނުކޮށް ބްރިޖު އެޅޭނެ އޮޕްޝަންސްތައް ވެސް އެބަހުރި. ބްރިޖު އެޅީމަ ގެއްލުންވާނެއޭ މި ބުނަނީ މިހާރު ވެސް އެތަން އެންމެ ކުރިން އޮތްގޮތާ ވަރަށް ތަފާތު. މިހާރު ވެސް އެތަން ހިއްކާފަ އާޓިފިޝަލް ބީޗު ހެދީމަ ވެސް އޮއިވަރާ އެއްޗިއްސަށް ބަދަލުއަންނާނެ. ދެން އަނެއްކާ (ބްރިޖު އެޅީމަ) ޔަގީނަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ. ބްރިޖުގެ ތަނބުތަކުން ބްލޮކްވާނީ ރާޅުތައް ވަންނަތަން."
އެހެންވީމަ ކިހިނެތްތަ ހަދަން ޖެހޭނީ މި މައްސަލައެއް ހައްލުކުރަން. ކޮންމެ ގޮތެއްވިޔަސް ބްރިޖުގެ މަސައްކަތެއް ދެނެއް ނުހުއްޓުވޭނެތާ. އެބައޮތްތަ މި ރާޅުގަނޑުގެ މައްސަލަ ހައްލުކުރެވިދާނެ އެހެން ގޮތެއް؟
"އަސްލު ވަރަށް ގިނަ މީޓިންތަކަށް ވެސް ދެވިއްޖެ ތިކަމާ ގުޅިގެން. ހައްލެއް ހޯދުމުގެ ގޮތުން. ކޮންމެ ފަހަރަކު ވެސް މިނިސްޓްރީ އަށް ދިޔައީމަ ވާހަކަތަކެއް ދެކެވެނީ. އެ ވާހަކަ ދެކެވިފަ ރަސްމީ ސިފައެއް ނާދޭ. މަސައްކަތެއް ކުރެވޭ ތަނެއް ނާދޭ. ދެން ވާނެ ގޮތަކީ އެގޮތަށް ރަނގަޅުނުވެ ބްރިޖުގެ މަސައްކަތް ކުރިއަށްދާތަން ފެނުނީމަ (ރާޅަށް ދާ ކޮންމެ ކުއްޖަކު) ވެސް ދެރަތާ ވާނީ."
"އެކަމަކު މި މައްސަލަ ރަނގަޅަށް ހައްލުކުރެވޭނެ ގޮތެއް އެބައޮތް. ވާހަކަ ދައްކަންވީ. ރަނގަޅަށް ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ. އެ ވާހަކައިން އަމަލީ ސިފައެއް ވެސް ނެރެން އެބަޖެހޭ."
މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖަކަށް ވުރެ ރާޅުގަނޑު މުހިންމުވާ ސަބަބު ކިޔައިދީ ބަލަ؟ އަދި ބްރިޖަށް ވުރެ އިއްސެގެ އެކުވެރި ރަޅާއެޅުންތެރިން މުހިންމުވާ ސަބަބަކީ ކޮބާ؟
"ނޫނޭ ނޫނޭ އެއްގޮތަކަށް ވެސް އެހެނެއް ނޫން. ރާޅުގަނޑު ވަކި މުހިންމުވަނީކީއެއް ނޫން. ބްރިޖު އަޅަންވީއޭ. އެކަމަކު އޭގައި އިންނަ ގޮތަށް ދިރާސާތައް ވެސް ކޮށްގެން. ރިސަޗެއް ހެދި ވާހަކަ ވެސް ބުނޭ. އެކަމަކު އެ އެއްޗެއް ވެސް ނުއެއް ފެނޭ. އެހެންވީމަ އެތަނަށް އެރޭ މީހަކަށް ދޯ އެނގޭނީ (ބްރިޖުގެ ސަބަބުން) އެތަނަށް އަންނާނެ ޗޭންޗް."
ރާޅުގަނޑުގެ މައްސަލައިގެ މުޒާހަރާ މިގޮތަށް ކުރިއަށް ގެންދިއުމަކީ އެންމެ ބުއްދިވެރިގޮތް ކަމަށް އިއްސޭ އަށް ގަބޫލުކުރެވޭތަ؟
"މިގޮތަށް އަޑުއުފުލަން ވެސް އެބަޖެހޭ. އެކަމަކު މިއީ މުޒާހިރާއެއް ނޫން އެއްގޮތަކަށް ވެސް. އެގޮތަށް ނުވިސްނާ. ބަޔަކަށް ކިޔައިދޭން، މިތަނުގައި ހުރި މުހިންމުކަމާއި އެތައް ގޯލްޑް މެޑަލްތަކެއް ރާއްޖެ އަށް ހޯދައިދީފައިވާ ކުޅިވަރެއްގެ މުހިންމުކަން ބުނެދޭން މި މަސައްކަތްކުރަނީ. އެ ކުޅިވަރު ނެތިގެން ހިނގައިދާނެތީ އެކަމާ ވާހަކަ ދައްކަން މި މަސައްކަތް މިކުރަނީ."
މީހުން ބުނޭ ބްރިޖުގެ މައްސައްކަތް ރާޅުގަނޑުގައި ކުރިއަށްދާތީ ބައެއް ރާޅާއެޅުންތެރިން އެކަމާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލަނީ ސިޔާސީ ވާދަވެރި ފިކުރުތަކެއްގައި ވެސް ޖެހިގެން ކަމަށް. އިއްސެ ގަބޫލުކުރަންތަ މިއީ ސިޔާސީ ކުލަޖެހިފައިވާ މުޒާހަރާއެއް ނޫން ކަމަށް؟
"މިއީ ސިޔާސީކަމެއްގެ ގޮތުގައެއް ވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ރާޅާއެޅުންތެރިންނަކީ އެއްވެސް އިރެއްގައި ސިޔާސީ ބައެއް ނޫން. ރާޅަކާ އެޅީމަ ދެން ނޯވޭ ވިސްނާނެ އިތުރުކަމެއް. އެއްގޮތަކަށް ވެސް ރާޅާއަޅާ ކުދިންނަކީ ސިޔާސީ ބައެއް ނޫން. ނުވެސްވާނެ އަދި އެމީހުން އެގޮތް ބޭނުމެއް ވެސް ނުވާނެ."
"އެކަމަކު މިއީ ސިޔާސީކަމެކޭ ކިޔައިގެން އެކަހަލަ ފާޑުފާޑުގެ ވާހަކަ ދެކެވޭނެ. ވަރަށް އެހެން ކަހަލަ ދަނޑިވަޅެއްގައި ގައުމު މި އޮތީ. އެއީހެން ހީވަނީ މީހުން އެގޮތަށް ދެކޭ ސަބަބަކީ ވެސް."
ސަރުކާރުން އެބަ ބުނޭ ރާޅުގަނޑަށް އޯލްޓަނޭޓިވްއެއް ހޯދައި ދެވިދާނެއޭ. އެފަދަ އޯލްޓަނޭޓިވްއަކަށް ދާ ނަމަ، އިއްސޭގެ ހިޔާލުގައި ހުޅުވާލަ ދެވެން ހުރި ފުރުސަތުތަކަކީ ކޮބާ މާލޭގެ ސާފަރުންނަށް؟
"ސޮލިއުޝަނެއް ހޯދައި ދޭނަމޭ ބުނެފައި އޮތީ ސަރުކާރުން. އެމީހުން ބުނަނީ މިތާ ކައިރީގައި އޮންނަ ތަނބުރުދޫ އަށް ފެރީ ސިސްޓަމަކާ އެއްޗެހި ހަމަޖައްސައިދޭނަމޭ. ކޮށްދޭނަމޭ ބުނަނީ އެކަކު އެ މަސައްކަތް ކުރިއަކަށް ނުދޭ. ކޮށްދޭނަމޭ ކޮށްދޭނަމޭ ބުނަނީ. އެހެންވީމަ އަވަހަށް ފެރީ ސިސްޓަމެއް ވެސް ހޯދައިދޭންވީ. ރާޅާއަޅާނެ ގޮތެއް ހަމަޖައްސައިދޭންވީ."
"އެކަމަކު އެގޮތެއް ނުވެސް ފެނޭ. މިސާލަކަށް އެފަދަ ފެރީ ސިސްޓަމެއް ހަމަޖައްސައިދީފިއްޔާމު ހީވޭ މީތި މިއަށް ވުރެ ރަނގަޅު ގޮތަކަށް ދާނެހެން ވެސް. އެކަމަކު އެއީކީ ވެސް އަސްލު ސޮލިއުޝަނެއް ނޫންކަންނޭނގެ."
"އެބައުޅޭ ސްކޫލްތަކުގައި އުޅޭ ކުދިންނާއި ވަޒީފާތަކުގައި އުޅޭ ކުދިން ވެސް ރާޅާއަޅަން. އެމީހުންނަށް ވަރަށް އުނދަގޫވާނެ ދޯ. އަދި ސާފް ސްކޫލެއް ހިންގާ ބަޔަކަށް ވަރަށް އުނދަގޫވާނެ ދޯ ކަނޑު ހުރަސްކޮށްފައި ރާޅާއަޅަން ދިއުން."
ވަރުނުލާރާޅުގަނޑާއި ތަނބުރުދޫ އަޅާކިޔާ ނަމަ އިއްސެ އަށް މި ދެ ރާޅު ސްޕޮޓްގެ ތެރެއިން ބޮޑަށް ކަމުދަނީ ކޮން ތަނެއް؟ މި ދެ ތަނުގެ ތަފާތު ކިޔައިދީބަލަ؟
"އަޅުގަނޑަށް ހަމަ ހާއްސައަކީ މާލޭގެ ރާޅުގަނޑު. އެއީ މިތަނުގައި އިންނާނީ ތިން ރާޅު. ތަފާތު ތިން ރާޅު. އަދި ވަކިން ހާއްސަކޮށް މިތަނަކީ ކޮމްޕެޓިޝަންތަކަށް، ޓްރެއިނިން އަށް ވެސް ހަމަ އެއްވަނައިގެ ތަނެއް."
"ތަނބުރުދޫ އަކީ އަދި މުޅިން ތަފާތުތަނެއް. އެތަނަކީ ވަރަށް މީހުން ވެސް ގިނަތަނެއް. ޓުއަރިސްޓުން ވަރަށް ގިނައިން ދާތަނެއް. އެހެންވީމަ ވެސް ވަރަށް އުނދަގޫވާނެ. ރާޅުގަނޑުގައި ނަމަ ވަރަށް ބައިވަރު ޗޮއިސް އެބަ ލިބޭ ރާޅާއަޅަން. ރާޅުގަނޑުގައި އަބަދުވެސް ރާޅު ނަގާނެ. ތަނބުރުދޫގައި އެ ޗޮއިސްއެއް ނެތް."
ރާޅާއެޅުންތެރިންނަކީ ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް އަދި ރީތި ނަންތަކެއް ރާއްޖެ އަށް ހޯދައިދީފައިވާ ބައެއް. އެކަން އެންމެން ވެސް ގަބޫލުކުރޭ. އޭގެ ހަގީގީ އަގު އެކަމަކު މިހާތަނަށް ވެސް ވަޒަންނުކުރެވި އޮތް ކަމަށް ވަނީ. ކިހިނެތް ހެދީމަހެން އިއްސެ އަށް ހީވަނީ ރާޅާ އެޅުންތެރިންގެ އަގު ވަޒަންކުރެވި އެމީހުންގެ ހައްގުތައް އެމީހުންނަށް ހޯދައި ދެވޭނީ؟
"ބުނެވޭނީ ރާޅާއެޅުމަށް ސަރުކާރުން ހަމަ އެއްވެސް ކަހަލަ އެއްބާރުލުމެއް ނުދެޔޭ. މިވީހާ ތަނަށް ވެސް އަގުވަޒަންއެއް ނުކުރެއޭ. އެކަމަކު މި ވަނީ ބައިވަރު މެޑަލްތަކެއް އިންޓަނޭޝަނަލް ލެވެލްގައި ވެސް ހޯދާފައި. މިއަށް ވުރެން ވަކި ރަނގަޅު ކުޅިވަރެއް ހީއެއް ނުވޭ އޮތްހެން. މުޅި ރާއްޖެ ވަށައިގެން މި އޮތީ މޫދު. އެކަމަކު މި ކުޅިވަރަކަށް ސަޕޯޓެއް ނުދެޔޭ ބުނެވޭނީ."
"ސަޕޯޓް ދޭ ނަމަ މިއީ ވަރަށް ކުރިއަށްދާނެ ކުޅިވަރެއް. އެސޯސިއޭޝަނެއް ވެސް އެބަ އޮވޭ. އެމީހުންގެ އަހަރީ ބަޖެޓެއް ވެސް އޮވޭ. އެ ބަޖެޓް ދީ ސަރުކާރުން މި އަށް ފަންޑްރައިޒް ވެސް ކޮށްދޭ ނަމަ ވަރަށް ރަނގަޅުވާނެ. މިހާރު ވެސް އަޅުގަނޑުމެން ބޭރުގެ މުބާރާތަކަށް ދާ ނަމަ މި ޖެހެނީ ކޮންމެވެސް މީހަކަށް ސިޓީއެއް ލިޔެގެން ސަލާންޖަހައިގެން އެކަންކުރަން."
"އޭގެ ބަދަލުގައި (ގައުމަށް) މި ރީތިނަން ހޯދައިދޭއިރު ކީއްވެހޭ ސަރުކާރުން ސަޕޯޓްނުދޭންވީ؟"
އަބަދުވެސް ފުޓްބޯޅަ އަށް ކުރާ ހޭދަ ބޮޑު ވާހަކަ އާއި ނަތީޖާ ނުނިކުންނަ ޝަކުވާގެ އަޑު އިވެނީ. އިއްސެ އަށް ގަބޫލުކުރެވޭތަ އެ ވަރުގެ ބޮޑު އެއްބާރުލުމެއް ސަރުކާރުން މި ކުޅިވަރަށް އިންވެސްޓްކުރާ ނަމަ އަދި މިއަށް ވުރެ މާ ގިނަ ކާމިޔާބީތައް ލިބޭނެ ކަމަށް؟
"މި އޮތީ ވަރަށް ރީތި މިސާލެއް ދައްކައިދީފަ. ބައިވަރު ވަނަތަކެއް (ރާއްޖެއިން ބޭރުން ވެސް) ހޯދައިދީފަ. ރާއްޖެތެރެއަށް ވެސް މި ކުޅިވަރު މި ދަނީ ބޮޑުވަމުން. ރާޅާއަޅާ ކުދިން މަދެކޭ ނުބުނެވޭނެ. ސަޕޯޓް ދޭ ނަމަ އަދި ކިހާ ދުރަކަށް ދާނެ. މިހާރު ވެސް އެ ސަޕޯޓް ނުލިބޭއިރު ވެސް އެކި ތަންތަނަށް ގޮސްގެން އެ ހޯދަނީ ގޯލްޑް މެޑަލް."
އެންމެން ނުވަތަ ގިނަ ބަޔަކު ބްރިޖަށް އެދި ގޮވަމުންދާއިރު ގަބޫލުކުރަންތަ ރާޅަށް ދާ ވިއްސަކަށް ކުދިން ލައްވާ ހަޅޭއަކަށް ސަރުކާރުން ކަންފަތެއް ދޭން ޖެހޭ ކަމަށް؟
"މިއީ ވެސް ރާއްޖޭގައި އޮތް ވަރަށް ވަރުގަދަ ކުޅިވަރެއް ދޯ މިހާރު. ބްރިޖާ އަޅުގަނޑުމެން އިދިކޮޅެއް ނޫނޭ މި ބުނަނީ. އެކަމަކު މި ކުޅިވަރު ނެތިގެންދާތަން ބަލަން އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ. އެހެންވީމަ އެ ކުދިން (ސާފަރުން) ވެސް އަޑުއުފުލަނީ."
އެހެންވީއިރުގަ، ގިނަ މީހުން ބޭނުންވާ ގޮތް ރާޅާ އެޅުންތެރިން ބޭނުންނުވަނީ ކީއްވެ؟ ގިނަ ބަޔަކު، ތި މަންނަމެން ބޭނުމީ ބްރިޖޭ ބުނީމަ އެ ތަރައްގީއަށްޓަކައި ރާޅުގަނޑު ގުރުބާންކޮށްލަން ބޭނުން ނުވަނީ ކީއްވެގެންހެން އިއްސެ އަށް ހީވަނީ؟
"ތަރައްގީއަށްޓަކައި މިތަން، ބުނެވިދާނެ މިހާރު ގުރުބާންކޮށްލަނީއޭ ވެސް. އަޅުގަނޑުމެން އެއްގޮތަކަށް ވެސް ބްރިޖު އެޅުމަކާ ދެކޮޅެއް ނޫން. އަޅުގަނޑުމެން މި ބުނަނީ އެޅެން އެހެން ގޮތްގޮތް ވެސް އެބަހުއްޓޭ. ބްރިޖު ވެސް އަޅަންވީ. ތަރައްގީ އަށް ހުރިހާ ކަމެއް ވެސް ކުރަންވީ. އަޅުގަނޑުމެންނަށް މިކަން ވެސް ކޮށްދޭންވީއޭ."
އިއްސެ ތިއީ ރާއްޖޭގެ އެއް ވަނަ. ޝޯޓްބޯޑް ސްޕެޝަލިސްޓެއް. އިއްސެގެ އެންމެ ބޮޑު ފަހުރަކީ ނުވަތަ ތި ކާމިޔާބު ކެރިއަރުގެ ސިއްރަކީ ކޮބާ؟
"މި ކާމިޔާބީގެ ސިއްރަކީ ބުނެވޭނީ އަޅުގަނޑުގެ މައިންބަފައިންނޭ. ދެން ރާޅުގަނޑު."
"ފެމިލީ ވަރަށް ސަޕޯޓިވްވާނެ. ވަކިން ހާއްސަކޮށް މަންމަ. މުބާރާތް ބާއްވާއިރު ވެސް އަބަދުވެސް ސަރުބަތު އެއްޗެހި ގިރާލައިގެން އައިސް ގެނެސްދޭނެ. އެގޮތަށް ރާޅާއަޅަން ވަރަށް ސަޕޯޓްކުރާނެ. އެއަށް ފަހު ސީސްޕޯޓްސް ދެން ސަޕޯޓްދޭ ބަޔަކީ. އަޅުގަނޑު މިހައި ހިސާބަށް އައުމުގެ އެއް ސަބަބު އަދި ކާމިޔާބީގެ ވަރަށް ބޮޑު ސިއްރެއް ސީސްޕޯޓްސް އަކީ. އެމީހުންނަކީ އަޅުގަނޑުގެ ސްޕޮންސާ. ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ވެސް ބޭނުންވޭ އެމީހުންނަށް މި ފުރުސަތުގައި."
މީހުން ބުނޭ ރާއްޖޭގައި ނަމުގެ ކުރިއަށް ކުޑަ ލައިފި ނަމަ ދެން އެމީހަކު ވަރަށް މޮޅުވާނެއޭ. ވަކިން ހާއްސަކޮށް ކުޅިވަރުގައި. ހުރިހާ ކުޑަ އިއްސެ އަކާއި ކުޑަ ހަސަނަކާއި މޫސައަކީ ހުސް ލެޖެންޑުން. ކުޑަ އިއްސެ އަށް ކުޑައިއްސެ ވީ ގޮތަކީ ކޮބާ؟ އަދި އިއްސޭ ގަބޫލުކުރަންތަ ނަމުގެ ކުރިއަށް ކުޑަ އައީމަ އިތުރަށް މޮޅުވަނީ ކަމަށް؟ ނުވަތަ އެއީ އިއްތިފާގެއްތަ؟
"ކުޑަ އިއްސެ (ނަމުގެ ކުރިއަށް މި އަންނަ ގޮތަކީ) އަޅުގަނޑު ފުރަތަމަ ރާޅާ އަޅަންފެށިއިރު އެތަނުގައި ހުރި އެންމެ ކުޑަކުޑަ ކުއްޖަކަށް ވާނެކަން ނޭނގެ އަޅުގަނޑު އޭރު. އެތަނުގައި އޭރު ތިބި މީހުން ދިން ނަމެއް "ކުޑައިއްސެ" އަކީ. ވަރަށް ފަހުރުވެރިވޭ ކުޑައިއްސެ ކިޔާތީ. ވަރަށް ބޮޑު ހިތްވަރެއް ލިބޭ."
"އެއްގޮތަކަށް ވެސް ނޭނގޭ ނަމުގެ ކުރިއަށް ކުޑަ އައީމަ މޮޅުވަނީކަމަކަށް. ރާއްޖޭގައި ވެސް ވަރަށް ގިނަ މީހުން އެބަތިބި އެގޮތަށް ނަމުގެ ކުރިއަށް ކުޑަ އަންނަ. އެގޮތުން ވަރަށް ސަޕޯޓްކުރާ މީހެއް ކުޑަމޫސަ އަކީ. ހީވަނީ ނަމުގެ ކުރިއަށް ކުޑަ، ކިޔާފައި ތިބޭ މީހުން މޮޅުވުމަކީ ހަމަ އިއްތިފާގެއްހެން."
ވަރަށް ގިނަ ޒުވާން ރާޅާއެޅުންތެރިން ނަމޫނާ އަކަށް ބަލާ ފަރާތެއް އިއްސެ އަކީ. އެކަމަކު މީހުން ބުނޭ ދެ ވަނަ އިއްސެއެއް ދެން ނުއުފެދޭނެއޭ. އިއްސެގެ ތި ކާމިޔާބީ ތަކުރާރުކުރާނެ އެހެން ރާޅާއެޅުންތެރިޔަކު އެބަ ފެނޭތަ؟
"އިރާދަކުރެއްވިއްޔާ އެފަދަ ވަރަށް ބައިވަރު ކުޑަ އިއްސެ ފެންނާނެއޭ ބުނާނީ. ވަރަށް ކައިރި މުސްތަގުބަލެއްގައި ފެންނާނެއޭ ބުނާނީ. އެ މަސައްކަތް މިހާރު މި ދަނީ ކުރަމުން. އެންމެ ކުޑައިއްސެއެއް ނޫން، ބައިވަރު ކުޑައިއްސެތަކެއް ނުކުންނާނެ. މިހާރު ވެސް ހުންނާނެ ކުޑައިއްސެތަކެއް ނެރެފައި.. ވަރަށް ޓެލެންޓެޑް ކުދިން އެބަތިބި މިހާރު."
"އަޅުގަނޑަކީ ވަރަށް ކިޔަވައިދޭހިތްވާ މީހެއް. އަޅުގަނޑަށް އެނގޭ އެއްޗެއް އެހެން މީހަކަށް ކިޔައިދިނުމަކީ ވަރަށް އުފަލާ އެކު ކުރާ ކަމެއް. މިހާރުގެ އަމާޒަކީ ވެސް މި އިއްސެ ނޫން އެހެން އިއްސެއަށް އުފައްދާފައި މިކަން ހުއްޓާލާ ދުވަހު ހުއްޓާލަން."
މީހުން ބުނޭ ރާޅާއަޅާ މީހެއްގެ ސިކުނޑި އާދައިގެ މީހެއްގެ ސިކުނޑިއާ ވަރަށް ތަފާތުވާނެއޭ. ރާޅާއަޅާ މީހެއްގެ ސިކުނޑީގެ ތަފާތަކީ ކޮބާ؟
"ވަރަށް ތަފާތުބައެއް ރާޅާއަޅާ މީހުންނަކީ. ފުރަތަމަ ހޭލާއިރު ވެސް ބަލަން ބޭނުންވާނީ ރާޅު. އެހާ ވެސް ގާތް ރާޅާ. ދެން ރާޅާ އަޅާ މީހުންނަކީ ވަރަށް އެންވަޔަރޮމެންޓް ފްރެންޑްލީ ބައެއް. ބީޗް ކްލީނިން އާއި ގަސް އިންދުން ކަހަލަ މަސައްކަތް ވެސް ކުރާ ތަފާތު ބައެއް. ވަރަށް މަޖާ ސަކަރާތް ވެސް ޖަހާ ބައެއް. ހެދުން އެޅުމަށް ވެސް ވަރަށް ބަލާ ބައެއް. މުޅިން ތަފާތު ގޮތަކަށް ތިބޭ ބައެއް"
"އެކަމަކު ކުރީގައި ނަމަ ރާޅާ އަޅާ ނަމަ މޫދަށް އެރޭ ނަމަ އެއީ ވަކަރުގޭ. އެކަމަކު ރާޅާއަޅާ ކުދިން އޭތި ބަދަލުކުރީ. މިހާރު އެނގޭނެ ވަކަރުގޭ ކުދިންނެއް ނޫންކަން ރާޅާއަޅާ ކުދިންނަކީ."
- ފޮޓޯގްރެފީ: މިލްޒީރޯ ނިޝާން
- ސްޓައިލިސްޓް: ނޫރާ
- މޭކަޕް އާޓިސްޓް: ޖަސްޓިން
- ވޯޑްރޯޑް: ސީ ސްޕޯޓްސް
- އެސިސްޓަންޓް: ޝިއުސް
- ޕްރޮޑަކްޝަން މެނޭޖަރު: އަހުމަދު ނާއިފް